ވަޒީފާއިން ބާންއައުޓް ވަނީތަ؟ ނަފުސާނީ ދުޅަހެޔޮކަމަށް ބަލާތި

ކޮންމެ ވަޒީފާއަކީ ވެސް އޭގެ ޒާތުގައި އެކި ފެންވަރުގެ ސްޓްރެސް ހިމެނޭ ކަމެކެވެ. މި ސްޓްރެސް އަކީ މާ ބޮޑަށް މަތިވާ ހިސާބަށް ދާން ވެއްޖެ ކަމަކަށް ވާނަމަ އޭގެ ސަބަބުން ނަފުސާނީ ދުޅަހެޔޮ ކަމަށް ގެއްލުންވާނެ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ވަޒީފާއިން ބާންއައުޓް ވެގެން ދެއެވެ.

މަސައްކަތުން ބާންއައުޓްވުމަކީ ކުރާ މަސައްކަތް މަތީން ފޫހިވެ, މަސައްކަތް އިތުރަށް ކުރެވޭވަރުގެ ހިތްވަރު ނުހުރުމެވެ. އަދި, އެއާއެކު މަސައްކަތް އެކަށީގެންވާ ގޮތުގައި ނުކުރެވޭ ހިސާބަށް ވެސް ދެއެވެ. މިއީ ވަޒީފާއިން ބާންއައުޓް ވުމެވެ. ވަޒީފާއިން ބާންއައުޓްވުމަކީ ވަޒީފާގެ ސްޓްރެސްގެ ސަބަބުން ނަފުސާނީ ދުޅަހެޔޮ ކަމަށް ކުރާ ގެއްލުން ބޮޑުވުމުގެ ނަތީޖާއެކެވެ.

އެހެންވީމާ އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި ނަފުސާނީ ގޮތުން ދުޅަހެޔޮ މީހަކަށް ވާން ޖެހެއެވެ. އަދި، މަސައްކަތުގެ މާހައުލުގެ ސްޓްރެސްގެ ސަބަބުން ނަފުސާނީ ދުޅަހެޔޮ ކަމަށް ގެއްލުން ކުރާ ނަމަ އޭގެ ސަބަބުން އިތުރު ގެއްލުންތައްވުމާއި ދިރިއުޅުމުގެ އެހެން ކަންތައްތަކަށް އަސަރުކުރަން ފަށާނެއެވެ.

ކެޕްޝަން..

"ވަޒީފާގެ ބާންއައުޓް އަކީ ހަމައެކަނީ މަސައްކަތްތަކުގެ ވަގުތު ދިގުވުމުން ވާ ކަމެއް ނޫން. މަސައްކަތް މާހައުލުގެ ހާލަތުން ވެސް ވެދާނެ ކަމެއް. އަދި، މީގެ ސަބަބުން އެންޒައިޓީއާއި ޑިޕްރެޝަން ފަދަ ކަންތައްތަކަށް މަގުފަހިވެސް ވާ ކަމެއް މިއީ," އިންޓަނޭޝަނަލް ޖާނަލް އޮފް އެންވަޔަރަންމެންޓް ރިސާޗު އެންޑް ޕަބްލިކް ހެލްތަށް ސައިކޯތެރަޕިސްޓް ޑރ. ޗާންދުނީ ޓަގްނައިޓް ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވެއެވެ.

ބާންއައުޓްވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ވެސް އޭގެ އަސަރުކުރާ ކަމަށާއި އަމިއްލަ ދިރިއުޅުމާއި އާއިލާ އަދި އެކުވެރިންގެ މެދުގައި އޮންނަ ގުޅުމަށް ވެސް ނޭދެވޭ އަސަރު ކުރާ ކަމަށް އޭނާ ފާހަގަކުރެއެވެ.

ނަމަވެސް، ބާންއައުޓް ކުޑަ ކުރުމަށް ކުރެވޭނެ ކަންތައްތައް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ. އޭގެ ތެރެއިން ކުރެވިދާނެ ބައެއް ކަންތައް ފާހަގަކުރާނަމެވެ.

މެއިލް ޗެކް ނުކުރެވޭނެ ވަގުތު ކަނޑައެޅުން

އޮފީހުން ފޮނުވާ މެއިލްތަކަކީ ގިނަ ފަހަރަށް އޭގެ ސަބަބުން ވެސް މީހާ ކަންބޮޑުކޮށްލާނެ ކަމެކެވެ. އެހެންވީމާ އިންބޮކްސް ނުބެލޭނެ ގަޑިތަކެއް ކަނޑައަޅަން ރަނގަޅެވެ. އެގޮތުން، ރަސްމީ ނޫން ގަޑިތަކުގައި އޮފީސް މެއިލްތައް ނުބެލޭ ގޮތަށް މެއިލްތައް ސައިލެންޓް ކޮށްލުމަކީ ވެސް ނުރަސްމީ ގަޑިތަކުގައި ނަފުސާނީ ދުޅަހެޔޮ ކަމަށް ކުރެވިދާނެ ކަމެކެވެ.

30-30-30 ވަގުތަށް މަސައްކަތް ބަދަލުކުރުން

މަސައްކަތްތައް 30 މިނެޓުގެ ކުދި ސެޝަންތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން މީހާ އިތުރަށް ހާސްނުވެ، މަސައްކަތްކުރުމުގައި ފޫހިނުވެ ކުރިއަށް ދެވިދާނެ ގޮތެއް ކަމަށް މި ރިޕޯޓުގައި ބުނެއެވެ.

އެގޮތުން، މަސައްކަތަށް ފުރިހަމައަށް ހުރިހާ ސަމާލުކަމެއް ހުސްކޮށްލައިގެން 30 މިނެޓު ހޭދަކޮށްލާށެވެ. އެއަށް ފަހު 30 މިނެޓު އޮފީސް މީހުންނާ އެކު މަސައްކަތް ކުރުމަށް ފަހު 30 މިނެޓު މަސައްކަތްކުރާނީ ވަރަށް ލުއިކޮށް ބްރޭކް ނަގަމުންނެވެ. އެއަށް ފަހު މި ގޮތަށް މަސައްކަތްތައް މުޅި ދުވަހު ރިޕީޓް ކުރާނީއެވެ.

"ކިއުރިއޯސިޓީ" ވަގުތެއް ހަމަޖައްސާލާ

ކޮންމެ ހަފުތާއެއްގައި މަދުވެގެން އެއް ގަޑިއިރު އަމިއްލަ ނަފުސަށް ނަގާށެވެ. މި ވަގުތު ހޭދަކުރަންވީ އާ ކަމެއް ދަސްކުރުމަށެވެ. އަދި، މި ކަމަކީ ވަޒީފާއާ އެއްވެސް ގުޅުމެއްނުވާ ކަމަކަށް ހެދުން މުހިއްމެވެ. މިއީ މީހާގެ ހުނަރުވެރިކަން އާ ކުރުވައި މަސައްކަތުގެ ސްޓްރެސްތަކުން ދުރުކޮށްދިނުމަށް މަގުފަހިވެދާނެ ކަމަކަށް ވެދާނެއެވެ.

comment ކޮމެންޓް