މަދަނީ ބޭނުންތަކަށް ޑްރޯން އޮޕަރޭޓް ކުރުމާބެހޭ ގޮތުން ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން އެކުލަވާލާ ގަވާއިދުތަކަށް އާންމުންގެ މަޝްވަރާއާއި ޚިޔާލަށް ހުޅުވާލައިފިއެވެ.
ސީއޭއޭއިން ބުނީ ޑްރޯންއާ ބެހޭ ޔޫރަޕުގެ މަދަނީ ގަވާއިދުތައް އަސްލަކަށް ބަލައިގެން އެކުލަވާލި އެ ގަވާއިދުތަކުގެ މަގުސަދަކީ ސަލާމަތާއި، އަމާންކަން އަދި ޒާތީ މަސްލަހަތަށް ފުށުނާރާނެ ގޮތަށް ޑްރޯން ދުއްވުމުގެ ފުރުސަތު ހުޅުވައިލުން ކަމަށެވެ. އަދި މުނިފޫހިފިލުވުމަށާއި ވިޔަފާރީގެ ބޭނުންތަކަށް ޑްރޯން ދުއްވަން ބޭނުންވާ ފަރާތްތަކަށް ފަހިމާހައުލެއް ގާއިމުކުރުމަށް ކަމަށް ސީއޭއޭއިން ބުންޏެވެ.
ސީއޭއޭއިން ބުނީ ޔޫރަޕުގެ މާހައުލުގައި ވެސް އެ ފުރުސަތުތައް ހުޅުވާލާފައިވާ މިންވަރަށް ރާއްޖޭގައި ވެސް ހުޅުވާލުން އެއީ އެ އޮތޯރިޓީގެ މަގުސަދުކަމަށެވެ.
އެގޮތުން މަދަނީ ބޭނުންތަކަށް ޑްރޯން އޮޕަރޭޓް ކުރުމާބެހޭ ގޮތުން އެ އޮތޯރިޓީން އެކުލަވާލާ ގަވާއިދުތަކަށް އާންމުންގެ ޚިޔާލާއި މަޝްވަރާ އަންނަ ނޮވެމްބަރު މަހުގެ 15ގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ސީއޭއޭއިން ބުނި ގޮތުގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި، އަމިއްލަ ފަރުދުންނަށް ވެސް މަޝްވަރާއާއި ޚިޔާލު ހުށަހެޅޭނެއެވެ. އަދި އެފަރާތްތަކުން ރާއްޖޭގެ ގަވާއިދުތަކުގައި ހިމަނަން ބޭނުންވާ ހަމަތައް ސަބަބުތަކާއެކު ހުށަހެޅޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ޑްރޯން އޮޕަރޭޓްކޮށްގެން ވިޔަފާރީގެ މަސައްކަތް ކުރާ، އިޝްތިހާރު ކުރުމާއި މާކެޓްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާއާއި ބައިވެރިވުން މި ގަވާއިދުތައް އެކުލަވާލުމަށް މުހިންމުކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީން ދެކެން، ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)
އެ އޮތޯރިޓީން އާންމުކޮށްފައިވާ "ނޯޓިސް ޓު ޕްރޮޕޯސްޑް ރޫލް މޭކިން (އެންޕީއާރުއެމް)" މި ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ.
މަދަނީ މާހައުލުގައި ޑްރޯން ދުއްވުމާބެހޭ ދެ ގަވާއިދެއް ސީއޭއޭއިން އެކުލަވާލާނެއެވެ. އޭގެތެރޭގައި ހިމެނެނީ ޑްރޯންގެ ސިފަތަކާ ޝަރުތުތައް ހިމެނޭ (MCAR-UAS A) ގަވާއިދުގެ އިތުރުން ޑްރޯން އޮޕަރޭޓްކުރުމާ ބެހޭ މާއްދާތައް ހިމެނޭ (MCAR-UAS B) ގަވާއިދެވެ.
ސީއޭއޭގެ ގަވާއިދުތަކުގައި ޑްރޯން އޮޕަރޭޓުކުރުން ބެހިފައިވަނީ ތިން ކެޓަގަރީއަށެވެ. އެއީ:
- އޯޕަން ކެޓަގަރީ
- ސްޕެސިފިކް ކެޓަގަރީ
- ސެޓިފައިޑް ކެޓަގަރީ
އެ ގަވާއިދު އެކުލަވައިލާ ތަންފީޒުވާއިރު ރާއްޖޭގެ ސަރަހައްދު ޖޯގުރެފިކަލް ޒޯންތަކަކަށް ބަހާލެވޭނެއެވެ. އޭގެތެރޭގައި ޑްރޯން ދުއްވުން މުޅިން މަނާ ސަރަހައްދުތަކާއި، ޚާއްސަ ހުއްދަ ބޭނުންވާ ސަރަހައްދުތަކާއި، ހުޅުވާލެވިފައިވާ ސަރަހައްދުތައް ކަނޑައަޅާނެއެވެ. އަދި ޑްރޯން ދުއްވާ ފަރާތަތައް ރަޖިސްޓްރީކުރުމާއި ޑްރޯން ދުއްވާ ޕްއިލެޓުންގެ ފެންވަރުވެސް އެ ގަވާއިދުތަކުން ކަނޑައަޅާނެއެވެ.
ސީއޭއޭއިން ބުނީ އެ އޮތޯރިޓީން އެކުލަވާލަނީ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ގަވާއިދުތަކެއް ކަމަށެވެ. އެގޮތުން ޑްރޯންގެ ގަވާއިދުތައް ވެސް ހިމެނެނީ މަދަނީ ބޭނުމުގެ ތަރަހައިގެ ތެރެއިން ކަމުން އަސްކަރީ ޑްރޯން ހަރަކާތްތަކުގެ މައްޗަށް އެ ގަވާއިދުތައް ނުހިނގާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އަދި ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ ޑްރޯންތަކާއި، އަސްކަރިއްޔާގެ ޑްރޯން އޮޕަަރޭޝަންތަކުގެ މައްޗަށް ހިނގާނީ އަސްކަރިއްޔާގެ ގަވާއިދުތައް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.