ޕްލޭސްޓޭޝަން ނެޓްވޯކުގެ ޚިދުމަތްތައް ގަޑިއިރުތަކަކަށް ހުއްޓުމަކަށް އައިސްފި ކަމަށް މީޑިއާރިޕޯޓްތައް ބުނެފިއެވެ.
ޕްލޭސްޓޭޝަން ނެޓްވޯކުގެ ޚިދުމަތްތަކަށް ބޮޑެތި މައްސަލަތަކެއް ދިމާވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޭމަރުން ކުޅެމުންދިޔަ އޮންލައިން މެޗްތައް ހުއްޓި، ގޭމްތައް ކްރޭޝްވެފައިވެއެވެ. މި މައްސަލަ ދިމާވި ކަމަށް ބެލެވެނީ 30 ސެޕްޓެމްބަރުގެ ރޭ ގެ ވަގުތެއްގައެވެ.
ޑައުންޑިޓެކްޓަރގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި މި މައްސަލައިގެ ސަބަބުން ޕީއެސް5، ޕީއެސް4، ޕީއެސް ވީޓާ އަދި ޕީއެސް3 ކޮންސޯލްތަކުގައި ޔޫސަރުންނަށް ސައިން އިން ނުވެވުނެވެ. އަދި އައު އެކައުންޓް ހެދުމާއި އެކައުންޓް ޑީޓެއިލްސް އެޑިޓް ނުކުރެވުނެވެ. މީގެ އިތުރުން ވެބްސައިޓް މެދުވެރިކޮށް އެކައުންޓް މެއިންޓެނަންސް ނުކުރެވުނެވެ.
ވެބްސައިޓާއި ކޮންސޯލްތަކުގައި ގޭމް ސްޓްރީމް ނުކުރެވުނު އިރު، ގޭމްތައް ބްރައުޒްކޮށް ސަޗް ވެސް ނުކުރެވުނެވެ. އަދި ވައުޗަރު ރިޑީމް ނުކުރެވި، އެއްވެސް ސޭލްސްއެއް ވެސް ނުހެދުނެވެ. ކުރިން ގަނެފައިވާ ގޭމްތައްވެސް ޑައުންލޯޑް ނުކުރެވުނެވެ.
ސޮނީ އިންޓަރެކްޓިވް އެންޓަޓެއިންމަންޓުން މި މައްސަލައާ ގުޅޭ ގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް ޕްލޭސްޓޭޝަން ނެޓްވޯކުގެ ސްޓޭޓަސް ޕޭޖް އަޕްޑޭޓްކޮށް، ގިނަ ޚިދުމަތްތަކެއް މަސައްކަތް ނުކުރާކަން އަންގާފައިވެއެވެ.
"އަޅުގަނޑުމެން ވީހާވެސް އަވަހަކަށް މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން ގެންދަނީ. ކެތްތެރިކަމާއެކު ތިބެދެއްވި ކަމަށްޓަކައި ޝުކުރިއްޔާ," ކުންފުނިން ސްޓޭޓަސް އަޕްޑޭޓެއްގައި ބުނެފައިވެއެވެ.
މިއަދު ފަތިހު 4:30 އާ ހަމައަށް، ހުރިހާ ޚިދުމަތްތަކެއް އަނބުރާ މަސައްކަތްކުރަން ފަށާފައިވާ ކަމަށް ޕީއެސްއެން ސްޓޭޓަސް ޕޭޖުގައި ބުނެފައިވެއެވެ. ނަމަވެސް މި މައްސަލަ ދިމާވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.