ރައީސް މުއިއްޒު ބީޖޭޕީގެ ރައީސާ ބައްދަލު ކުރައްވައި، ގުޅުން ބަދަހިކުރަން މަޝްވަރާ ކުރައްވައިފި

ރައީސް މުއިއްޒުވަނީ ބީޖޭޕީގެ ރައީސާއި ބައްދަލު ކުރައްވާފައި -- ފޮޓޯ/ އެކްސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ރައީސް ޖޭ ޕްރަކާޝް ނައްޑާއާއި ބައްދަލު ކުރައްވައިފިއެވެ.

ބީޖޭޕީން އެކްސްގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައިވަނީ އިންޑިއާގެ ނިއު ދިއްލީގައި ރައީސް މުއިއްޒު ބީޖޭޕީގެ ރައީސާ ބައްދަލު ކުރައްވައި ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި ބީޖޭޕީއާއި ޕީއެންސީގެ ގުޅުން ވަރުގަދަކުރުމާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ބީޖޭޕީން ވަނީ ބުނެފައެވެ.

އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ހުންނެވީ އިންޑިއާގައެވެ.

އެ ގައުމުންވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ވެސް ކިޔައިފައެވެ.

'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުން ހީނަރުވެފައި އޮއްވައި، މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މީސްމީޑިއާގައި އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރުމުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. އެކަމަކު، ފަހުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.

މޯދީ ތިންވަނަ ދައުރަކަށް ހުވައިކުރެއްވިއިރު ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ.

މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް އެއްބަސްވުމެއް ވެސް ގާއިމުކޮށްފައެވެ. އަދި، އިންޑިއާގެ ރުޕޭ ކާޑު ވެސް ރާއްޖޭގައި ބޭނުންކުރަން ވަނީ ފަށައިފައެވެ.

comment ކޮމެންޓް