ޓީޗަރުންނަށް ރައީސްގެ އިރުޝާދު: ދިވެހިންގެ ހަރުދަނާ މާތް ސިފަތަކުން ދަރިވަރުން ޒީނަތްތެރިކޮށްދެއްވާ

ރައީސް ޑރ. މުޙައްމަދު މުއިއްޒު: -- ފޮޓޯ/ ރައީސް އޮފީސް

ދިވެހީންގެ ހަރުދަނާ މާތް ސިފަތަކުން ދަރިވަރުން ޒީނަތްތެރިކޮށްދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޓީޗަރުންނަށް މިއަދު އިރުޝާދު ދެއްވައިފިއެވެ.

އެމަނިކުފާނު މިފަދައިން އިރުޝާދު ދެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދަކީ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ ގޮތުގައި ވެސް ފާހަގަކުރާ ދުވަހަށް ވާއިރު، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖެ ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން ބިނާކުރާ ފަދައިން ފިކުރާ ސިކުނޑީގެ ގޮތުން ދަރިވަރުން ބިނާކުރަން ބޭނުންވާ ކަމަށެވެ.

މިއަދުގެ ބޭއްވި ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން --- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން، އިންސާނިއްޔަތާއި އަޚްލާގާއި މާނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގަންނުވަން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ދިވެހި ދަރިން ގައުމިއްޔަތަށް އަހުލުވެރިކޮށްދެއްވުމަށާއި މަސައްކަތުގައި ޝާމިލްވުމުގެ ޝައުގު އަށަގެންނެވުމަށް ޓީޗަރުން މަސައްކަތްކޮށްދެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ދިވެހީންގެ ހަރުދަނާ މާތް ސިފަތަކުން ޒީނަތްތެރިކޮށްދެއްވާ. މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމައި މަސްއޫލިއްޔަތު އުފުލުމުގެ ޝައުޤާއި ޤާބިލުކަން އަށަގަންނަވާދެއްވާ. ހަމަ އެހެންމެ، މި ކަމުގައި ލޮބުވެތި ދިވެހި ހުރިހައި ރައްޔިތުންގެ އެއްބާރުލެއްވުން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. އެކަމަށް ޓަކައި އަޅުގަނޑުމެން އާރާސްތުކުރަން ޖެހޭ އަޚްލާޤީ އެތައް ބިނާއެއް އެބަ ހުރި.

އިތުރަށް ރައީސް މުއިއްޒު ވިދާޅުވީ، ދިއްލަން ޖެހޭ އެތައް ވޮށަކާއި ދަންމަރެއް އެބަ ހުރި ކަމަށާއި ދިވެހީންގެ ހާލަތު ބަދަލު ކުރުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކީރިތި ގުރުއާނާ ހަވާލާދެއްވައި ރައީސް ވިދާޅުވީ، ހާލަތު ބަދަލު ކުރުމަކީ ދިވެހިންގެ އަމިއްލަ ކަމެއް ކަމަށާއި ހާލަތު ބަދަލުކޮށް އިސްލާހަށް މަސައްކަތް ފެށުމުން މާތް ﷲ އެކަމަށް ހެޔޮ ތައުފީގު ދެއްވާނެ ކަމަށެވެ.

ރައީސް ހާފިޒަކަށް މެޑަލް ހަވާލުކޮށްދެއްވަނީ: މިއަދު ވަނީ 28 ހާފިޒަކަށް މެޑަލް ދީފައި ---- ފޮޓޯ/ރައީސް އޮފީސް

އޭގެއިތުރުން، މިއަދު ޖީލަށް އިސްލާމް ދީނުގެ ހަގީގީ ތަރަޙަތަކާއި ފުން މާނަތައް ދޭހަ ނުވާކަން ފާހަގަކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ޖެންޒީގެ ގޮތުގައި މަޝްހޫރި މި ޖީލުގެ ކުދިން ވިސްނާ ގޮތާއި ފިކުރު ކުރާ ގޮތްތައް ތަފާތު ކަން ފާހަގަކުރެއްވިއެވެ.

ދުނިޔޭގައި ހިނގާ ސިޔާސީ އިޤްތިޞާދީ އެކި އޮއިވަރުތަކުގެ ރޯލުވެސް ވަރަށް ފުޅާ. މި ބަދަލުތަކުގެ ތެރޭން ޖެންޒީއަކީ ކޮންޕިއުޓަރުގެ ޖީލު. ގޭމުތަކުގެ ޖީލު. ތަޢުލީމު ލިބިފައިވާ ފަލްސަފާގެ ސަބަބުން އަމިއްލަ މިނިވަންކަމަށް އިންތިހާއަށް ބޭނުންވާ ޖީލު. ލުއި އަވަސް ގޮތްތައް ފަހިވި ޖީލު.

ޤައުމާއި މުޖުތަމަޢުގައި ބާރުވެރިކުރުމަށްޓަކައި، މި ޒުވާން ޖީލުގެ ވިސްނުމާއި ގުޅުވާލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް ހަދަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ދިވެހީންގެ ތާރީޚާއި މިނިވަން ދައުލަތެއް ދެމި އޮތް ހަގީގަތް ޒުވާނުންނަށް ވިސްނޭ ގޮތަކަށް އަންގައިދެވެން ޖެހޭ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް