ސްޕެއިންގެ ފުޓުބޯޅަ ލެޖެންޑް އަންދްރެސް އިނިއެސްޓާ އުމުރުން 40 އަހަރުގައި ފުޓުބޯޅައިން ރަސްމީކޮށް ރިޓަޔާކޮށްފިއެވެ.
އޭނާ އެންމެ ބޮޑަށް ވިދާލީ 2،000 އިން ފެށިގެން 2010 ވަނަ އަހަރާ ދެމެދުގައެވެ. ސްޕެއިންގެ ގައުމީ ޓީމުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ފައިނަލް މެޗުން މޮޅުވި ލަނޑު ޖަހައިދިން އިނިއެސްޓާއަކީ ސްޕެއިންގެ ބާސެލޯނާގެ މެދުތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އިތުބާރުހުރި ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
ރަސްމީކޮށް ފުޓުބޯޅައިން ރިޓަޔާކުރިކަން ހާމަކުރަން ދިން ވީޑިއޯ މެސެޖެއްގައި އަސަރާ އެކު އޭނާ ބުނީ، މިއީ ދުވަހަކު ވެސް އަންނާނެ ކަމަށް އުންމީދުކުރި ދުވަހެއް ނޫން ކަމަށެވެ.
އޭނާ ވަނީ އޭނާގެ ކުރީގެ ކޯޗުންނާއި އެކުގައި ކުރިން ކުޅުނު ހުރިހާ ކުޅުންތެރިންނަށް ވެސް ޝުކުރު އަދާކޮށްފައެވެ.
އިނިއެސްޓާ ކުޅުން ހުއްޓައިލުމާ ގުޅިގެން ބާސާއާއި، ވާދަވެރި ރެއާލް މެޑްރިޑް އަދި، ދުނިޔޭގެ ފާހަގަކޮށްލެވޭ ގިނަ ކްލަބްތަކާއި ކުޅުންތެރިން ވަނީ އިނިއެސްޓާގެ ރިޓަޔާމަންޓް ފާހަގަކޮށްފައެވެ.
"ފީފާ ވޯލްޑް ކަޕް 2010 ގައި ދެކުނު އެފްރިކާގައި ބޭއްވި ފައިނަލުގައި އޭނާ ޖެހި ގޯލް އަބަދަށްޓަކައި ސްޕެއިންގެ ހުރިހާ ފުޓުބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި ދެމިއޮންނާނެ،" ރެއާލް މެޑްރިޑުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިނިއެސްޓާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 131 މެޗު ކުޅެދީފައެވެ. ސްޕެއިންގެ ގައުމީ ޓީމާ އެކު އޭނާ ވަނީ ވޯލްޑް ކަޕް 2010 އަދި، 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބުކޮށްފައެވެ.
އުމުރުން 12 އަހަރުގައި ބާސާގެ ލަ މާސިއާ އެކަޑަމީން ފުޓުބޯޅަ ކުޅެން ފެށި އިނިއެސްޓާ ވަނީ ބާސާއަށް 674 މެޗު ކުޅެދީފައެވެ.
ބާސާގައި އޭނާ ވަނީ ސްޕެނިޝް ލަލީގާ ނުވަ ފަހަރު ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން، ހަތަރު ފަހަރު ޔޫއެފާ ޗެމްޕިއަަންސް ލީގު ކާމިޔާބުކޮށް، ދެ ޔޫއެފާ ސުޕަ ކަޕް އަދި، ތިން ފީފާ ކަލްބް ވޯލްޑް ކަޕް ވެސް ކާމިޔާބުކުރިއެވެ.
ކުރިން 2018 ވަނަ އަހަރު ބާސާ ދޫކޮށްލުމަށް ފަހު އިނިއެސްޓާ ބަދަލުވީ ޖަޕާނުގެ ވިސެލް ކޯބޭއަށެވެ.