ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައި، އެ ކަމުން ބޮޑެތި މަންފާ ހޯދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކަރެކްޝަންސްގެ އޮފިސަރުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ގޯސްކޮށް ކަމަށް ހައިކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.
ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަނަލް ސާވިސަސްގެ 18 މުވައްޒަފަކު ބައިވެރިވެވާކަން އެނގިފައިވާކަމަށާއި އެ މީހުންގެ އެކައުންޓުތަކުގައި 73 މިލިއަން ރުފިޔާ ހުރިކަން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.
މި މައްސަލައިގައި މާފުށިން ހައްޔަރުކުރި ޒަޔާން އަހުމަދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު، އޭނާވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަނީ ކުށެއްގެ ތުހުމަތުގައި މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދަކުން ހައްޔަރުކުރެވޭ މީހާ ބަންދުކުރެވޭތާ 24 ގަޑިއިރުގެ ތެރޭގައި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމުގެ އިހްތިސާސް ލިބިގެންވަނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ. މެޖިސްޓްރޭޓް ކޯޓުން ބަންދާ މެދު ގޮތެއް ނިންމެން ނެތް ހާލަތުގައި ވެސް، އެ ކަމާ މެދު ގޮތެއް ކަނޑައަޅަންޖެހޭނީ އެ ދާއިރާގެ އެހެން މެޖިސްޓްރޭޓް ކޯޓަކުން ކަމަށް ބަޔާންކޮށްފައި އޮވެއެވެ.
އެ ގޮތުން ހައިކޯޓުން ބުނީ މާލެ ފިޔަވައި، މެޖިސްޓްރޭޓް ކޯޓެއް ހުންނަ ރަށަކުން ހައްޔަރުކުރާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގެ އިހްތިސާސް ކްރިމިނަލް ކޯޓަށް ލިބޭނެ ގޮތެއް ނެތް ކަމަށެވެ.
ހައިކޯޓުން ބުނީ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް އެ މީހަކު ހާޒިރު ކުރުމުން އަދި ނުފުދޭ ކަމަށާއި، އެ ފަނޑިޔާރަކީ އެ މީހެއްގެ ބަންދާމެދު ގޮތް ނިންމުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަނޑިޔާރަކަށް ވާންޖެހޭނެ ކަމަށެވެ.
މި މައްސަލައިގައި ފަނޑިޔާރުންގެ އިއްތިފާގުން ހައިކޯޓުންކުރި ހުކުމްގައިވަނީ މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި އަމުރަކީ އެ ކޯޓުގެ އިހްތިސާސުން ބޭރުން ކޮށްފައިވާ އަމުރަކަށްވާތީ، އެ އަމުރު ބާތިލްކޮށްފައެވެ.
މި މައްސަލައިގައި 18 މީހަކު ހިމެނޭއިރު، އޭގެ ތެރެއިން ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވަނީ 13 މީހުންގެ މައްޗަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ކަރެކްޝަންސްގެ ވަޒީފާގައި ތިބި މީހުންނާއި އެ ވަޒީފާއިން ވަކިވެފައިވާ ބަޔަކު ވެސް ހިމެނެއެވެ.
މި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވަޒީފާއިން ވަކިވެފައިވީ ކަމުގައި ވިޔަސް ކޮށްފައިވާ ކުށަށް ގާނޫނުން އެ މީހަކަށް ކަނޑައެޅޭ ހައްގު އަދަބު ލިބޭނެކަމަށް ބުނެފައެވެ.
އަދި މިކަމުން އެއްވެސް މީހަކަށް އިސްތިސްނާއެއް ނޯންނާނެ ކަމަށާއި މި ކަންކަމުގައި ތަހުގީގުގެ ދަށުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް މިނިސްޓަރު އިހުސާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.