ކުނި މެނޭޖްކުރާ ވަސީލަތްތައް ހޯދަން ބީއެމްއެލުން މާލީ އެހީ ދެނީ

ކުނިތަކެއް: ބީއެމްއެލްއިން ކުނި މެނޭޖުކުރާ ވަސީލަތްތައް ހޯދަން މާލީ އެހީދޭ ޕްރޮޖެކްޓެއް -- ސަން ފޮޓޯ

ކުނި މެނޭޖުކުރަން ބޭނުންވާ ވަސީލަތްތައް ހޯދަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މާލީ އެހީދޭ ޕްރޮޖެކްޓެއް ތައާރަފުކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ، މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭކުރާ ފެސިލިޓީތަަކަށް ބޭނުންވާ ވަސީލަތްތައް ހޯދަން މާލީ އެހީ ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން ބީއެމްއެލްގެ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، މި ޕްރޮޖެކްޓުން ދައްކުވަައިދެނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރަން އެ ބެންކުން ކުރާ މަސައްކަތް ކަމަށެވެ.

މި ޕްރޮޖެކްޓަކީ ކުނި މެނޭޖުކުރުމުގެ ހައްލުތައް ހޯދައި ދިނުމުގެ އިތުރުން މިހާރު ހުރި ކުނި މެނޭޖުކުރާ ނިޒާމުތައް އިތުރަށް ތަރައްގީ ކުރުމަށާއި ރާއްޖެއަށް ސާފު މުސްތަގުބަލެއް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް ނޫރައްދީން ވިދާޅުވިއެވެ.

"ތިމާވެއްޓަކީ ޒިންމާދާރު ވިޔާފާރިއެއްގެ ހައިސިއްޔަތުން މުޖުތަމައަށް އެހީ ފޯރުކޮށްދޭނެ ދާއިރާ ވެސް މެ. އަޅުގަނޑުމެން ވަރަށް ޝައުގުވެރިވޭ މި ޕްރޮޖެކްޓު މެދުވެރިކޮށް މަދަނީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރަން،" އޭނާ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން މާލީ އެހީއަށް އެދެވެނީ ހަމައެކަނި މަދަނީ ޖަމިއްޔާތަކަށް ކަމަށްވާއިރު، މި މަހުގެ 21 ވަނަ ދުވަހުގެ 4:00ގެ ކުރިން [email protected] މެދުވެރިކޮށް ޖަމިއްޔާތަކަށް އެހީއަށް ހުށަހެޅޭނެއެވެ.

ބީއެމްއެލްއިން ބުނީ، ޕްރޮޖެކްޓާ ގުޅުން ހުރި އިތުރު މައުލޫމާތު ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

comment ކޮމެންޓް