އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ ސެކިއުރިޓީ ވަރުގަދަކޮށް ސަލާމަތީ ގޮތުން އިތުރު ފިޔަވަޅުތައް އަޅައި ރައްކާތެރި ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ތެހެރާންގެ ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފިއެވެ.
އޮފިޝަލުން ބުނީ އީރާނުން ދެން އަޅަންޖެހޭ ފިޔަވަޅުތައް ނިންމުމަށް ހިޒްބުالله އާއި ސަރަހައްދީ އެހެން ގްރޫޕްތަކާ މެދު މެދުކެނޑުމެއްނެތި މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
ޚާމަނާއީގެ ސެކިއުރިޓީ ވަރުގަދަކޮށް ހިޒްބުﷲއާއެކު މަޝްވަރާތައް ކުރަނީ، އިއްޔެގެ ވަގުތެއްގައި އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއެއްގައި ހިޒްބުﷲގެ އެންމެ އިސް ވެރިޔާ ޙަސަން ނަޞްރުﷲ އަވަހާރަކޮށްލުމާގުޅިގެންނެވެ.
ހިޒްބުﷲއާ ގާތް މީހަކާ ހަވާލާދީ އަލް އަހްރަމް ނޫހުން ބުނީ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ނަޞްރުاللهއާ ގުޅުން ކެނޑިފައިވާ ކަމަށެވެ.
އިސްރާއީލުން އަވަހާރަކޮށްލަފާނެ ކަމުގެ ބިރު އޮތުމުން އާންމު ތަންތަނުން ނުފެންނަތާ އަހަރުތަކެއް ވެފައިވާ ނަޞްރުالله އަކީ މެދުއިރުމަތީގެ އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ޝަހުސިއްޔަތެވެ.
ނަޞްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން ލުބުނާނުން އިސްރާއީލަށް ދެން ދޭނީ ކިހާވަރެއްގެ ރައްދެއްކަން ސާފު ނުވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ނަޞްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން ޚާމަނާއީ ވަނީ ދުނިޔޭގެ މުސްލިމުން އެއްބައިވަންތަވެ ލުބުނާނުގެ ރައްޔިތުންނާއި ހިޒްބުاللهގެ ފަހަތުގައި ތިބުމަށް ގޮވާލައްވާފައެވެ.
އިސްރާއީލުން ނަޞްރުالله މަރާލި ކަމަށް ބުނުމާ ގުޅިގެން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ޚާމަނާއީ ވަނީ އިސްރާއީލުގެ ސިޔާސަތަކީ ވަރަށް ހަނި ވިސްނުމެއް ގެންގުޅޭ ސިޔާސަތެއް ކަމަށް ސިފަކުރައްވައި، ލުބުނާނަށް ދިން ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފައެވެ.