ނަޞްރުﷲއަށް ހަމަލާދިނީ އިސް ލީޑަރުންނާ ބައްދަލުރައްވާނެކަން އެނގިގެން: އިސްރާއީލު

ހިޒްބުالله އާއި އިސްރާއީލާއި މެދުގައި ހިނގަމުންދާ ހަނގުރާމައިގައި ބެއިރޫތުގެ ދެކުނުގައި ބޮން ގޮއްވާލައިފައި -- ފޮޓޯ/އިންގްލިޝް އަރަބިއާ

އިސްރާއީލުން ހިޒްބުاللهގެ އެންމެ އިސް ލީޑަރު ޙަސަން ނަޞްރުالله އަވަހާރަކޮށްލަން ދިން ހަމަލާ ދިނީ ވެރިރަށް ބެއިރޫތުގެ ދެކުނުގެ ބިމުގެ އަޑީގައި ހުންނަ ހިޒްބުﷲގެ މައި މަރުކަޒުގައި އިސް ކޮމާންޑަރުންނާ ބައްދަލުކުރައްވާނެކަން އެނގިގެން ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިސްރާއީލުން އެ ހަމަލާ ދިނީ އިސްރާއީލުގެ ބޯޑަރުތަކުގައި ހިޒްބުاللهގެ ބާރުތައް ބަލައިނުގަންނާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ 79ވަނަ އާންމު ޖަލްސާގައި ވިދާޅުތާ މާގިނައިރުތަކެއް ނުވަނީހެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ނަދާވް ޝޮޝާނީ ވިދާޅުވީ އަސްކަރިއްޔާއިން "ނިއު އޯޑަރު" ގެ ނަމުން ނަންދީފައިވާ މި އޮޕަރޭޝަން ހިންގާފައިވަނީ ހުކުރު ދުވަހު އިސްރާއީލަށް އިތުރު ހަމަލާތަކެއް ދިނުމަށް ނަޞްރުالله އާއި ހިޒްބުاللهގެ ސީނިއާ ޗެއިން އޮފް ކޮމާންޑް ބައްދަލުކުރަމުން ދަނިކޮށެވެ.

އިސްރާއީލުގެ އާމީ ރޭޑިއޯއާ ހަވާލާދީ އިންގްލިޝް އަރަބިއާއިން ބުނީ އެ ހަމަލާ ދިން ޕައިލެޓުންނަށް ވެސް ޓާގެޓްގެ ތަފްސީލު ދިނީ ހަމަލާ ދިނުމުގެ ކުޑައިރުކޮޅެއް ކުރިން ކަމަށެވެ.

އެ ހަމަލާ ދިނުމަށް އެމެރިކާގައި އުފައްދާފައިވާ މާކް 84ގެ ބޮޑެތި ބޮންތައް ބޭނުންކޮށްފައި ހުރެދާނެ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ޝޮޝާނީ ވަނީ ވަކި އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ.

މި ހަފުތާގެ ކުރީކޮޅު އިސްރާއީލުން މަރާލަން އުޅުނު ހިޒްބުاللهގެ ސައުތު ފްރޮންޓުގެ ވެރިޔާ ޢަލީ ކަރާކީ ވެސް އެ އެ ހަމަލާގައި މަރާލާފައިވާ ކަމަށް ޝޮޝާނީ ވިދާޅުވިއެވެ.

ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 800 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް