ޗައިނާއާ އެކު ގުޅުން ބަދަހިކުރި ނަމަވެސް، އިންޑިއާގެ ސަލާމަތަށް އުނިކަމެއް އަންނަ ކަމެއް ނުކުރާނަން: ރައީސް

ރައީސް ވިދާޅުވީ އިންޑިއާގެ ސެކިއުރިޓީ މަސްލަހަތަށް އުނިކަން ލިބޭފަދަ އެއްވެސް ކަމެއް ރާއްޖެއިން ނުކުރާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ރާއްޖެއިން ޗައިނާއާއެކު ގުޅުން ބަދަހިކުރި ނަމަވެސް، އިންޑިއާގެ ސަލާމަތީ މަސްލަހަތަށް އުނިކަމެއް އަންނާނެ ކަމެއް ނުކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި "ޓައިމްސް އޮފް އިންޑިއާ"އަށް ދެއްވި އެކްސްލޫސިލް އިންޓަވިއުއެއްގައެވެ.

ރާއްޖެއިން ޗައިނާއާއެކު ވިޔަފާރިއާއި އިންވެސްޓްމެންޓްގެ އިތުރުން ދިފާއީ ގުޅުން ބަދަހިކުރަމުން އަންނައިރު އެކަމުގެ ސަބަބުން އިންޑިއާގެ ސަލާމަތީ މަސްލަހަތަށް ބުރޫއަރާފާނެތޯ އެނޫހުން ވަނީ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވާ ރައީސް ވިދާޅުވީ، އިންޑިއާއަކީ މުހިންމު ބައިވެރިއެއް ކަމަށާއި، އެ ގުޅުން ބިނާވެފައިވަނީ އިހްތިރާމާއި ދެ ގައުމުގެ މަސްލަހަތު އޮތް ކަންތައްތަކުގެ މައްޗަށް ކަމަށެވެ. އަދި އިންޑިއާއާ އެކު އޮތް ގާތް ގުޅުން ދެމެހެއްޓުމަށާއި، އިންޑިއާއާ އެކު ސަރަހައްދީ ހަމަޖެހުން ގާއިމް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައެވެ.

"އިންޑިއާއާއެކު އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމަށް ރާއްޖެއިން އިސްކަންދޭނެ. އަދި އެހެން ގައުމުތަކާ އޮންނަ ގުޅުންތަކުގެ ސަބަބުން އިންޑިއާގެ ސަލާމަތަށް ނުރައްކާ ނުވާނެކަން ޔަގީންކުރަން،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން އަދިވެސް އިސްކުރާ ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް ޕޮލިސީ"ކަން ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ. އެކަމަކު ވެސް ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި ދުވަސްވީ ގުޅުން ހަރުދަނާ ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް ވަނީ، އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ. ސަބްރަމާނިއަމް ޖައިޝަންކަރު ރާއްޖެ ވަޑައިގަތްފަހުން ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދާގޮތާމެދު ހިތްހަމަ ޖެހޭކަން ފާހަގަކުރައްވާފައެވެ.

މިވަގުތު ރައީސް މުއިއްޒު ހުންނެވީ، އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގައެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި، ބޮޑުވަޒީރުގެ އިތުރުން އެގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބިއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވަނިކޮށް ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކޮށްފައެވެ.

އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފައެވެ.

މޯދީއަށް ކުޑައިމީސްވާގޮތަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުތަކަކާ ގުޅިގެން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ސަސްޕެންޑުކުރިތާ ނުވަ މަސް ފަހުން، އެ މަގާމުން މަރިޔަމް ޝިއުނާއާއި މަލްޝާ ޝަރީފް ވަނީ އިސްތިއުފާ ވެސް ދެއްވާފައެވެ.

އެކަމަކު، އޭގެ ފަހުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން، އިންޑިއާއިން ވަނީ ދެ ލޯނެއް ވެސް ފަސްކޮށްދީފައެވެ.

comment ކޮމެންޓް