ޔުއޭފާ ނޭޝަންސް ލީގު، ގްރޫޕް ހަތަރެއްގެ އެންމެ ކުރީގައި އޮތް ސްޕެއިނުން ޑެންމާކް ބަލިކޮށްފިއެވެ.
ޔޫރޯ މުބާރާތް ކާމިޔާބުކުރި ފަހުން އަމިއްލަ ފަސްގަނޑުގައި ސްޕެއިނުން ކުޅުނު ފުރަތަމަ މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
މެޗު ފެށުމުގެ ކުރިން ސްޕެއިންގެ ޓީމުން ވަނީ މެޗު ބަލައިލަން ވަދެ ތިބި ސަޕޯޓަރުންނަށް ޔޫރޯ ތަށި ދައްކާލައިފައެވެ.
މެޗުގައި ސްޕެއިންގެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ޑެންމާކްގެ ޑިފެންސް ފޫއަޅުވައިލަން އުނދަގޫވިއެވެ. ފުރަތަމަ ހާފުގައި ވެސް ސްޕެއިނުން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ކެޕްޓަން އަލްވާރޯ މޮރާޓާ ފޮނުވާލި ދެ ހަމަލާއެއްގެ އިތުރު ލެމީން ޔަމާލް ފޮނުވާލު ނުރައްކާތެރި ހަމަލާއެއް ވެސް ޑެންމާކްގެ ކީޕަރު ކެސްޕާ ޝޫމައިކަލް ވަނީ ދިފާއުކޮށްފައެވެ.
މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ސްޕެއިން މެޗުން މޮޅުކޮށްދިނީ މާޓިން ޒުބިމެންޑީއެވެ. ޕެނަލްޓީ އޭރިއާގެ ވެސް ބޭރުގައި ހުރެފާ ފޮނުވާލި މި ހަމަލާ ދިފާއުކުރަން ޝޫމައިކަލަށް ވެސް މާ ބޮޑު ކަމެއް ކުރެވޭގޮތެއް ނުވިއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
މި ކާމިޔާބީއާ އެކު ސްޕެއިނުންވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓާ އެކު ޑެންމާކް ފަހަތަށް ޖައްސާލާ ގްރޫޕްގެ އެއްވަނައަށް އަރާފައެވެ. ޑެންމާކް އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގައެވެ.
މި ގްރޫޕްގައި އަންނަ ހަފުތާގެ އަންގާރަ ދުވަހު ކުޅޭ މެޗުގައި ސްޕެއިނާއި ސާބިއާ ކުޅުމަށް ހަމަޖެހިފައިވާއިރު ޑެންމާކް ނުކުންނާނީ ސްވިޓްޒަލަންޑާ ދެކޮޅަށެވެ.
މި ގްރޫޕްގައި ސާބިއާއާއި ސްވިޓްޒަލަންޑް ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ ސާބިއާއިންނެވެ.
ސާބިއާގައި ކުޅުނު މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ ސްވިޓްޒަލަންޑްގެ ނީކޯ އެލްވެޑީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި، ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސެންޑާ މިޓްރޮވިޗެވެ. މި ކާމިޔާބީއާ އެކު ސާބިއާ މިހާރު ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައި އުޅޭއިރު ސްވިޓްޒަލަންޑް އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ.