މި ހަފުތާގެ އެންމެ ބޮޑު މައުޞޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެވެ. ދުނިޔޭގެ މީޑިއާތަކުން ވެސް ބޮޑު ސަމާލުކަމެއް އެ ދަތުރުފުޅަށް ލިބުނީ ބައިވަރު ސަބަބުތަކެއް ހުރުމުންނެވެ.
އާދިއްތަ ދުވަހު ރައީސް އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ފެއްޓެވީ އެ ގައުމުގެ ރައީސް ދްރޫޕަދީ މުރްމޫގެ ދައުވަތަކަށެވެ. އެ ގައުމަށް ވަޑައިގަތުމުން ރަސްމީކޮށް މަރުހަބާ ދެންނެވީ އެ ގައުމުގެ ރައީސާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ދެ ބޭފުޅުންނެވެ. އެ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވިއެވެ.
ބޭރު މީޑިއާތަކުގައި ވެސް ޖޯކު ގޮތްގޮތަށް ޕީޕީއެމް/ޕީއެންސީން ކުރިން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭނާ ގުޅުވައި ސުރުޚީ އަޅާފައި ހުއްޓެވެ.
މި ހަފުތާގެ 'ސަން އެޑިޓާސް ޓޯކް' ޕޮޑްކާސްޓްގައި ވެސް އަލިއަޅުވައިލީ މި ދަތުރުފުޅަށެވެ. ޚާއްސަކޮށް، ޚާރިޖީ ސިޔާސަތަށް އައި ބަދަލަށެވެ.
ޕޮޑްކާސްޓް ފައްޓަވަމުން ސަން އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ސާއިލް އަލީ ވިދާޅުވީ، ދިވެހީން ކުރިއަށް ދާއިރުގައި އަބަދު ވެސް އެއްވެސް ގައުމަކާ ޖެހިނުގަނެ، އެންމެންނާ ވެސް ގުޅިގެން ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅެންވާނެ ކަމަށެވެ. ޚާރިޖީ ސިޔާސަތުތައް ބައްޓަންކުރާއިރު ވެސް، އެއްވެސް ގައުމަކަށް ވާންނުޖެހޭ ވަރަށް ބަރޯސާނުވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ޚާރިޖީ ސިޔާސަތުގެ މާޒީއަށް އަލިއަޅުވައިލާ ސާއިލް ވިދާޅުވީ، މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވި ކަމަށާއި މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހުގައި އެ ކަންކަން ބަދަލުކުރަން މަސައްކަތްކުރެއްވި ކަމަށެވެ.
އެ ގޮތުން، މެދުއިރުމަތީގައި ގައުމުތަކުންނާއި އެ ނޫން ވެސް ގައުމުތަކުން އެހީ ހޯދަން މަސައްކަތްކުރެއްވިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ސަރުކާރުން 'ޔޫ-ޓާން'އެއް ނަގަން ޖެހުނު ސަބަބަކީ އެ ގައުމުތަކުން ބޭނުންވި ވަރަށް އެހީ ނުލިބުން ކަމަށެވެ.
މި މައުޞޫއުގައި ސަންގެ ޕޮލިޓިކަލް އެޑިޓަރު އަހުމަދު އިނާހް ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަމަށް ނިޔަތް ގަންނަ ސިޔާސީ ބޭފުޅުން ދައްކާފައި ނުދައްކާނެ ވާހަކަ ހުންނަން ޖެހޭނެ ކަމަށެވެ.
ރާއްޖެއިން އެންމެ ބޮޑަށް ދަރާފައި އޮތް ދެ ގައުމަކީ އިންޑިއާއާއި ޗައިނާކަން ފާހަގަކުރައްވައި އިނާޙް ވިދާޅުވީ، އެއިން އެއްވެސް ގައުމަކާ ދެކޮޅުވެރިވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ޚާއްސަކޮށް އިންޑިއާއަކީ ޖިއޮގްރަފީ ގޮތުން ވެސް ރާއްޖެއާ އެންމެ ކައިރީގައިވާ ގައުމަށްވީމާ އެ ގައުމާ އެކު ގާތް ގުޅުމެއް އޮތުމަކީ ދިވެހީންނަށް ވެސް އެންމެ ފައިދާވާނެ ގޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
އިނާޙް ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ގެއްލުންވާ ކަންކަން އެއްވެސް ގައުމަކުން ކުރިއަދީގެން ނުވާނެ ކަމަށެވެ. އެކަމަކު، އެ ކަންކަމުގައި ބަސް ބުނުމުގައި ވެސް ޑިޕްލޮމެޓިކް ހަމަތަކާއި އަދި އެ ކަންކަމުގައި އަމަލުކުރާ އުސޫލުތަކުގެ ތެރެއިން ރިވެތި ގޮތުގައި އެ ކަން ކުރެވޭނެކަން ފާހަގަކުރެއްވިއެވެ.
ރައީސްގެ ދަތުރުފުޅާއި އަދި މި ނެންގެވި ޔޫ-ޓާންއާ ގުޅޭ މި ނޫން ވެސް ގިނަ ވާހަކަތަކެއް މި ހަފުތާގެ ޕޮޑްކާސްޓްގައި ވަނީ ދެކެވިފައެވެ. މުޅި ޕޮޑްކާސްޓް އައްސަވާށެވެ.