ޑޮލަރުގެ އާ ގަވައިދާމެދު އާއްމުން ދެކެނީ ކިހިނެއް؟

މީހަކު ބޭރު ފައިސާތަކެއް ހިފައިގެން: ސަރުކާރުން އިއްޔެ ވަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދެއް އެކުލަވައިލާފައި --- ސަން ފައިލް ފޮޓޯ

ޒަމާނުންސުރެ އެންމެންގެ ހިތުގައި ވެސް އުފެދިފައިވާ އެންމެ ބޮޑު އެއް ސުވާލަކީ ރާއްޖެއަށް ކޮންމެ އަހަރަކުވެސް އެތައް ބިލިއަން ޑޮލަރެއް ވަންނައިރު، އެ ޑޮލަރުތަކަށް ދެން ވަނީ ކިހިނެއް ބާވައެވެ؟ ވަންނަނީ ކޮންތަނަކަށް ބާވައެވެ؟

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވީ ފަސް އަހަރުތެރޭ އަހަރަކު ގާތްގަނޑަކަށް ހަތަރު ބިލިއަނެއްހާ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބެއެވެ. މައްސަލައަކީ، އެހާ ބޮޑު އާމްދަނީއެއް ފަތުރުވެރިކަމުން ލިބޭ އިރު ވެސް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް އެ ފައިސާ ނުވަނުމެވެ.

ކަންމިހެން އޮއްވައި ކުއްލިއަކަށް މި ސަރުކާރުން އިއްޔެ ވަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދެއް އެކުލަވައިލައި ގެޒެޓުގައި ޝާއިއުކޮށް އެއަށް އަމަލުކުރަން ފަށައިފައެވެ.

އެ ގަވާއިދުގައި ވާގޮތުން، ރިސޯޓުތަކަށް ކޮންމެ މަހަކު އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހެއެވެ. އަދި ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަންޖެހެއެވެ.

މިފަދަ ބަދަލުތަކެއް ގަވާއިދަށް ގެނައިއިރު، މިއީ މި މައްސަލައަށް ހައްލެއް ނުލިބި އެތައް އަހަރުތަކެއް ފާއިތުވި ފަހުން ސަރުކާރަކުން އިސްވެ ބަދަލެއް ގެނައި ފަހަރެވެ.

ނަމަވެސް މިކަމާ ގުޅިގެން އާންމުންނާއި، ވިޔަފާރިވެރިންގެ ވިސްނުން ވެސް ތަފާތެވެ.

އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނެގަނީ --- ފޮޓޯ: ބީއެމްއެލް

އާންމުން ދެކެނީ ކިހިނެއް؟

ގަވާއިދަށް ގެނައި ބަދަލާއެކު އާންމުންގެ ޚިޔާލު ވަރަށް ތަފާތެވެ. ގިނަ މީހުން ބުނާ ގޮތުން ނަމަ އެއީ، ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެކެވެ. އަދި އާ ގަވައިދާއެކު ބޭންކުތަކަށް ފައިސާ ވައްދަން ފެށުމުން ބޭރު ފައިސާގެ ދަތިކަމަށް ހައްލެއް ލިބޭނެ ކަމަށް ބުނެއެވެ.

އޭގެ ސަބަބުން ލިބޭނެ ފައިދާތައް ފާހަގަކޮށް، ސްޓޫޑެންޓް ލޯނުގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔަކު ބުނި ގޮތުގައި، ދަރިވަރަށް ލޯނު ފައިސާ ލިބެނީ 15.42 ރޭޓުން އަގު ހަދައިފައެވެ. ނަމަވެސް ޑޮލަރު ގަންނަން ޖެހެނީ ކަޅު ބާޒާރުން ކަމަށްވާއިރު، 16-18 ރޭޓަށް ޑޮލަރު ގަންނަން ޖެހުމުން އެއީ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ.

މިފަހުން ޑޮލަރުގެ އަގު އުފުލިފައި ވަނީ ރާއްޖެއަށް ޑޮލަރު ލިބުން ދަތިވުމުން ކަމަށްވާއިރު، ފަތުރުވެރިކަމުން ވަންނަ ޑޮލަރު އިގުތިސާދުގެ ތެރޭގައި ދައުރުވާނަމަ ޑޮލަރު ރޭޓު ހިފެހެއްޓޭނެއެވެ.

މީގެ އިތުރުން ވެސް ސިއްހީ ބޭނުންތަކަށާއި ހައްޖާއި އުމްރާއަށް ވެސް ދަތުރުކުރާއިރު ދިވެހީން ޑޮލަރު ގަންނަން ޖެހޭއިރު، ބޭންކިން ނިޒާމުގައި ޑޮލަރު ހުންނަ ނަމަ އޭގެ ފައިދާކުރާނެއެވެ.

ސޯޝަލް މީޑިއާގައި އާންމުންގެ މީހަކު ބުނެފައިވާ ގޮތުގައި ރާއްޖޭގެ ރަށްތަކުގައި ފަތުރުވެރިކަން ކުރާއިރު، އެ ދާއިރާއިން ލިބޭ ބޭރު ފައިސާއިން ހުރިހާ ދިވެހިންނަށް ވެސް ފައިދާވާން ޖެހޭނެއެވެ. އެ ފައިދާ ލިބެން އޮތީ، ޑޮލަރު ބޭރަށް ފޮނުވުމުގެ ބަދަލުގައި ރާއްޖޭގައި ބޭނުން ކުރުމުން ކަމަށް އޭނާ ބުނެފައިވެއެވެ.

