"މަންމާ! ރަޔާން؟" ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން އަހައިލާހެން ލިމްޔާ ސުވާލުކުރިއެވެ.

********

"ރަޔާންގެ ހަބަރެއް އަދިވެސް ނޭނގެ ދަރިފުޅާ" އަމީރާ އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ. "މަންމަގެ ސަބަބުން މިހުރިހާ ކަމެއް..."

އަމީރާގެ ދެލޯ ފެންކަޅިވިއެވެ. ރަޔާނަށް އެހެން ދިމާވީ އަމީރާގެ ސަބަބުންނެވެ. ރަޒީނާގެ މަރުގެ ޒިންމާ އުފުލަންޖެހޭނެ މީހަކީވެސް ހަމަ އަމީރާއެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވުނު ވަރުން އަމީރާއަށް ކޮޅަށް ހުންނާނެ ހިތްވަރުވެސް ނުލިބުނެވެ. މިއަދު އޭނާ ރަޔާނާއި ހަތަރުކަޅި ހަމަކުރާނީ ކިހިނެއް ހެއްޔެވެ؟ ރަޒީނާގެ މަރުގެ ހަބަރު ލިބުމުން ރަޔާނަށް ވާނީ ކިހިނެއް ހެއްޔެވެ؟

"މަންމަގެ ސަބަބުންނެއް ނޫނޭ މިހެންވީ" އަމީރާ ފެންކަޅިވެފައި ހުރިތަން ފެނުމުން ލިމްޔާ ބުނެލިއެވެ.

ނަރުސްކުއްޖަކު އައުމުން އަމީރާ އަވަސްއަވަހަށް ކަރުނަ ފޮހެލިއެވެ. އެނދު ކައިރިން ދުރަށްޖެހުނެވެ. ލިމްޔާ އެނގެން ބޭނުންވީ އެންމެ ކަމެކެވެ. ރަޔާންގެ ހާލެވެ.

"ރަޔާންއާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބޭނެ ވަރަށް އަވަހަށް" ލިމްޔާގެ ހިތުގައިވާ ސުވާލު އެނގުނު ފަދައިން ނަރުސްކުއްޖާ ބުނެލިއެވެ.

ލިމްޔާގެ ދެލޯ ވިދައިލިއެވެ. ހިތުގައިވި ނުތަނަވަސްކަން ފިލައިގެން ދިޔައެވެ. ހޭ އެރީއްސުރެ ރަޔާން ހެޔޮ ހާލުގައި ލެއްވުން އެދި ދުއާ ކުރުން ނޫންކަމެއް ލިމްޔާ ނުކުރެއެވެ.

"ރަޔާންގެ ހާލު ރަނގަޅުތަ؟" ލިމްޔާއަށް ސުވާލުކޮށްލެވުނެވެ.

ނަރުސްކުއްޖާ ބޯޖަހާލިއެވެ. އަދި ލިމްޔާގެ އަތަށް ގުޅާފައިވާ އައިވީފުޅި ބަދަލުކުރުމަށްފަހު އެނބުރި ދިޔުމަށް ހިނގައިގަތެވެ.

ވޯޑުގެ ދޮރުމަތީގައި ހުރި ނިމާލުގެ މޫނުމަތިން ފެންނަމުންދިޔައީ ނުތަނަވަސްކަމެވެ. ނަރުސްކުއްޖާ ނުކުތުމުން، އެކުއްޖާގެ ފަހަތުން ކަހަލަ ގޮތަކަށް ނިމާލުވެސް ހިނގައިގަތެވެ.

********

ރަޒީނާގެ ހަށިގަނޑު ވަޅުލުމުގެ ވަގުތު އައިސް ޖެހުނެވެ. އަމީރާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީ ހުދު ފޮތިގަނޑުން ރަޒީނާގެ މޫނު ފޮރުވާލި މަންޒަރު ފެނުމުންނެވެ. އެހާ ގާތްކޮށް އުޅުމަށްފަހު، ރަޒީނާ އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީ ހީވެސްނުކުރާފަދަ ކުއްލިގޮތަކަށެވެ. އެއީ ރަޒީނާގެ މޫނު ފެންނާނެ ފަހު ފަހަރެވެ.

