ނިކަރާގޫއާއިން އިސްރާއީލާ އެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި

ނެދަލެންޑްސްގައި ހުންނަވާ ނިކަރާގޫއާގެ ސަފީރު ކާލޯސް ޖޯސޭ އާގްއެލޯ ގޯމޭޒް އާއި ވަކީލު އަލޭން ޕެލެޓް. ނިކަރާގޫއާއިން ވަނީ އިސްރާއީލާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލާނެ ކަމަށް ބުނެފައި. ފޮޓީ/ރޮއިޓާސް

ނިކަރާގޫއާއިން އިސްރާއީލާ އެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.

ނިކަރާގޫއާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލާ ގުޅުން ކަނޑާލަން ނިންމީ ފަލަސްތީނުގެ ސަރަހައްދުތަކަށް އިސްރާއީލުން ދެމުން އަންނަ އިންސާނިއްޔަތުކަމެއް ނެތް ހަމަލާތަކުގެ ސަބަބުންނެވެ.

އެ ގައުމުގެ ކޮންގްރެސްއިން ވަނީ، ޣައްޒާ ހަނގުރާމައަށް އެއް އަހަރު ފުރުމާ ދިމާކޮށް އެ ފިޔަވަޅު އެޅުމަށް އެދި ގަރާރެއް ފާސްކޮށްފައެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަމަނުޖެހުމުގެ ސަބަބުން މިހާރު ލުބުނާނާގައި ހަމަނުޖެހުން އުފެދި، ސޫރިއާ އާއި ޔަމަން އަދި އިރާނަށްވެސް އެކަމުގެ ނުރައްކާ އެބަ އޮތް ކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.

އޮކްޓޯބަރު އެއް ވަނަ ދުވަހު އީރާނުން އިސްރާއީލަށް ފޮނުވި މިސައިލްތަކުގެ ސަބަބުން މެދުއިރުމަތި އޮތީ ސަރަހައްދީ ގޮތުން އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައަކަށް ހިގައިދާނެ ކަމުގެ ބިރު ހީވެފައެވެ.

ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުﷲއަށް އީރާނުން ތާއީދުކުރާއިރު، އިސްރާއީލުން އަންނަނީ އެ ޖަމައަތާ ދެކޮޅަށް ސިލްސިލާ ހަމަލާތަކެއް ދެމުންނެވެ.

އީރާނަކީ ނިކަރާގޫއާގެ ރައީސް ޑެނިއަލް އޮރްޓެގާގެ ވެރިކަމުގައި އެ ގައުމާވެސް އެކުވެރި ގައުމެކެވެ. ނަމަވެސް 2018 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ސަބަބުން ނިކަރާގޫއާ ވަނީ ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް އެކަހެރިވެފައެވެ. އެ މުޒާހަރާތަކުގައި ގާތްގަޑަކަށް 300 މީހުން މަރުވެފައިވާ ކަމަށް ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ބުނެއެވެ.

comment ކޮމެންޓް