ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ ކަނޑުތައް ގަދަވެ، ކަނޑުމަތީގެ ހާދިސާތައް ގިނަވަމުންދާތީ ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
މިކަމާއި ގުޅުވާ ފުލުހުން މިއަދު އެކްސްގައި ކޯށްފައިވާ ޕޯސްޓެއްގައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ކަނޑުތައް ގަދަވެ، ކަނޑުމަތީގެ ހާދިސާތައް ހިނގަމުންދާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައި އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ދަތުރަށް ފުރުމުގެ ކުރީން ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި:
- މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން
- އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވެފައި ވޭތޯ ޔަގީންކުރުން
- އުޅަނދަށް އެކަށީގެންވާ ވަރަށްވުރެ ގިނައިން މީހުން ނޭރުވުން
- އުޅަނދަށް ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުނުކުރުން
- އެމަޖެންސީއެއްގައި ގުޅަންވީ ނަމްބަރުތައް ފެންނާނެހެން އުޅަނދުގައި ހަރުކޮށްފައި ބެހެެއްޓުން
- ދަތުރުގެ މެނިފެސްޓް އުޅަނދުގެ ވެރިފަރާތައް ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތައް ހިއްސާކުރުން
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައި ވާއިރު މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ މިއަދުގެ 10:00 އިން 14:00 އަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި ހެނދުނު 07:00 އިން ފެށިގެން 10:00 އަށް ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވެސް ރީނދޫ ސަމާލެއް ނެރެފައެވެ.
އެ އިދާރާއިން ވަނީ މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެ އިދާރާއިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރައްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފައެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން، އަދި ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.