އީރާނުން 250އަށް ވުރެގިނަ މިސައިލުން އިސްރާއީލުގެ ޓެރަރިސްޓް މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން އިސްރާއީލަށް ބަދަލު ހިފުމުގެ ހަމަލާތައް ދެނީ

ޓެލްއަވީވު (1 އޮކްޓޯބަރު 2024): އިސްރާއީލުގައިވާ އަސްކަރީ އަދި ޓެރަރިސްޓް މަރުކަޒުތަކަށް 250އަށް ވުރެ ގިނަ ދުރުރާސްތާގެ މިސައިލުން ހަމަލާދީފި ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ އަސްކަރިއްޔާ ބުނާގޮތުން އިސްރާއީލަށް ހަމަލާދިނީ އިސްރާއީލުގެ ޓެރަރިޒަމްގެ ނުރައްކާ އީރާނަށާއި އީރާނުގެ ބައިވެރިންނަށް އިންތިހާއަށް ބޮޑުވުމުގެ އިތުރުން އިސްރާއީލުން ސީދާގޮތެއްގައި އީރާނަށް ވެސް ހަމަލާދީ އަދި އެހެން ގައުމުތަކުގައި އުޅޭ އީރާނުގެ މަސްއޫލުވެރިންނަށް ވެސް ހަމަލާދީފައިވާތީ އެކަމަށް ބަދަލު ހިފުމުގެ ގޮތުންނެވެ.

އީރާނުގެ ރަސްމީ ޓީވީ ބުނާގޮތުން އިސްރާއީލުގެ އަނިޔާވެރިކަމާއި ޓެރަރިޒަމްގެ ނުރައްކާ ދުވަހެއް ދުވަހަކަށް އާދަޔާ ޚިލާފަށް ބޮޑުވަމުންދާތީ އެކަމަށް ރައްދު ނުދީފިނަމަ ދެން އިސްރާއީލު ގެ އަނިޔާވެރިކަމާއި ނުރައްކަތެރިކަން މިހާރަށްވުރެ ވެސް މާބޮޑުވާނެތީ އިސްރާއީލަށް އަދަބު ނުދީ ވާނެގޮތެއް ނެތިގެން ހަމަލާދިނީއެވެ. ލައްކަ ދުވަހު އީރާނުން ކެތްތެރިކަން އިސްކޮށްގެން އޮތްކަމަށް ވެސް އީރާނުގެ ޓީވީ ބުނެފައިވެއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުން ނެރުނު ބަޔާނެއް ބުނާގޮތުން އީރާނުން ހަމަލާދިނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ އިތުރުން އިސްރާއީލުގެ ހައިފާ، ޔާފާ އަދި ނަތަންޔާ ފަދަ ސިޓީތަކުގައިވާ އަސްކަރީ އަދި ޓެރަރިސްޓް މަރުކަޒުތަކަށެވެ.

މި ހަމަލާތައް ދިނީ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް އޭނާ ޝަހީދުކޮށްލުމަށް އިސްރާއީލުން ދިން ޓެރަރިސްޓް ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުންނާ އަދި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމަށް އިސްރާއީލުން ލުބްނާނަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި އީރާނުގެ އަސްކަރީ މަސްއޫލުވެރިއަކު ޝަހީދުކޮށްލާފައިވާތީ އެކަމަށް ވެސް ބަދަލުހިފުމުގެ ގޮތުންނެވެ.

އަލްޖަޒީރާ ބުނާގޮތުން އީރާނުގެ ހަމަލާތައް އިސްރާއީލަށް އެރީ ކުއްލިއަކަށެވެ. މިކަމުން އިސްރާއީލަށްވަނީ ކުއްލި ސިހުމެއް ލިބިފައެވެ. މިއާއެކު އިސްރާއީލުގެ ހަރުކަށި ލީޑަރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ވަޒީރުންވަނީ ބިމުއަޑީގައިވާ ބިންގަރާސްތަކަށް ގެންގޮސްފައެވެ.

ނަތަންޔާހޫ އާއި އޭނާގެ ވަޒީރުންނަކީ ނަސްރުﷲ ޝަހީދުކޮށްލުމަށް މީގެ ދެތިން ދުވަސްކުރިން އިސްރާއީލުން ދިން ޓެރަރިސްޓް ހަމަލާތަކުގައި ނަސްރުﷲ އާއި އާންމުންގެ 300 މީހުން މަރާލުމަށްފަހު އެކަމުގެ އުފަލުގައި މަޖާކޮށް ފޮނިކާތަކެތި ބެހި ބައެކެވެ.

ނަމަވެސް އީރާނުގެ ކުއްލި ހަމަލާތަކާ ގުޅިގެން އޭނާއާއި އޭނާގެ ވަޒީރުންވަނީ ކުއްލި ގޮތަކަށް ފިލާފައެވެ. އުފަލުގެ ބަދަލުގައި ވަނީ ކަންބޮޑުވުމާއި ހާސްކަމެވެ.

އީރާނުގެ ހަމަލާތައް ކުއްލިގޮތަކަށް އައުމުން އިސްރާއީލު ދިފާއުކުރުމުގެ ފުރުސަތު އެމެރިކާއަށް ވެސް މިފަހަރު ލިބިފައެއް ނުވެއެވެ. މިދިޔަ މާޗްމަހު އީރާނުން އިސްރާއީލަށް ދިން ހަމަލާތައް ދިފާއުކުރުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ބައިވެރިވިއެވެ. ނަމަވެސް މިފަހަރު އެތިން ގައުމަށް ވެސް އެފުރުސަތު ލިބިފައެއް ނުވެއެވެ.

އިސްރާއީލު ބުނާގޮތުން އީރާނުގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އެތަށް މިލިޔަންބަޔަކު ވަނީ ބިންގަރާސްތަކަށް ވަދެ ރައްކާތެރިކަން ހޯދާފައެވެ.

އިސްރާއީލު ބުނާގޮތުން އީރާނުގެ މިސައިލްތަކަށް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ހުރަސްއެޅިއެވެ. އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ ބައެއްމީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވިކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަން އިސްރާއީލުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އީރާނުގެ މިސައިލްތައް އިސްރާއީލުގެ އެތަށް އިމާރާތަކަށް އަރައި ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން އަލްޖަޒީރާއިން ކަށަވަރުކޮށްދީފައިވެއެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ގިނަ މިސައިލްތަކަކަށް ހުރަސްއެޅުމުގައި އިސްރާއީލުގެ ދިފާއީ ސިސްޓަމްތައްވަނީ ފެއިލް ވެފައެވެ.

އީރާން ބުނާގޮތުން އިސްރާއީލުގެ ސިޓީތަކަށް ސީދާގޮތެއްގައި އީރާނުގެ 100 އަށްވުރެގިނަ މިސައިލް އެރިއެވެ. އަނެއްބައި މިސައިލްތަކަށް ހުރަސްއެޅި ނަމަވެސް އޭގެ ބައިތައް ވެސް އިސްރާއީލުގެ ސިޓީތަކަށް ވަނީ ވެއްޓިފައެވެ.

އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނިގޮތުގައި އީރާނުގެ ހަމަލާތަކަށް އިސްރާއީލުން ވަރުގަދަ ރައްދެއް ދޭނެއެވެ.

އދ. ގައި ހުންނަ އީރާނުގެ ޑިޕްލޮމެޓިކް މިޝަން ގެ ބަޔާނެއް ބުނާގޮތުން އިސްރާއީލުން އިތުރު ހަމަލާއެއް އީރާނަށް ދީފިނަމަ ދެން ހަމަލާދޭނީ މިފަހަރު ހަމަލާދިން މިސައިލްތަކަށް ވުރެ އެތަށްގުނަ ބާރުގަދަ މިސައިލްތަކުންނެވެ.

އީރާނަކީ އަޑަށްވުރެ 9ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލް ވެސް އުފައްދާ ގައުމެކެވެ. މިއީ ރާޑަރަށް ނާރާ އަދި ދިފާއީ ނިޒާމުތަކަށް ހުރަސްނޭޅޭ ބާރުގަދަ މިސައިލެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު