ކުރިއަށް އޮތް ފަސް ދުވަހު ވެސް ވިއްސާރަ ކުރާނެ: މެޓް

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރިޔަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނެފިއެވެ.

މެޓުން "ސަން"އަށް މައުލޫމާތު ދެމުން ބުނީ ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކުރެވެނީ މިހާރެކޭ އެއްގޮތަށް ވިއްސާރަކޮށް ކަމަށެވެ.

މެޓުން ބުނީ މިރެއިން ފެށިގެން މާދަމާ ހެނދުނު 10:00އާ ދޭތެރޭގައި ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރައި، ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.

ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ ދެ ފޫޓާއި ފަސް ފޫޓާ ދޭތެރޭގައެވެ.

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައި އޮތަސް، އެ އިދާރާއިން އެއްވެސް ސަމާލެއް ނެރެފައެއް ނެތެވެ.

މި ދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްވަރެކެވެ. މި ދުވަސްވަރު އަތޮޅު ތެރެއިން މާލެއަށް އަދި މާލެއިން އަތޮޅު ތެރެއަށް ގިނަ ދަތުރުތަކެއް ކުރާއިރު، ވިއްސާރައިގެ ސަބަބުން އެ ދަތުރުތަކަށް ބުރޫ އަރާކަމުގެ ޝަކުވާތައް ފެންމަތިވެއެވެ.

މިދިޔަ އޮގަސްޓުމަހުގެ ތެރޭގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގަދަ ވަޔާއެކު ވިއްސާރަކޮށް، ބައެއް ގެތަކަށް ގެއްލުން ވެސް ވިއެވެ.

މެޓުން މީގެ ކުރިން ބުނެފައިވަނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަލިވިޔަސް، މި އަހަރުގެ ޑިސެމްބަރާ ހަމައަށް ހުޅަނގު މޫސުން ދެމިގެންދާނެ ކަމަށެވެ. މީގެ އިތުރުން ވެސް މި އަހަރުގެ ތެރޭގައި އާންމުކޮށް ރާއްޖެއަށް ވާރޭވެހޭ ވަރަށްވުރެން އިތުރަށް ވެހޭނެ ކަމަށް، ހުޅަނގު މޫސުމުގެ ކުރިން ލަފާކޮށްފައިވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

comment ކޮމެންޓް