ލުބުނާނު ވެސް ޣައްޒާ ފަދައިން ފަނާކުރެވިދާނެ ކަމަށް ބުނެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރުދެއްވައިފިއެވެ.
ނަތަންޔާހޫ ވިދާޅުވީ، ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲގެ ވެރިޔާ ޙަސަން ނަޞްރުﷲއަށް ފަހު ދެން އެ ޖަމާއަތުގެ ވެރިއަކަށް އައްޔަންކުރާނެ ކަމަށް ބެލެވޭ ލީޑަރު ވެސް މަރާލާފައި ވާކަމަށެވެ. އަދި އޭނާގެ ބަދަލުގައި ދެން އަންޔަންކުރާ ލީޑަރު ވެސް މަރާލާފައިވާ ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.
ނަތަންޔާހޫ އެގޮތަށް ވިދާޅުވެފައި ވަނީ އަންގާރަ ދުވަހު ލުބުނާނުގެ ރައްޔިތުންނަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ. އެ މެސެޖުގައި އޭނާ ވަނީ ހިޒްބުالله އަކީ މިހާރު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ޖަމާއަތެއް ކަމުގައި ވެސް ވިދާޅުވެފައެވެ.
އިސްރާއީލު ސިފައިން ކުރިން ބުނެފައި ވަނީ މިދިޔަ ހަފްތާގައި ބެއިރޫތަށް ދިން ވައިގެ ހަމަލާއެއް ނަޞްރުاللهގެ ފަހުން އައްޔަންކުރާނެ ކަމަށް ލަފާކުރެވޭ ހިޒްބުاللهގެ އިސް ކޮމާންޑަރު ހާޝިމް ސަފިއްޔުއްދީނަށް އަމާޒުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ވީނުވީއެއް މިހާތަނަށް ކަށަވަރުކުރެވިފައެއްނުވެއެވެ.
ނަތަންޔާހޫގެ އެ ވާހަތަކާގުޅޭ ގޮތުން ހިޒުބުﷲއިން މިހާތަނަށް ވާހަކަދައްކާފައެއްނުވެއެވެ.
ނަތަންޔާހޫގެ އިންޒާރުދެއްވާފައި ވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނަށް އިތުރު ސިފައިން ފޮނުވައި، ދެކުނުގެ އައްސޭރިފަށުގެ ސަރަހައްދުތަކާއި، ވެރިރަށް ބެއިރޫތުގެ ދެކުނު ސަބާބްސްގެ ސަރަހައްދުތަކުން މީހުން ހުސްކުރުމަށް އަމުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ހަމަލާދޭން ފެށިފަހުން ހިޒްބުﷲއާއި އިސްރާއީލާއި ދެމެދު ހިނގާ ކުރިމަތިލުންތައް ވެސް ވަނީ އިތުރުވެފައެވެ. ހިޒްބުﷲއިން ބުނާ ގޮތުގައި އެ ޖަމާއަތުން އިސްރާއީލަށް ހަމަލާ ދެނީ ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގެ ގޮތުންނެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 41،965 މީހުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާގެ 2.3 މިލިއަން ރައްޔިތުންނަށް ވަނީ އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައެވެ.
އިސްރާއީލުން މިހާރުވެސް އަންނަނީ ލުބުނާނަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. ވެރިރަށް ބެއިރޫތުގެ ދެކުނަށް ދޭ ހަމަލާތަކުގައި މީހުން ދިރިއުޅޭ ހަތަރު އިމާރާތާކަށް މިއަދު ފަތިހުގެ ވަގުތެއްގައި ވެސް ވަނީ ހަމަލާދީފައެވެ.