ރަޒީނާގެ ހަށިގަނޑު ވަޅުލުމުގެ ކަންކަން ނިންމާ އަމީރާމެން ދިޔައީ މަރުކަޒަށެވެ. ލިމްޔާއަށް ވާނެ ގޮތެއް ނޭނގޭތީ ރަޒީނާގެ މަރުގެ ހަބަރު ސިއްރުކޮށްދިނުމަށް އެންމެންގެ ކައިރިން އަމީރާ އެދުނެވެ. ލިމްޔާގެ ކުރިމަތީގައި ކަރުނަތައް ހިންދާލައިގެން އަމީރާ އިން ނަމަވެސް މާގިނައިރަކު ކެތެއް ނުކުރެވުނެވެ.

"މަންމާ... އަޅުގަނޑު ރަނގަޅޭ މިހާރު... މަންމަ ކަންބޮޑުނުވެބަލަ..." މަންމަ ރޯތަން ފެނުމުން ލިމްޔާ ހާސްވިއެވެ.

ލިމްޔާ ހީކުރީ އަމީރާ ދެރަވެގެން އުޅެނީ ލިމްޔާ ބަލިވުމުން ކަމަށެވެ. އަމީރާ އޭނާގެ ދަރިފުޅުގެ ބޮލުގައި ލޯތްބާއިއެކު ފިރުމާލިއެވެ. މަރަކީ ކިހާ ކައިރީގައިވާ އެއްޗެއްކަން އެދަރިފުޅަށް ބުނެދޭން އަމީރާ ބޭނުންވިއެވެ. ރަޒީނާގެ މަރުގެ ހަބަރު ދޭން ބޭނުންވިއެވެ. އެކަމަކު، އަމީރާއަކަށް ހިތްވަރެއް ނުލިބުނެވެ. ދޫ ހަރަކާތެއް ނުކުރިއެވެ.

********

"ދަރިފުޅާ ޔަލްވީ! ދާންވީނު ފެންވަރާލާ ކަންތައް ކޮށްލަން" ޔަލްވީގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ނިމާލު ބުނެލިއެވެ. "ނަފީސާ ދޭ ޔަލްވީ ގޮވައިގެން. ކޮންމެސް އެއްޗެއް ކާލައިގެން އަންނާތި!"

"ދަރިފުޅާ ހިނގާ" ޔަލްވީގެ އަތުގައި ހިފައި ނަގަން މަސައްކަތް ކުރަމުން ނަފީސާ އެދުނެވެ.

ޖެހިބުދެއްހެން ގުޑިވެސްނުލައި ޔަލްވީ އިނެވެ. ފިކުރެއްގެ ތެރެއަށް ގޮސް ހުސްވެފައެވެ. ޔަލްވީގެ މޫނުމަތީގައި ތާޒާކަމެއް ނެތެވެ. އަބަދު އޮމާންކޮށްލާފައި އޮންނަ އިސްތަށިގަނޑުގެ ތަރުތީބު ވަނީ ގެއްލިފައެވެ. އެއިން ކަމަކަށްވެސް ޔަލްވީގެ ފަރުވާލެއް ނެތެވެ.

"ދަރިފުޅު ތިހުންނަނީ ހެނދުނޫއްސުރެ އެއްވެސް އެއްޗެއް ނުކައި. ނުކައި ހުއްޓާ ބަލިވެދާނެ. އަވަހަށްދޭ..... ދަރިފުޅުމެން އަންނަންދެން ބައްޕަ މަޑުކޮށްލާނަން ހޮސްޕިޓަލުގަ" ނިމާލު ބޭނުންވީ ޔަލްވީ އާއި ނަފީސާ ގެއަށް ފޮނުވާލާށެވެ.

ޔަލްވީގެ މިޒާޖަށް ކުއްލިއަކަށް އައި ބަދަލުން ނިމާލު ހާސްވިއެވެ. ޔަލްވީއަށް ނަފްސާނީ ގޮތުން އަސަރުކުރީ ހެއްޔެވެ؟ ކައިވެންޏަށްފަހު ޔަލްވީއަށް އެއްވެސް ހަމަޖެހުމެއް ނެތެވެ. ނިމާލަށް ބޯ ހޫރާލެވުނެވެ. ހުރިހާ ކަމަކަށް ވިސްނޭ ވަރަށްވުރެ ނިމާލުގެ ސިކުނޑީގައި ދައުރުވަމުންދިޔަ ކަންތައްތައް ގިނައެވެ.

ޔަލްވީމެން ދިޔަކަން ޔަގީންކުރުމަށްފަހު ނިމާލު މިސްރާބުޖެހީ މަރުކަޒުގެ އޮފީސްބައި ހުންނަ ދިމާއަށެވެ. ދޭތެރެއަކުން ފަހަތް ބަލަމުން ހިނގަމުންދިޔަ ނިމާލު ހީވަނީ ވައްކަމެއް ކުރަން އުޅޭހެންނެވެ. ނިމާލު ގޮސް މަރުކަޒުގެ އޮފީސްބައިގެ ދޮރުގައި ޓަކިޖަހާލިއެވެ. އަދި ދެކޮޅު ހޯދާ ބަލާލުމަށްފަހު އެތެރެއަށް ދެމިގަތެވެ.

ނިމާލުގެ ހަރަކާތްތަކަށް އަފްސަމް ހުރީ ފާރަވެރިވެގެންނެވެ. ޔަލްވީއާއި ކައިވެނި ކުރެވުނުފަހުން ރަޔާންއަށް ލިބުނީ ހިތާމައެވެ. އޭގެ ފަހަތުގައި ކޮންމެވެސް ކަމެއް ފޮރުވިފައިވާނެއެވެ. އަފްސަމަށް ޝައްކުގެ ނަޒަރުން ބެލުނީ ނިމާލަށެވެ. ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ ނިމާލުކަމަށް އޭނާ ނިންމިއެވެ. ނިމާލު އެތެރެއަށް ވަތްކަން ޔަގީން ކުރުމަށްފަހު، އަފްސަމް ގޮސް ދޮރުމަތީގައި ހުއްޓުނެވެ. ކުރިމަތިލާން އުޅެވެނީ ކޮންކަހަލަ ކަމަކާއި ކަމެއް ނޭނގޭތީ އަފްސަމް ހުރީ ހާސްވެފައެވެ. ނިމާލަކީ އާރާއި ބާރު ލިބިފައިވާ މީހެކެވެ. ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެއެވެ. ކުޑަކޮށް ދޮރު ހުޅުވާލާ އަފްސަމް އެތެރެ ބަލާލިއެވެ. އޭރު ނިމާލު ހުރީ ދޮރާއި ފުރަގަސް ދީގެންނެވެ. ނިމާލުގެ ކުރިމަތީގައި ހުރި މީހެއް އަފްސަމްއަށް ފެންނަވަރެއް ނުވިއެވެ. ބޮޑަށް ދޮރު ހުޅުވާލައި ބަލާލާކަށް އަފްސަމަކަށް ނުކެރުނެވެ.

"ކޮބާ އަހަރެން ބުނި ކަންތައް ކުރަން އެއްބަސްތަ؟" އަމުރުވެރި ރާގަކަށް ނިމާލު ސުވާލުކޮށްލިއެވެ.

ނިމާލުގެ ކުރިމަތީގައި ހުރި މީހަކު ބަލާލުމަށް އަފްސަމް ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލިއެވެ. ނަމަވެސް އެމީހަކު ފެންނަވަރެއް ނުވިއެވެ. އަފްސަމް އެހެން ހުއްޓާ ފެނުނު މަންޒަރުން އަނގަމަތީ އަތް އަޅާލެވުނެވެ. ތަކުރާރުކޮށް އެސްފިޔަ ޖަހާލެވުނީ ފެނުނު މަންޒަރު ގަބޫލު ނުކުރެވުމުންނެވެ. ނިމާލު އެހާ ގިނަ ފައިސާތަކެއް މީހަކަށް ދޭންވީ ކީއްވެ ހެއްޔެވެ؟

"އަނެއްކާ ރަޔާންގެ އެކްސިޑެންޓް؟....." ހިތަށް އެރި އެއްޗަކުން އަފްސަމްގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

ރަޔާންގެ އެކްސިޑެންޓަކީ ނިމާލުގެ އެދުމަށް ބަޔަކު ރާވައިގެން ދިން ލަނޑަކަށް ވެދާނެ ހެއްޔެވެ؟ އަފްސަމަށް އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ. ރަޔާންގެ އެކްސިޑެންޓް ހިނގައިދިޔަ ގޮތާއި، އޭގެ ކުރިން ކަންތައް ހިނގާފައިވާ ގޮތާއި ދޭތެރޭ ވިސްނާލަން އަފްސަމަށް މަޖުބޫރުވިއެވެ. އޭނާގެ ހިތުގައި އިންދުނު ޝައްކުގެ އޮށުގައި މޫލައި، ހެދެން ފެށީ ސަބަބެއް ނެތިއެއް ނޫނެވެ. ރަޔާންގެ ކައިވެނި ކުރެވުނުގޮތުން އެކަނިވެސް އޭނާގެ ޝައްކު ޔަގީންވާ ހެއްކަކަށް ފުދެއެވެ.

