އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސް ފެންގަނޑެއް ހެދުމަށް އިއްޔެ ކުރި އިއުލާން ބާތިލު ކުރަން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އެ މަރުކަޒުގެ މުންނާރު ކައިރީ މަސް ފެންގަނޑެއް ހަދާދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެކަމާ ގުޅުވައި މިއަދު މިނިސްޓަރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އިގްތިޞާދީ ގޮތުން މި ވަގުތު ރާއްޖެ އޮތް ހާލަތުން މިފަދަ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ އެ އިއުލާނު ބާތިލް ކުރަން އަންގަވާފައިވާ ކަމަށެވެ.
އެ ފެންގަނޑަކީ މަރުކަޒު އެޅީއްސުރެ މުންނާރު ކައިރީ އޮންނަ ފެންގަނޑެއް ކަމަށާއި މިހާރު އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރާ ކަމަށްް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި ރައީސް މުއިއްޒު ވަނީ މީގެ ކުރިން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، މީގެ ކުރިން ވަނީ މިނިވަން ދުވަހުގެ ހަރަކާތްތައް ފާހަގަނުކުރުން ފަދަ ފިޔަވަޅުތައް ވެސް އަޅުއްވާފައެވެ.