މާލެއަށް ފަހު، ނުގަވައިދަށް އުޅޭ ބިދޭސީން ހޯދުމަށް ހުޅުމާލޭގައި ބޮޑު އިންސްޕެކްޝަނެއް

މާލެއަށް ފަހު، ނުގަވައިދަށް އުޅޭ ބިދޭސީން ހޯދުމަށް ހުޅުމާލޭގައި ފެށި ބޮޑު އިންސްޕެކްޝަންގެ ތެރެއިން: ކޮންޓްރޯލާ ޝައްމާންއާއި ޓީމުން ވަނީ ބިދޭސީން މަސައްކަތްކުރާ ތަންތަނަށް ގޮސްފައި -- ސަން ފޮޓޯ

ނުގަވައިދަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިއަދު ހުޅުމާލޭގައި ބޮޑު އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ، އެފަދަ ފަރާތްތަކުން ވިޔަފާރިތައް ހިންގާ ތަންތަން ބަލައި ފާސްކޮށް، ޑީޕޯޓްކުރުމަށްޓަކައި ރެއިޑް އޮޕަރޭޝަންތައް ފާއިތުވީ 10 މަސްދުވަސް ތެރޭ ފުޅާ ދާއިރާއެއްގައި މާލޭގައި ހިންގާފައެވެ.

މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނަށް ފަހު މިއަދު ވަނީ ހުޅުމާލޭގައި ބޮޑު އިންސްޕެކްޝަނެއް ފަށާފައެވެ.

ހުޅުމާލެ ދެ ފިޔަވަހީގައި ކުރިއަށް ގެންދިޔަ މި އިންސްޕެކްޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، އިކޮނޮމިކް މިނިސްޓްރީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ބައިވެރިވެފައެވެ. މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހަމައެކަނި ހަރަކާތްތެރިވީ އިމިގްރޭޝަންގެ އޮފިސަރުންނެވެ.

މާލެއަށް ފަހު، ނުގަވައިދަށް އުޅޭ ބިދޭސީން ހޯދުމަށް ހުޅުމާލޭގައި ފެށި ބޮޑު އިންސްޕެކްޝަންގެ ތެރެއިން: ކޮންޓްރޯލާ ޝައްމާންއާއި ޓީމުން ވަނީ ބިދޭސީން މަސައްކަތްކުރާ ތަންތަނަށް ގޮސްފައި -- ސަން ފޮޓޯ

އިންސްޕެކްޝަންގައި ބައިވެރިވެވަޑައިގެން "ސަން" އާ ވާހަކަދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް ޝައްމާން މުހައްމަދު ވިދާޅުވީ މިހާރުވެސް އެންމެ ބޮޑަށް ފާހަގަވަނީ ފީނުދައްކާ އުޅޭ ބިދޭސީންނާއި ނުބައި ސައިޓްތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަތައް ކަމަށެވެ.

ހަގީގަތުގައި ވޯކް ވިސާ ފީ ދައްކާފައި ހުއްޓަސް އޭނަ ނުބައި ތަނެއްގައި މަސައްކަތްކުރާނަމަ އެއީ އަޅުގަނޑުމެންނަށް ދީފައި އިންނަ ހުއްދައިގެ ބޭރުން އެ މަސައްކަތްކުރެވެނީ. އެއީ ގަވާއިދާ ޚިލާފުވާ އެންމެ ބޮޑު އެއް މައްސަލަ. ގިނައިން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެފަދަ ފަރާތްތައް، އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން މުހައްމަދު

ހަމައެއާއެކު މިދިޔަ އިންސްޕެކްޝަންގައި، ވަޒީފާ ދޭ މީހުންގެ ގޮތުގައި މަސައްކަތްކުރާ ބައެއް ބިދޭސީން ފިލައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ޝައްމާން ވިދާޅުވިއެވެ. އެފަދަ މީހުން ވެސް އަތުލައިގަނެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށް ޝައްމާން ވިދާޅުވިއެވެ.

މިއަދު ފެށި އިންސްޕެކްޝަންގައި ހުޅުމާލެ ފޭސް އެކަކާއި ފޭސް ދޭއް 27 ޒޯނަކަށް ބަހާލައިގެން އެކި ސަރަހައްދުތައް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން ބިދޭސީން މަސައްކަތްކުރާ ކެފޭ، ހޮޓާ، ރެސްޓޯރެންޓް، ފިހާރަ އަދި ވޯކް ސައިޓްތަކަށް އެ އިންސްޕެކްޝަންގެ ޓީމްތަކުން ވަނީ ގޮސްފައެވެ.

މާލެއަށް ފަހު، ނުގަވައިދަށް އުޅޭ ބިދޭސީން ހޯދުމަށް ހުޅުމާލޭގައި ފެށި ބޮޑު އިންސްޕެކްޝަންގެ ތެރެއިން -- ސަން ފޮޓޯ

އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، މަސައްކަތްކުރަން އައި ސައިޓް ނޫން އެހެން ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީން ރަނގަޅު ސައިޓެއްގައި މަސައްކަތްކުރުމަށް ދޭ ނޯޓިސް ދީފައިވެއެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި އެ ނޯޓިސްގައި ވަކި މުއްދަތެއް ތެރޭ އިމިގްރޭޝަނަށް ހާޒިރުވާން އަންގާނެއެވެ. އަދި އެފަދަ ފަރާތްތައް ގަވާއިދުގެ ތެރެއަށް ވަންނަން ވެސް ފުރުސަތު ދޭނެ ކަމަށް ބުންޏެވެ.

ހަމައެއާއެކު ފިލައިގެން އުޅޭ ބިދޭސީން ވެސް މިއަދުގެ އިންސްޕެކްޝަންގައި ހޯދުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މިހާތަނަށް އަތުލައިގަތް ބިދޭސީންގެ އަދަދެއް ނޭނގުނު ނަމަވެސް އިމިގްރޭޝަނުން މައުލޫމާތުދިން ގޮތުގައި އެ އަދަދުތައް ވަރަށް އަވަހަށް ހާމަކުރާނެއެވެ.

ފާއިތުވި 10 މަސް ތެރޭގައި ގަވާއިދާ ޚިލާފުވެގެން ރާއްޖޭން 4،054 ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

comment ކޮމެންޓް