ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ބުނާ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް ނޯޓިސްފޮނުވައިފިއެވެ.
މި ނޯޓިސްގައި ވަނީ އަންނަ އަދިއްތަ ދުވަހުގެ ކުރިން އެ އެޕާޓްމަންޓުތައް ހަވާލުކުރުމަށް އެދިފައެވެ. އަދި އާދިއްތަ ދުވަހުގެ ކުރިން އެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލު ނުކޮށްފި ނަމަ، ފުލުހުންގެ ބެލުމުގެ ދަށަށް އެތަންތަން ނަގާނެ ކަމަށް އެ ނޯޓިސްގައި ވެއެވެ.
ކޮވިޑު ތެރޭގައި ކްލަބްތަކަށް ފައިސާ ދޫކުރަން ދިވެހި އެފްއޭއެމަށް ދިން ފައިސާ ބޭނުންކޮށްގެން ބައްސާމް އަދީލް، އަމީން އެވެނިއުއިން ދެ ފުލެޓު ގަތްކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރަން ވެސް ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވައިފައެވެ.
ބައްސާމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނާއި އިކޮނޮމިކް ކްރައިމްސް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން ގެންދާ މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭން މީގެކުރިން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ، އެފްއޭއެމްގެ ފައިސާއިން ފުލެޓު ގަތް މައްސަލައިގައި ބައްސާމާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ. އެ ކަމަށް އެފްއޭއެމްގެ ފަައިސާއިން 3،084،000 ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ގޮތުން، އެފްއޭއެމުން އަމީން އެވެނިއުއަށް އޭޕްރީލް 14، 2021 ގައި އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ފުލުހުން ބުންޏެވެ.
އެ އަދަދަށްވާ ވަރަށް ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ކަމަށް ދައްކަން ލިޔެކިޔުންތަކެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ފައިސާއަކީ ކޮވިޑު ތެރޭގައި ކުލަބުތަކަށް ފައިސާ ދޫކުރަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ، ފީފާއިން އެފްއޭއެމަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވަނީ ބައްސާމްގެ އިތުރުން، އަމިން އެވެނިއުގެ ވެރި ކުންފުނި އަމިން ކޮންސްޓްރަކްޝަންސްގެ މައްޗަށާއި އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް މަސައްކަތްކުރި ހަސަން ވަހީދުގެ މައްޗަށެވެ.