ސިއްހީ ދާއިރާއިން ރާއްޖެއަށް ސަރަހައްދީ ދެ އެވޯޑެއް

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޕަބްލިކް ހެލްތް އެޗީވްމަންޓުގެ ދެ އެވޯޑެއް ވަނީ ދީފައި -- ފޮޓޯ/ އެކްސް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން، ރާއްޖެއަށް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޕަބްލިކް ހެލްތް އެޗީވްމަންޓުގެ ދެ އެވޯޑެއް ދީފިއެވެ.

ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 77ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން އިއްޔެ ވަނީ އިންޑިއާގެ ނިއުދިއްލީގައި ފަށައިފައެވެ. މި އަހަރުގެ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި ވެސް އާންމު ސިއްހަތުގެ ދާއިރާއިން ޚިދުމަތްކޮށްދީފައިވާ ގައުމުތަކަށް ވަނީ އެވޯޑު ދީފައެއެވެ.

އެ ގޮތުން ރާއްޖެއަށް އެވޯޑު ލިބިފައިވަނީ ކުޑަކުދިންގެ މެދުގައި ހެޕަޓައިޓިސް ބީ ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމާއި، ފަސް އަހަރުން ދަށުގެ ކުދިން މަރުވާ ނިސްބަތް މަދުކުރެވިފައިވާތީއެވެ.

ރާއްޖޭގެ އިތުރުން ކޮރެއާ، އިންޑޮނީޝިއާ، ސްރީލަންކާ އަދި ތައިލެންޑަށް ވެސް މި އެވޯޑު ދީފައިވެއެވެ.

މި އެވޯޑުތަކަކީ ގައުމުތަކުން ކުޑަކުދީންގެ ސިއްހަތު ރަނގަޅުކުރުމަށާއި، ޖުމްލަ ގޮތެއްގައި އާންމު ސިއްހަތުގެ ރައްކާތެރި ކަމަށްޓަކައި ކުރާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ދޭ އެވޯޑުތަކެކެވެ.

ރާއްޖެއާއި ސްރީ ލަންކާގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައެޅީ މިދިޔަ ޖެނުއަރީ 17ގައެވެ.

މިބައްދަލުވުންތަކުގައި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ މަސައްކަތަށް އަދި ސިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް