ފަރަންސޭސިވިލާތުގެ ބައިނަލްއަގުވާމީ ކުޅުންތެރިޔާ އެންޓޮއިން ގްރީޒްމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
ގްރީޒްމަން ފަރަންސޭސި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައެވެ. އޭނާ ހާމަކުރިގޮތުގައި އޭނާގެ ހަޔާތުގެ އެ ޗެޕްޓާ ނިންމާލީ ހަނދާނުން ފުރިފައިވާ ހިތަކާއެކުގައެވެ. އަދި ގައުމީ ޓީމަށް ކުޅުމަށް ލިބުނު ފުރުސަތަށް ޝުކުރުވެރިވާކަމަށް އޭނާ ބުންޏެވެ.
ގައުމީ ޓީމާއެކު ހޭދަކުރި ގޮންޖެހުންތަކާއި ކާމިޔާބީގެ އިތުރުން ހަނދާނުން ފޮހެލަން ދަތި އެތައް ކަމެއް ހިމެނޭ 10 އަހަރަށް ފަހު، މިހާރު އެ ސޮފްހާ ބަދަލުކޮށްލާ އާޖީލަށް ފުރުސަތު ހުޅުވާލުމުގެ ވަގުތު އައިސް ޖެހިފައިވާ ކަމަށް ގްރީޒްމަން ބުންޏެވެ. އަދި ގައުމީ ޓީމުގެ ޖާޒީ ލުންވީ އޭނާއަށް ޝަރަފެއް ކަމަށް ވެސް ބުންޏެވެ.
އުމުރުން 33 އަހަރުގެ ގްރީޒްމަން ގައުމީ ޓީމަށް ކުޅެން ފައްޓާފައިވަނީ 2014 ވަނަ އަހަރެވެ. އޭނާވަނީ ގައުމީ ޓީމަށް 137 މެޗު ކުޅެދީ 44 ލަނޑު ޖަހައިދީފައެވެ. އަދި 2018 ވަނަ އަހަރުގެ ވާލްޑް ކަޕް ކާމިޔާބު ކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ. އެމުބާރާތުގެ ފައިނަލްގައި ފަރަންސޭސީން ކްރޮއޭޝިއާ ބަލިކުރި މެޗުގައި ގްރީޒްމަންވަނީ ޕެނަލްޓީއެއްވެސް ކާމިޔާބު ކޮށްފައެވެ.
އޭނާ ގައުމީ ޓީމަށް ކުޅުނު އެންމެ ފަހު ދެ މެޗަށްވީ ނޭޝަންސް ލީގުގައި ސެޕްޓެމްބަރު މަހު އިޓަލީވިލާތު އަތުން ތިން ލަނޑު އެއް ލަނޑުން ބަލިވި މެޗާއި ބެލްޖިއަމްއާ ދެކޮޅަށް ކުޅެ ދެ ލަނޑު ސުން ލަނޑުން މޮޅުވި މެޗެވެ.
ގްރީޒްމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކޮށްފައިމިވަނީ މިއަންނަ މަހުގެ އިންޓަނޭޝަނަލް ބްރޭކްގައި ފަރަންސޭސި ޓީމު ނޭޝަންސް ލީގުގައި އިސްރާއީލާއި ބެލްޖިއަމް އާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ދެމެޗުގެ ކުރިން ވަގުތު އޮއްވައެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ފަރަންސޭސިވިލާތުގައި ބޭއްވި ޔޫރޯ މުބާރާތުގެ ފައިނަލްގައި ޕޯޗުގަލް އަތުން އެ ގައުމު ބަލިވި ނަމަވެސް އެމުބާރާތުގައި އޭނާ ކާމިޔާބު ކުރި ހަ ލަނޑާއެކުވަނީ ރަން ބޫޓު ހާސިލްކުރިއެވެ. އަދި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި އިރު އެމުބާރާތުގައިވެސް ގްރީޒްމަންވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ވޯލްޑް ކަޕަށްފަހު އޭރުގެ ކެޕްޓަން ހޫގޯ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން ގައުމީ ޓީމުގެ ކެޕްޓަންކަން އެކުގައި ކުޅޭ ކިލިއަން އެމްބާޕޭއަށް ލިބުމުން މާޔޫސްވެފައިހުރި ގްރީޒްމަންވަނީ ކެޕްޓަން ބޭންޑް ނުލިބުމުން އެކަން ބަލައިގަންނަން ދަތިވިކަން ހާމަކޮށްފައެވެ.
ގްރީޒްމަން ގައުމީ ޓީމަށް ކުޅެން ފެށީއްސުރެ އެޓީމުގެ ކޯޗުކަމުގެ މަގާމް އަދާކުރަމުންދާ ޑިޑިއާ ޑޭޝޯމްޕް ހާމަކުރިގޮތުގައި ގްރީޒްމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ މަޝްވަރާ ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި އޭނާ ގައުމީ ޓީމަށް ކުޅެން ފެށި ހިސާބުން މިއަދާ ހަމައަށް ވެސް ދެމީހުންގެ މެދުގައި އޮތީ އިތުބާރު ކުރެވޭ، ދިމާލަށް ކޮންމެ ވާހަކައެއް ވެސް ބުނެލެވޭ ފަދަ ގާތްކަމެއް އުފެދިފައި ކަމަށް އެނާ ބުންޏެވެ.
ޑޭޝޯމްޕް ބުނި ގޮތުގައި ގްރީޒްމަން އަބަދުވެސް ގުނާނީ ފަރަންސޭސި ފުޓްބޯޅައިގާ ގައުމީ ބަތަލެއްގެ އިތުރުން ގައުމު ދުށް އެންމެ ކާމިޔާބު ކުޅުންތެރިންގެ ތެރޭގައެވެ. އަދި އޭނާ ގައުމަށް ކޮށްދިން ޚިދުމަތަށް ޑޭޝޯމްޕް ޝުކުރު އަދާކުރިއެވެ.
މީގެއިތުރުން ފަރަންސޭސި ކެޕްޓަން އެމްބާޕޭވެސް ވަނީ ގްރީޒްމަންއަކީ މިޒަމާނުގައި ފަރަންސޭސި ގައުމީ ޓީމް ދުށް އެންމެ މޮޅު އެއް ކުޅުންކުޅުންތެރިޔާގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ގްރީޒްމަން އާއެކު ކުޅުމުން ލިބުނު ޝަރަފާއި ހިތްހަމަ ޖެހުން ދުވަހަކުވެސް ހަނދާން ނުނެތޭނެކަމުގައި އެމްބާޕޭ ހާމަކޮށްފައިވެއެވެ.