ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށް ދިވެހި ގޮތްތައް ހިފެހެއްޓުން މުހިންމު ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން ކަމަށެވެ.
އެގޮތުން، އެކުވެރިކަމާއި ހިތްހެޔޮ ކަމާއި އަމާންކަމާއި ރައްކާތެރިކަމަކީ ފަތުރުވެރިކަމުގެ ބިންގާ ކަމަށް އެމަނިކުފާނު ސިފަކުރެއްވެވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބު ކަމާއެކުގައި ދެމެހެއްޓުމަށްޓަކައި، ދިވެހީންގެ ސުލްޙަވެރި ގޮތްތައް ހިފެހެއްޓުން ބޭނުންތެރިކަމަށެވެ.

ފަތުރުވެރިން ރާއްޖެ އައުން: ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށް ދިވެހި ގޮތްތައް ހިފެހެއްޓުން މުހިންމު ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖޭގެ އިގްތިޞާދު ބަރޯސާވެފައި ވަނީ ފަތުރުވެރިކަމަށް ވާއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު ވަނީ 52 އަހަރު ފުރިފައެވެ. އެގޮތުން، ރާއްޖޭގައި ފަތުރުވެރިކަން ފެށީ 1972 ވަނަ އަހަރުއެވެ.
ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން ފެށީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު ތިން ވަނަ ދުވަހުއެވެ.
މި އަހަރުގެ މިހާތަނަށް 1.4 މިލިއަން ފަތުރުވެރިން ރާއްޖެ އައިއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.
އެގޮތުން، ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތަކުގެ މާކެޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. އެ ގައުމުން 218،366 ފަތުރުވެރިން އައިސްފައިވާއިރު، މާކެޓުގެ ދެވަނައިގައި އޮތީ ރަޝިއާއެވެ. ރަޝިއާއިން 161,190 ފަތުރުވެރިން މިހާތަނަށް އައިސްފައިވެއެވެ.