ނަމަވެސް އިތުރު މީހަކު ބުނެފައިވާ ގޮތުގައި، މިހާރު ގަވާއިދަށް ގެނައި ބަދަލާއެކު ވެސް ބޭންކުން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅައިފައިވާ ޑޮލަރުގެ ލިމިޓަށް މާބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވެއެވެ. އަދި މިހާރު ވެސް އާންމުންނަށް ޑޮލަރު ލިބެނީ ކަޅު ބާޒާރުންކަން ފާހަގަކޮށް އޭނާ ބުނީ، މުސްތަގުބަލުގައި ބޭންކުތަކަށް ލިބެން ފަށާ ޑޮލަރު އާންމުންނަށް ވެސް ލޯނުގެ ގޮތުގައި އެކި ބޭނުމަށް ދޫކުރާނެ ކަމުގެ ޔަގީންކަމެއް ދޭން ޖެހޭ ކަމަށެވެ.

މާފުށީ ގެސްޓްހައުސަކަށް ދެ ފަތުރުވެރިޔަކު ވަންނަނީ ސަން ފައިލް ފޮޓޯ

ވިޔަފާރިވެރިން ހަދަނީ ދެކޮޅު

ރާއްޖޭގައި ފުޅާދާއިރާއެއްގައި ގެސްޓުހައުސްގެ ވިޔަފާރިކުރާ "ކާނި ހޮޓެލްސްގެ" ސީއީއޯ އަބްދުﷲ ނަޝީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހޮޓެލްތަކުން ދެ މީހުން ތިބޭ ކޮޓަރިއަކަށް ރެއަކު އެވްރެޖްކޮށް ނަގާ އަގަކީ 100 ޑޮލަރު ކަމަށެވެ.

"އާންމުކޮށް ގެސްޓުން އަންނަނީ 3-4 ރެއަށް. އެ ކޮޓަރިއަށް 300-400 ޑޮލަރު ލިބޭނެ. އެކަމަކު ކޮޓަރީގައި ތިބި ދެ މެހެމާނުންނަށް އަހަރެމެން ޖެހޭ 1،000 ޑޮލަރު މާރުކުރަން. ކަޅު ބާޒާރުން ގަނެގެން ދެން މާރުކުރަންވީ؟" ގަވާއިދަށް ގެނައި ބަދަލުތަކަށް ވަރަށް ބޮޑަށް އޭނާ ފާޑުވިދާޅުވިއެވެ.

ގެސްޓްހައުސްތަކުގެ މަސައްކަތްކުރާ ވިޔަފާރިވެރިންގެ ކަންބޮޑުވުން ވެސް އިންތިހާއެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ޑޮލަރުން ކުރަންޖެހޭ މުއާލާތްތައް ހުރިއިރު ވަކި ވަރެއް ބޭންކުތަކަށް މާރުކުރަން ޖެހުމެވެ.

ޓްރެވަލް އެޖެންސީ، ލެޓްސްގޯ ކުންފުނީގެ އެމްޑީ މުހައްމަދު ރިޔާޒު 'ސަން' އާ ވާހަކަދައްކަވައި ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމްގައި ލޯކަލް ޓްރެވަލް އެޖެންސީއެއް ރައްކާތެރި ކުރެވޭނެ އެއްވެސް ގާނޫނެއް ނެތް ކަމަށެވެ. އަދި މިހާރު ނިންމާ ގެޒެޓުކޮށްފައިވާ ގަވާއިދަކީ ހަރުދަނާ ގަވާއިދެއް ނޫން ކަމަށާއި މިހާރު ގަވާއިދު އޮތް ގޮތުން ޓެރެވަލް އެޖެންސީތަކަށް ވެސް މާބޮޑު މަންފާއެއް ކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރުއަހުމަދު މުނައްވަރު -- ފޮޓޯ/ އަވަސް

އެމްއެމްއޭއިން ބުނަނީ ރައްޔިތުންނަށް މަންފާކުރާނެ ކަމަށް

މި ގަވާއިދުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި ރުފިޔާގެ ޑިމާންޑު އުފެއްދޭނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އައު ގަވާއިދުގެ މަގުސަދަކީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުކުރުމެވެ.

ގަވަރުނަރު ވިދާޅުވީ މިހާރު އެމްއެމްއޭއަށް މާރުވާ ފައިސާއިން ބޭންކިން ނިޒާމަށް އަހަރެއްގެ މައްޗަށް ދެވެނީ 300 ނުވަތަ 400 މިލިއަން ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް އަލަށް އަމަލުކުރަންފެށި ގަވާއިދުގެ ދަށުން އަހަރެއްގެ މައްޗަށް އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު ދެ ގުނަ ވެގެންދާނެ ކަމަށް ގަވަނަރުނަރު ވިދާޅުވިއެވެ.

ރާއްޖޭގައި އަމަލުކުރަމުން އައި ބޭރު ފައިސާއާއި ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ ގަވާއިދަކީ މީގެ 37 އަހަރު ކުރީގެ ގަވާއިދެކެވެ. އެ ދެ ގަވާއިދު އުވާލައި، އައު ދެ ގަވާއިދަކަށް މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ.

މި ގަވައިދަށް ގެނައި ބަދަލުތަކާއެކު މުޅި ސޯޝަލް މީޑިއާގައި އާންމުންނާއި ވިޔަފާރިވެރިން އަންނަނީ އެމީހުންގެ ޚިޔާލުތައް ފާޅުކުރަމުންނެވެ. އެކި މީހުންގެ ޚިޔާލު ވެސް ތަފާތެވެ. ނަމަވެސް ރާއްޖެއަށް ވަންނަ ޑޮލަރު ގައުމުގެ ތެރޭގައި ހިފެހެއްޓޭނެ ގޮތްތައް އިތުރުވުމަކީ ރަނގަޅު ކަމެއްކަން އެންމެން ވެސް ގަބޫލުކުރެއެވެ.

comment ކޮމެންޓް