ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާގެ މަގާމު މެޓާގެ ސިއީއޯ މާކް ޒަކަބާގް ހޯދައިފިއެވެ.
ޒަކަބާގް އެ މަގާމު ހޯދާފައި ވަނީ އެމެޒޯންގެ ބާނީ ޖެފް ބެޒޯސް ފަހަތަށް ޖައްސާލާފައެވެ. ޒަކަބާގަށް އެ މަގާމު ލިބުނީ ބްލޫމްބާގް ބިލިއަނާސް އިންޑެކްސްގައި އޭނާގެ މުއްސަނދިކަން ތިން ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސް 206.2 ބިލިއަން ޑޮލަރަށް އެރުމުންނެވެ.
ތިންވަނައަށް އެންމެ މުއްސަނދި މީހާގެ މަގާމަށް ބެޒޯސް ވެއްޓުނުއިރު، އޭނާގެ މިލްކިއްޔާތުގައި ހުރީ 205 ބިލިއަން ޑޮލަރަށް ކަމަށް އިންޑެކްސް އިން ދައްކައެވެ.
ބްލޫމްބާގުން ބުނީ ޒަކަބާގްގެ މި ކާމިޔާބީއަކީ 2004 ވަނަ އަހަރު އޭނާ އުފެއްދި ސޯޝަލް މީޑިއާ ސައިޓް ފޭސްބުކް އާއި އިންސްޓަގްރާމް، ވަޓްސްއެޕް އަދި ތްރެޑްސްގެ ޕްލެޓްފޯމްތަކުން ލިބުނު ކާމިޔާބެއް ކަމަށެވެ.
މެޓާގެ ހިއްސާ މިއަހަރުގެ ނިޔަލަށް ވަނީ %69 އިތުރުވެފައެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައު 75.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް މެޓާއަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ދެވަނަ ކުއާޓަރުގައި ލިބުނު 39.07 ބިލިއަން ޑޮލަރު ހިމެނެއެވެ. މީގެ އިތުރުން ފުރަތަމަ ދެ ކުއާޓަރުގެ ސާފު އާމްދަނީއަކީ 25.83 ބިލިއަން ޑޮލަރެވެ.
ތިންވަނަ ކުއާޓަރުގެ އާމްދަނީ މެޓާއިން ހާމަކުރާނީ މި މަހުގެ ފަހުކޮޅު ކަމަށް ބެލެވެއެވެ.
ދެވަނައަށް އެންމެ މުއްސަނދި މީހަކަށް ވުމުގެ ކުރިން ޒަކަބާގް ވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު މުއްސަނދިކަމާ ގުޅުން ހުރި އިތުރު ކާމިޔާބީއެއް ހާސިލްކޮށްފަ ކަމަށް ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވެއެވެ. ޒަކަބާގްގެ މިލްކިއްޔާތު ސެޕްޓެމްބަރު 23 ވަނަ ދުވަހު 200 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މީގެކުރިން މިލްކިއްޔާތު އެ މިންވަރަށް ހާސިލްކޮށްފައިވަނީ ދެ މީހުންނެވެ.
އެއީ ބެޒޯސް އާއި ޓެސްލާގެ ސީއީއޯ އީލޮން މަސްކް އެވެ.
ބްލޫމްބާގް އިންޑެކްސްއިން ދައްކާ ގޮތުން ދުނިޔޭގެ އެންމެ މުއްސަނދި މީހާއަކީ މަސްކެވެ. މަސްކުގެ މިލްކިއްޔާތުގައި 256 ބިލިއަން ޑޮލަރުގެ އެބަހުއްޓެވެ.
އިންފޯމާ ކަނެކްޓް އެކަޑަމީން ސެޕްޓެމްބަރު މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރުގެ މަގާމު މަސްކަށް ލިބޭނެއެވެ.
ޓްރިލިއަނަރެއްގެ މަގާމު ލިބޭނީ އެމީހެއްގެ މިލްކިއްޔާތުގައި އެއް ޓްރިލިއަން ނުވަތަ އެއާ އެއްވަރުގެ އަދަދެއް ހުރިނަމައެވެ.