"މިވާހަކަ އެއްވެސް މީހެއްގެ ކައިރީ ދައްކައިގެން ނުވާނެ!" ނިމާލު އަމުރުކުރިއެވެ. "މިކަން އޮންނަންވާނީ އަހަރެމެން ދެމީހުންގެ މެދުގަ. މީ މިވަގުތަށް ދެވެން އޮތްވަރު. ފަންސާސް ހާސް ރުފިޔާ ތީގަ އޮންނާނެ. މިވަރު މަދިއްޔާ އަދިވެސް އިތުރަށް ދެވިދާނެ. އެކަމަކު ދެން ދެވޭނީ ހުރިހާ ކަމެއް ނިމުނީމަ"

"އޯކޭ" ޖަވާބު ދިނީ ފިރިހެނެއް ކަމެއް އަންހެނެއް ކަމެއް އަފްސަމަށް ޔަގީން ނުވީ އޭނާގެ ސިކުނޑީގައި ދައުރުވަމުންދިޔަ ކަންތައްތައް ގިނަ ކަމުންނެވެ. ނިމާލު ދެއްކި ވާހަކައިން އަފްސަމްގެ ހިތް އިތުރަށް ގޯސްވިއެވެ.

"އަހަރެން ބުނި ގޮތަށް ކަންތައް ނުކޮށްފިއްޔާ ހުރިހާ ކަމެއް ގޯސްވާނެކަން ހަނދާންކުރާތި!" އިންޒާރެއް ދޭ ފަދައިން ނިމާލު ބުނެލިއެވެ.

އަފްސަމްގެ ހަރަކާތްތަކަށް ބަލަން މުސްތަފާ ހުރީ ސުވާލު އުފެދިފައެވެ. މަރުކަޒުގެ އޮފީސްބައިގެ ދޮރު ހުޅުވައިގެން އަފްސަމް ކުރަނީ ކީއްހެއްޔެވެ؟

"އަފްސަމް! މިތާ ކީއްތިކުރަނީ؟" މުސްތަފާ ސުވާލުކުރީ ތަންކޮޅެއް ބާރަށެވެ.

މުސްތަފާގެ އަޑު އިވުމާއިއެކު، އަފްސަމް ދިޔައީ ސިއްސައިގެންނެވެ. ވައްކަމެއް ކުރަނިކޮށް ފަޅާއެރުމުންވެސް މީހަކަށް ވާނީ އެފަދަ ގޮތެކެވެ. މުސްތަފާ އެތެރެ ބަލާލުމުގެ ކުރިން އަފްސަމް އަވަހަށް ދޮރު ލެއްޕިއެވެ. އެންމެ މުހިއްމު ހިސާބުން ނިމާލުގެ ހަރަކާތްތައް ބެލޭގޮތް ނުވުމުން އަފްސަމަށް ލިބުނީ މާޔޫސްކަމެވެ.

"ލިމްޔާގެ ބައްޕަ ކޮންއިރަކު ރަށަށް އައީ؟" ހަމަޖެހިލަން މަސައްކަތް ކުރަމުން އަފްސަމް ސުވާލުކުރިއެވެ. އޭނާ ސުވާލުކުރީ އެތެރޭގައި ތިބި ބަޔަކަށް ނީވޭނެހައި މަޑުންނެވެ.

"އަދި ނުވާނެ މާގިނައިރެއް" މުސްތަފާ ޖަވާބުދިނެވެ.

"ލިމްޔާ މިހާރު ރަނގަޅުދޯ؟" އެތަނުން ދިޔުމަށް ހިނގައިގަންނަމުން އަފްސަމް ބުނެލިއެވެ.

"އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނުދެމެއްނު. އަފްސަމް މިތާ ކީއްހޭ ތިކުރަނީ؟" މުސްތަފާ އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ. އަފްސަމް ހުރި ގޮތުން ކޮންމެވެސް ކަމަކާއި ހާސްވެފައި ހުރިކަން މުސްތަފާއަށް އެނގުނެވެ.

"މި.. މި... މީހަކު ހޯދަންވެގެން މިއައީ.... އެކަމަކު ނެތް.... އެހެންވެ ދާން މިދަނީ...." އަފްސަމް ހުރީ ޖެހިލުންވެފައެވެ. އެހާ ކުއްލި ގޮތަކަށް ހުރިހާ ކަމެއްވުމުން ބުނާނެ އެއްޗެއް ނޭނގުނެވެ.

"މަޑުކޮށްބަލަ!" މުސްތަފާ އަފްސަމް ހުއްޓުވިއެވެ.

"ކަމެއް ނުވަންޏާ، އަފްސަމް ތިގޮތަކަށް ނުހުންނާނެ! ކޮންމެސް ކަމެއް ގޯސްވެއްޖެ. އަފްސަމް ބުނަން ބޭނުން ނުވަންޏާ އަހަރެން އެތެރެއަށް ވަދެ ބަލާފާނަން...." މުސްތަފާ މަސައްކަތްކުރީ އެތެރެއަށް ވަންނާށެވެ.

"މަޑުކޮށްބަލަ ލިމްޔާގެ ބައްޕާ!" އަފްސަމް އަވަސް އަވަހަށް މުސްފަތާގެ އަތުގައި ހިފެހެއްޓިއެވެ. "އާދެބަލަ އިހަށް މިތަނުން ދުރަށް. ހުރިހާ ވާހަކައެއްވެސް ބޭބެއަށް ކިޔާދޭނަމޭ..."

*********

ފެންވަރާލައިގެން ޔަލްވީ ނުކުތެވެ. ފެންވަރާލުމުން ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ އަރާމެއް ލިބިގެން ދިޔައެވެ. ނަފީސާ އެނދުގައި ނިދާފައި އޮތް ތަން ފެނުމުން ޔަލްވީ ހިނިތުންވެލިއެވެ. ރަޔާންގެ މަންމަ ވަކިވެދިޔަގޮތަށް ނަފީސާ ވަކިވެގެންދާކަށް ޔަލްވީ ބޭނުމެއް ނުވެއެވެ. ޔަލްވީ ގޮސް މޫނުބަލާ ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނެވެ. އެވަގުތު ރަޔާންގެ ސޫރަ ހިތަށް ސިފަވެގެން ދިޔައެވެ. ކައިވެނި ކޮށްގެން އައިސް ކޮޓަރިއަށް ވަތް ވަގުތު ކަންތައް ހިނގާދިޔަ ގޮތް ކުރިމަތިން ފެންނަހެން ހީވިއެވެ. ޔަލްވީ ދެފަރާތަށް ބޯ ހޫރައިލިއެވެ. ރަޔާން އާއި ދޭތެރޭގައި ޔަލްވީ ވިސްނަންވީ ކީއްކުރަން ހެއްޔެވެ؟ އެއީ ޔަލްވީއަށް މުހިއްމު މީހެއް ނޫނެވެ.

ވަރުބަލިވެފައި ހުރިވަރުން ޔަލްވީ ބޭނުންވީ ކުޑައިރުކޮޅަކު އޮށޯވެލާށެވެ. ޔަލްވީ ނަފީސާގެ ކައިރީގައި އޮށޯވެލީ ކުޑައިރުކޮޅަކުން މަރުކަޒަށް ދިޔުމަށް ނިންމައިގެންނެވެ. ނަމަވެސް ހަމަ އެވަގުތު ނަފީސާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅީ ނިމާލެވެ. ޔަލްވީ ފޯނު ނެގުމުގެ ކުރިން ނަފީސާއަށް ހޭލެވުނެވެ.

"މި ދަނީ ކުޑައިރު..." ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ނަފީސާ ބުނެލިއެވެ. އޭނާގެ ޖުމުލަ ފުރިހަމަކުރެވޭގޮތެއް ނުވިއެވެ.

ނަފީސާގެ ނިދިވެސް ވަގުތުން ފިލައިގެން ދިޔައެވެ. ކުއްލިއަކަށް ތެދުވެ އިށީނދެވުނެވެ. ނަފީސާގެ ދެލޮލަށް ގިނަވެގަތް ކަރުނަތައް ކޯތާފަތްމައްޗަށް އޮހޭކަށް ގިނައިރެއް ނުނެގިއެވެ. ފޯނު އަތުން ދޫވެ އެނދުމައްޗަށް ވެއްޓުނުއިރުވެސް އަނގައިން ބަހެއް ބުނެލަން ނޭނގިފައި ނަފީސާ އިނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު