މި ހަފުތާގައި ހިނގާދިޔަ އެންމެ ބޮޑު ކަމަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ބޭރު ފައިސާއާ ބެހޭ ގަވާއިދާއި މަނީ އެކްސްޗޭންޖް ގަވާއިދަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ގެނައި ބަދަލުތަކެވެ.
ޒަމާނުއްސުރެ ދިވެހީން އަބަދު ވެސް ކުރަމުން އައި ޝަކުވާއަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާއިރު، މި ގައުމުގައި ބޭންކިން ނިޒާމުގައި ޑޮލަރު ހަރުނުލަނީ ކީއްވެތޯއެވެ؟ އަބަދު ވެސް ބޭނުންވާ ވަރަށް ޑޮލަރު ނުލިބިގެން އުޅެންޖެހެނީ ކީއްވެތޯއެވެ؟
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވީ ފަސް އަހަރު، ފަތުރުވެރިކަމުން އަހަރަކު ގާތްގަނޑަކަށް ހަތަރު ބިލިއަނެއްހާ ޑޮލަރު ލިބުނެވެ.
އެމްއެމްއޭއިން ގެނައި ބަދަލާ އެކު ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ހުރިހާ އާމްދަނީއެއް ދިވެހި ބޭންކިން ސިސްޓަމަށް ޖަމާކުރަން މަޖުބޫރުވާނެއެވެ.
އެ ގަވާއިދުގައި ވާގޮތުން، ރިސޯޓުތަކަށް ކޮންމެ މަހަކު އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހެއެވެ. އަދި، ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަންޖެހެއެވެ.
މި ހަފުތާގެ 'ސަން އެޑިޓާސް ޓޯކް' ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ސަން އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ސާއިލު އަލީ ވިދާޅުވީ، މިއީ ކޮންމެހެން ވެސް ގެންނަންޖެހޭ ބޮޑު ބަދަލެއް ކަމަށާއި މި ކަމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
އެހެންނަމަވެސް، މި ފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ކުރީގައި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އިސް ބޭފުޅުންނާ މަޝްވަރާކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވަނީ ޑޮލަރުގެ މައްސަލަ ހައްލުކުރަން މުހިންމު ފިޔަވަޅެއް އެޅި ނަމަވެސް މާލީ ގޮތުން ދިމާވާ އެންމެ މައްސަލައަށް ހައްލެއް ނުހޯދޭކަން ފާހަގަކުރައްވައިފައެވެ. އެއީ، ޒަމާނުއްސުރެ ރާއްޖެއަށް ލިބޭ އާމްދަނީއަށް ވުރެ އެތައް ގުނައެއް އިތުރަށް ކުރަމުން އައި ޚަރަދެވެ.
މި މައުޞޫއުގައި ސަންގެ ޕޮލިޓިކަލް އެޑިޓަރު އަޙުމަދު އިނާހު ވިދާޅުވީ، އެމްއެމްއޭއިން ގެނައި ބަދަލުތަކަކީ ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދަން ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެކަމަކު، މި ކަމުގެ ނަތީޖާ ބިނާވާނީ ދެފުށް ފެންނަ ސިޔާސަތުތަކެއް ގެންގުޅުމުގެ މައްޗަށް ކަމަށާއި އެންމެ މުހިންމު ކަމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި އަދަދުތަކުން އިންވެސްޓްކޮށްގެން ތިބި މީހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
އިނާހު ވަނީ ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި މި ފަދަ ފިޔަވަޅުތަކުގެ ސަބަބުން އިތުރު ބްލެކް މާކެޓެއް އުފެދޭކަން ފާހަގަކުރައްވައި އިންވެސްޓަރުންގެ އިތުބާރު ނުގެއްލޭނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
މި ނޫން ވެސް ޑޮލަރުގެ މި އާ ގަވާއިދާ ގުޅޭ ވާހަކަތައް މި ހަފުތާގެ ޕޮޑްކާސްޓްގައި ވަނީ ދެކެވިފައެވެ. މުޅި ޕޮޑްކާސްޓް އައްސަވާލައްވާށެވެ.