އިޒްރޭލުން ދިން ހަމަލާތަކެއްގައި ހިޒްބުﷲ މިލިޓަރީ ގްރޫޕުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމުން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް އެކަން ކުށްވެރި ކުރައްވައިފިއެވެ.
ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله އަވަހާރަކޮށްލައިފައިވާކަން އެ ޖަމާއަތުން ވަނީ ކަށަވަރު ކޮށްދީފައެވެ.
މި ކަމާ ގުޅިގެން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުން ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގައި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރަﷲއާއި ލުބުނާނުގެ އާންމުން މަރަމުން ގެންދިއުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މެދުއިރުމައްޗަށް އިޒްރޭލުން ހަމަލާތައް ދެމުންގެންދާއިރު، އެ ކަމަށް އެއްވެސް އަދަބެއް ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ލިޔުއްވާފައި ވެއެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ އިތުރުން، ބައިނަލްއަގުވާމީ މުޖުތަމައުގެ ހާލަތު ވެސް އިތުރަށް ގޯސްވެ، ހަމަނުޖެހުންތައް އިތުރުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
އަދި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނިއްޔަތުގެ ނަތީޖާއަކަށް ވެގެންދާނީ، ދުވަހަކު ވެސް އެ ސަރަހައްދަށް ހަމަޖެހުން ނުލިބުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހަގީގީ ސުލްހަ ހޯދޭނީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ލިބިގެންނެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ދުނިޔޭގައި ތިބި ހެޔޮވިސްނޭ މުސްލިމް ލީޑަރުންނާއި ރައްޔިތުން އެއްބައިވަންތަވެ، އިސްރާއިލުގެ އަމަލުތައް ހުއްޓުވަން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ލޭއޮހޮރުވުން ހުއްޓުވުމަށާއި، އިންސާފާއި، ކަރާމާތާއި، އެއް ގައުމުން އަނެއް ގައުމުގެ ސިޔާސަތުތަކަށް އިހްތިރާމުކުރުމުގެ މައްޗަށް ބިނާވެފައިވާ މުސްތަޤްބަލެއް ހޯދުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ހިޒްބުﷲގެ ލީޑަރު އަވަހަރާކޮށްލިއިރު، ބެއިރޫތުގެ ދެކުނަށް މިވަގުތު ވެސް ވައިގެ ހަމަލާތައް ދަނީ ދެމުންނެވެ. މިއަދުވެސް ހެނދުނުން ފެށިގެން އިސްރާއީލުން އަންނަނީ ލުބުނާނަށް ހަމަލާ ދެމުންނެވެ.
ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 800 މީހުން ވަނީ މަރުވެފައެވެ.