ޑިޖިޓަލް ހެލްތު ނިޒާމާއެކު ސިއްހީ ހާލަތު އަންގާ އެލާމެއް ފޯނަށް ފޮނުވައިދޭނެ

ހެލްތް މިނިސްޓަރު ޑރ. ޚަލީލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ވިދާޅުވީ ޑިޖިޓަލް ހެލްތު ނިޒާމާއެކު ސިއްހީ ހާލަތު އަންގާ އެލާމެއް ފޮނުވާނެ ކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ރާއްޖޭގައި ޑިޖިޓަލް ހެލްތު ނިޒާމެއް ގާއިމުކުރެވުމުން، ކޮންމެ މީހެއްގެ ފޯނަށް ވެސް އެމީހެއްގެ ސިއްހީ ހާލަތު އަންގައިދޭ އެލާމެއް އެސްއެމްއެސްގެ ޒަރީއާއިން ފޮނުވާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޚަލީލް އެފަދައިން ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ޑިޖިޓަލައިޒޭޝަންގެ މުހިންމުކަމާ ގުޅޭގޮތުން ކުރެއްވި ތަގުރީރަށް އަލިއަޅުވާލައްވައި ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައެވެ.

މިނިސްޓަރު ޚަލީލް ވިދާޅުވީ، ރާއްޖޭގައި އެއް ތަނަކުން ރައްޔިތުންގެ ސިއްހީ ކަންކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ފެންނާކަށް ނެތް ކަމަށެވެ. އަދި އެފަދަ ނިޒާމެއް ވެސް ނެތް ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތު މީހާގެ އާންމު ސިއްހަތު ދެނެގަތުމާއި ހެލްތު ރެކޯޑު ބެލެހެއްޓުމުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ މިސާލެއްގެ ގޮތުން ޚަލީލް ވިދާޅުވީ، އެއް ފަހަރު ހަދާ ޓެސްޓެއް އެތައް ފަހަރަކު ހަދަން ޖެހުމެވެ. އެއް ހޮސްޕިޓަލުން އެ ޓެސްޓެއް ހެދުމަށްފަހު އަނެއް ހޮސްޕިޓަލަށް ދާއިރު އޭގެ ރެކޯޑު ނެތުމުގެ ސަބަބުން އަނެއްކާ އެ ޓެސްޓު އަލުން ތަކުރާރުކުރަންޖެހޭ ކަމަށެވެ. އޭގެ ނަތީޖާއަކީ، ޚިދުމަތް ލިބުމުގައި ބަލިމީހާއަށް އެތައް ވަގުތެއް ގެއްލި ދައުލަތަށް ވެސް އެކަމުގެ ބުރަ ބޮޑުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަނެއް ކަމަކީ ރާއްޖޭގައި ޑޮކްޓަރުން ހަރުނުލުންކަން ފާހަގަކުރައްވައި ޚަލީލް ވިދާޅުވީ، ގިނަ ޑޮކްޓަރުންނަކީ ގާތްގަނޑަކަށް އެއް އަހަރު ދުވަހު ރާއްޖޭގައި މަސައްކަތްކުރުމަށް ފަހު އެހެން ގައުމުތަކަށް ބަދަލުވާ މީހުންކަމަށެވެ.

އެކަންކަމަށް އޮތް ހައްލަކީ ޑިޖިޓަލް އިކޮނޮމީއަކަށް ރާއްޖެ ދިޔުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ޑިޖިޓަލް ހެލްތު ނިޒާމެއް ގާއިމުކުރުމުން ވާނެ ގިނަ ފަސޭހަތަކެއް މިނިސްޓަރު ކިޔައިދެއްވިއެވެ.

އެ ނިޒާމު ގާއިމުވުމުން ޕަބްލިކް އަދި ޕްރައިވެޓް ހޮސްޕިޓަލްތައް ނުވަތަ ކްލިނިކްތަކުން ކޮންމެ މީހެއްގެ މެޑިކަލް ރެކޯޑްސް ބެލެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ ތަނަކުން ވެސް އެމީހެއްގެ ސިއްހީ ކަންކަމާ ގުޅޭގޮތުން ހަދާ ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ކަންކަން އެސްއެމްއެސްގެ ޒަރީއާއިން ފޯނަށް ފޮނުވާނެއެެވެ.

އޭގެ މާނައަކީ އޭނަ ޕްރައިވެޓް ސެކްޓާގެ ތަނަކަށް ދިޔަޔަސް ހަދާ ޓެސްޓުތަކުގެ ނަތީޖާ މި ނިޒާމުގެ ތެރެއަށް ވަންނަ ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް ގާއިމްކުރެވޭނެ އެލާމެއް އޭނާއަށް [ފޯނަށް] ދާގޮތަށް. އެސްއެމްއެސްގެ ޒަރީއާއިން މިވެނިކަމެއްގެ ފުރުސަތު އެބައޮތޭ އެހެންވީމަ އެކަމަކަށް އަވަހަށް ތައްޔާރުވާށޭ ބޭސްފަރުވާކުރުމަށްޓަކައި، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ހަމައެއާއެކު އެ ނިޒާމުގެ ތެރެއިން، އޮންލައިންކޮށް އެޕޮއިންޓްމަންޓް ހައްދައި ކޮންސަލްޓް ކުރެވޭނެ ގޮތް ހެދޭނެ ކަމަށް ޚަލީލް ވިދާޅުވިއެވެ. އެފަދަ ގޮތަކަށް ނިޒާމު ބައްޓަން ކުރެވިއްޖެނަމަ އެއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ބައެއް ރަށްރަށުގައި ބޭސް ހުސްވުމުގެ ކަންކަން ދިމާވާ ކަމަށާއި ޑިޖިޓަލައިޒޭޝަންއާއެކު ޑްރޯންގެ ޚިދުމަތް ފަށައި، ރަށްތަކަށް ބޭސް ވެސް ފޯރުކޮށްދެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ޚިދުމަތް ފެށުމަށް މިހާރު ޓެސްޓުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއީ ޑިޖިޓަލް ހެލްތު ބެކްބޯން ގާއިމްކުރުމުން ލިބޭނެ ފައިދާތައް. ދުނިޔޭގެ ގިނަ ގައުމުތަކުގައި ގާއިމްކުރެވިފައި ހުރި ނިޒާމުތައް މިއީ. މިހާތަނަށް ރާއްޖެއަށް ނުވެ އޮތް ކަމެއްގެ ވާހަކަ މި ދައްކަނީ. މި ނިޒާމު ހެދުނީމަ ޕަބްލިކް އެންޑް ޕްރައިވެޓް ތަންތަން ވަންނާނެ މީގެ ތެރެއަށް، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

މިނިސްޓަރު ވިދާޅުވީ ޑިޖިޓަލް ހެލްތު ނިޒާމެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެ މަސައްކަތް ނިމުމުން ނަތީޖާއަކަށް ވާނީ އެމީހެއްގެ އެންމެ ޅަދުވަހުން ފެށިގެން މިއަދާ ހަމައަށް މެޑިކަލް ރެކޯޑު ނިޒާމުން ފެނިގެން ދިޔުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް