އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގައި ބާރުގަދަ ގޮވުންތަކެއް ގޮވައިފި

އިސްރާއީލުގެ ޓެލްއަވީވުގެ ދެކުނުގައި ބައެއް ތަންތަން ގޮވަނީ

ޓެލްއަވީވު (12 އޮކްޓޯބަރު 2024) : އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގައި ބާރުގަދަ ގޮވުންތަކެއް ގޮވައިފިއެވެ.

އިސްރާއީލުގެ މީޑީއާތައް ބުނާގޮތުން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ދިން ރޮކެޓާއި މިސައިލް ހަމަލާތަކާއެކު ބާރުގަދަ ގޮވުންތަކެއްގެ އަޑުތަކުން ޓެލްއަވީވު ވަނީ ގުގުމާލާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެ މުއައްސަސާއިން ސެންސަރު ނުކުރާ ޚަބަރުތައް ފެތުރުން މަނާކޮށްފައެވެ. އެހެންކަމުން ގޮވުންތައް ގޮވީ ކޮންތަނެއްގައިކަމާއި ހިޒްބުﷲގެ މިސައިލްތައް އަމާޒުކުރީ ކޮންތަންތަނަކަށްކަން އިސްރާއީލުގެ މީޑީއާތަކުން ވެސް އަދި ބޭރުގެ މީޑީއާއަކުން ވެސް ހާމަކޮށްފައެއް ނުވެއެވެ.

ހިޒްބުﷲ އާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުން ހިޒްބުﷲ ގެ ރޮކެޓްތަކާއި މިސައިލްތައް އަމާޒުކުރީ ޓެލްއަވީވުގެ ދެކުނުގައިވާ ހައިފާ ސަރަހައްދުގައި ހުރި ޑައިނަމިޓް އާއި ބަޑިބޭސްފަދަ ގޮވާތަކެއްޗާއި ކެމިކަލް އުފައްދާ ކާރުޚާނާއަކަށެވެ. އެތަންތަނަށް ހިޒްބުﷲ ގެ ބައެއް ރޮކެޓްތައް އެރިކަމަށް އެ ޖަމާއަތުން ކަށަވަރުކޮށްދެއެވެ.

ނަމަވެސް އިސްރާއީލު އަބަދުވެސް ބުނާގޮތަށް މިފަހަރުވެސް ބުނެފައިވަނީ ހިޒްބުﷲއިން ޓެލްއަވީވަށް ދިން މިސައިލާއި ރޮކެޓް ހަމަލާތައް މަތަކޮށްފައިވާކަމުގައެވެ. ނަމަވެސް އޭގެ ބައިތައް ވެއްޓިފައިވާކަމުގައެވެ.

ހިޒުބުﷲގެ ބައެއް ރޮކެޓްތަކާއި މިސައިލްތައް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުން މަތަކުރިނަމަވެސް އަނެއްބައި ރޮކެޓްތަކާއި މިސައިލްތައް މަތަނުކުރެވި އިސްރާއީލުގެ އެތައް ސަރަހައްދަކަށް އަރައެވެ. މިއީ މާކުރިންވެސް ހާމަވެފައިވާ ހަގީގަތެކެވެ.

އިސްރާއީލުގެ އުތުރުގެ ޖަލީލު ސަރަހައްދުގައިވާ ޔަހޫދީ އަވަށްތަކުން މީގެ އަހަރެއްހާ ދުވަސްކުރިން މީހުން ހުސްކުރަން ޖެހިފައިވަނީވެސް ހިޒްބުﷲ ގެ ހަމަލާތައް އެއަވަށްތަކަށް އަރާތީއެވެ. އެތަންތަނުގައި ދިރިއުޅޭ ލައްކައެއްހާ ޔަހޫދީ ވަޒަންވެރިން ރެފިއުޖީންގެ އިސްރާއީލުގެ އެކި ސަރަހައްދުގައި ވަނީ ދިރިއުޅެން ފަށާފައެވެ. އެ އަވަށްތައް ވަނީ ފަޅުވެފައެވެ. އަދި އެ ތަންތަން ވަނީ ހިޒްބުﷲގެ ހަމަލާތަކުގައި ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އިއްޔެ ވެސް އިސްރާއީލުގެ ދިފާއީ ނިޒާމުތަކަށް މަތަނުކުރެވުނު ރޮކެޓްތަކެއް އިސްރާއީލުގެ އުތުރުގެ ޔަހޫދީ އަވަށެއްކަމަށްވާ ކްރިޔަތް ޝުމުނާއަށް އަރައި ދެމީހަކު މަރުވެ ހަތް މީހަކު ޒަޚަމްވެފައިވެއެވެ. މިކަން އިސްރާއީލުގެ ރަސްމީ މީޑިއާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އިސްރާއީލުން އިއްޔެ ލުބްނާނުގެ ވެރިރަށް ބައިރޫތުގެ ދެކުނު ސަރަހައްދުގެ އެޕާޓްމަންޓްތަކަކަށް ހަމަލާދީ 22 މީހަކު ޝަހީދުކޮށްލާފައިވެއެވެ. އަދި ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ އަވަށަށް ހަމަލާދީ ފަލަސްތީނުގެ 32 މީހަކު ޝަހީދުކޮށް އިތުރު ބަޔަކު ޒަޚަމްކޮށްލާފައިވާ ކަމަށް އަލްޖަޒީރާ ބުނެއެވެ.

ހަމާސްގެ މުޖާހިދުންވަނީ މުޖާހިދުންނަށް އޮޅުވާލުމަށްޓަކައި އަލިފާން ނިއްވާ މީހުންގެ ޔުނީފޯމްގައި ޣައްޒާއަށް ވަދެގެންއުޅުނު ޔަހޫދީ ސިފައިންގެ ބައިގަނޑެއް ދެނެގަތުމަށްފަހު އޭގެތެރެއިން ބަޔަކު މަރާލާފައެވެ.

ނަމަވެސް މަރާލި މީހުންގެ އަދަދު ސާފުވެފައެއް ނުވެއެވެ. މީގެއިތުރުން ޣައްޒާގެ ދެކުނުގައި އުޅުނު އިސްރާއީލު ސިފައިންގެ ގްރޫޕެއް ދަންތުރައެއްގައި ޖައްސައި އޭގެތެރެއިންވެސް ބަޔަކު މަރާލިކަން ހަމާސް އިންވަނީ ކަށަވަރުކޮށްދީފައެވެ.

އިސްރާއީލުންވަނީ ޣައްޒާގެ ދެކުނުގައި ހަމާސް ދިން ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ތިން ކޮމާންޑަރުންނާއި ސިފައިންގެ ދެމީހުން މަރުވިކަމަށް އެއްބަސްވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު