ރަޝިއާގެ ޑްރޯނުތަކުން ސްޓާލިންކްގެ އިންޓަނެޓް ޑިޝްތަކެއް ފެނިއްޖެއެވެ.
ޔުކްރެއިނުގެ ޑިފެންސް އެކްސްޕްރެސް ވެބްސައިޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޝިއާގެ ޑްރޯނުތަކުގައި ސްޓާލިންކްގެ ހާޑްވެއާ ބޭނުންކޮށްގެން އެއްވެސް ލިމިޓެއް ނެތި ޔުކްރެއިނުގެ ސަރަޙައްދުގައި އަންނަނީ މުއާޞަލާތު ކުރަމުންނެވެ.
މިދިޔަ ހަފުތާގައި ޔުކްރެއިނުގެ ދިފާޢީ ބާރުތަކުން ޚާރުކިވް ސަރަޙައްދަށް ރަޝިއާއިން ފޮނުވި 28 ޑްރޯނު ވައްޓާލިއެވެ. މި ޑްރޯނުތަކުގެ ބައިތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސްޓާލިންކް ބްރޭންޑުގެ އާލާތްތައް ފެނިފައިވެއެވެ.
ވައްޓާލެވުނު ޑްރޯނުތަކަކީ އީރާނުގެ "ޝަހީދު-136" ނަމަކަށް ކިޔާ ސުއިސައިޑް ޑްރޯނުގެ ރަޝިއާއިން ހަދާފައިވާ ކޮޕީއެކެވެ. މި ޑްރޯނަށް "ގެރަން-2" އޭ ކިޔައެވެ. މިއީ 2,500 ކިލޯމީޓަރުގެ ދުރުމިނަށް އޮޕަރޭޓްކުރެވޭ އަދި 50 ކިލޯގްރާމުގެ ގޮވާ ތަކެތި އުފުލޭ ޑްރޯނެކެވެ.
ޑިފެންސް އެކްސްޕްރެސްއަށް ލިބިފައިވާ ފޮޓޯތަކުގައި ވައްޓާލެވުނު ޑްރޯނެއްގެ ސެޓެލައިޓް ޑިޝެއް ސާފުކޮށް ފެނެއެވެ. އޭގެ ސީރިއަލް ނަންބަރު ވެސް ފެންނަން ހުއްޓެވެ. މީގެ ކުރިން ރަޝިއާއިން ޔުކްރެއިނުގެ ސިމް ކާޑުތައް ބޭނުންކޮށްގެން 4ޖީ މޮޑެމްތަކާ އެކު ތަޖުރިބާކުރުމަށް ފަހު، މިހާރު އާންމުކޮށް ބޮންއެޅޭ ޑްރޯނުތަކުގައި ސްޓާލިންކް ޓާމިނަލްތައް ހަރުކުރަމުންދާ ކަމަށް ޔުކްރެއިނުގެ ވެބްސައިޓުން ލަފާކުރެއެވެ.
ސްޓާލިންކްގެ އަޕްލޯޑް ސްޕީޑު އާންމުކޮށް 20 އެމްބީޕީއެސްއަށް އަރާއިރު، މިއީ ރަޝިއާގެ އޮޕަރޭޓިވުންނަށް ލައިވްކޮށް ވީޑިއޯ އަދި އެހެނިހެން ޑޭޓާ ފޮނުވުމަށް ފުދޭ ވަރަށްވުރެ މާ ބޮޑު ސްޕީޑެކެވެ.
މި އަހަރުގެ ކުރީކޮޅު، ސްޓާލިންކްގެ ވެރިޔާ އެލޮން މަސްކް ބުނެފައިވަނީ ސްޓާލިންކްގެ އެއްވެސް ސީދާ ނުވަތަ ނުސީދާ ވިޔަފާރީގެ ގުޅުމެއް ރަޝިއާގެ އެއްވެސް ފަރާތަކާ ނެތް ކަމަށެވެ.
ނަމަވެސް، ރަޝިއާގެ އަސްކަރީ ޑްރޯންތަކުގައި ސްޓާލިންކްގެ ޑިޝް ހަރުކޮށްފައި ހުރުމުން މިއީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއްކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި މައްސަލަ ބައިނަލްއަގުވާމީ މިނިވަން އިދާރާއަކަށް ހުށަހަޅާނެ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.