ހިޒްބުﷲގެ އެތެރޭގައި ސަލާމަތީ ބޮޑެތި ލޫޕް ހޯލްތަކެއް އެބަހުރި: މުހައްލިލުން

ހިޒްބުﷲ ގެ ވެރިޔާ ސައްޔިދު ހަސަން ނަސްރުﷲ

ދައުޙާ (28 ސެޕްޓެމްބަރު 2024) : އިސްރާއީލުގެ އިސްތިއުމާރާއި ޓެރަރިޒަމާ ދެކޮޅަށް ޖިހާދުކުރާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ތެރޭގައި ނުވަތަ އެ ޖަމާއަތާ ގުޅުންހުރި ލުބްނާނުގެ މީހުންގެ ތެރޭގައި އިސްރާއީލުގެ ޖާސޫސުންތަކެއް އެބަތިކަމަށް ބެލެވޭ ކަމަށް އަލްޖަޒީރާގެ އަސްކަރީ އަދި ސްޓްރެޓީޖިކް މުހައްލިލު ރިޓަޔަޑް ޖެނެރަލް ފާއިޒު އައްދުވައިރީ ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ބެއިރޫތުގެ ދެކުނަށް ރޭ ދިން ޓެރަރިސްޓް ހަމަލާތަކެއްގައި އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލު ބުނި ބަޔާންތައް ތަހުލީލު ކުރައްވައި ވާހަކަ ދައްކަވަމުން އައްދުވައިރީ ވިދާޅުވީ އިސްރާއީލުގެ ޓެރަރިސްޓް ހަމަލާތަކުގައި ނަސްރުﷲ އަވަހާރަކޮށްލެވިފައިވާކަން އަދި ކަށަވަރު ނުވިނަމަވެސް ހިޒްބުﷲ ގައި ސަލާމަތީ ބޮޑެތި ލޫޕްހޯލްތަކެއް އެބަހުރި ކަމަށާއި އިސްރާއީލުގެ ޖާސޫސުން ހިޒްބުﷲ ސަލާމަތީ ކަންކަން ފޫއަޅުވާލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އިސްރާއީލުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިޒްބުﷲ އަށް ޖާސޫސީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދީފި ކަމަށާއި ހިޒްބުﷲ ތެރޭގައި ސަލާމަތީ ލޫޕް ހޯލެއް (އިސްރާއީލަށް ޖާސޫސުކޮށްދޭ ފަތާތްތަކެއް) ނެތްނަމަ މިކަންކަން ފުލުފުލުގައި ނުކުރެވުނީސް ކަމަށް އައްދުވައިރީ ވިދާޅުވިއެވެ.

އިސްރާއީލުން ވަނީ ދާދިފަހުން ހިޒްބުﷲ ގެ މުޖާހިދުން ކޮމިއުނިކޭޓް ކުރުމަށް ގެންގުޅޭ ކުރީގެ ބައު ޓެކްނޮލޮޖީ އެއްގެ އެތައް ސަތޭކަ ޑިވައިސްތަކެއް ވޭވްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ގޮއްވާލާފައެވެ.

މީގެތެރޭގައި ރޭޑިއޯ ވޭވް ބޭނުންކުރާ ވޯކީ ޓޯކީ އާއި ޕޭޖަރުފަދަ ޑިޖިޓަލް ޓެކްނޮލޮޖީއަށް ނިސްބަތްނުވާ ޑިވައިސްތައް ހިމެނެއެވެ. މި ތަކެތި ގޮއްވާލައިގެން އިސްރާއީލުން ހިންގި ޓެރަރިސްޓް އަމަލުތަކުގައި ހިޒްބުﷲ ގެ މުޖާހިދުން އިތުރުން ލުބްނާނުގެ އާންމުންވެސް ހިމެނޭގޮތަށް 30 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި ތިން ހާހެއްހާ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. އިސްރާއީލުން ހިންގި ޓެރަރިސްޓް ހަމަލާތަކުގައި ބައެއް ސައިކަލްތަކާއި ބައެއް ކާރުތަކުގެ ބެޓެރީތައް ގޮއްވާލުންވެސް ހިމެނެއެވެ.

ހިޒްބުﷲ އިން ދިން ހަމަލާތަކުގައި އިސްރާއީލުގެ އުތުރުގެ ބޮޑުބައެއް އަނދަނީ

ރިޕޯޓްތައް ބުނާގޮތުން އެތަކެތި ގޮއްވާލީ އިސްރާއީލުގެ ޓެރަރިސްޓުންގެ ބަޔަކު އެތަކެތީގައި ވޭވްތައް ފޮނުވާލުމުން ގޮވާޒާތުގެ އެއްޗެއް ހަރުކޮށްގެންނެވެ.

މިކަމުގެ ހަގީގަތް ދެނެގަތުމުގެ ތަހްގީގްތައް ހިޒްބުﷲ އާއި ލުބްނާނާ އަދި އީރާނުގެ ޓެކްނިކަލް ޓީމުތަކުން ގެންދަނީ ކުރަމުންނެވެ. މިކަމުގެ ގިނަ ހަގީގަތްތަކެއް މިހާރު ދެނެގަނެވިފައިވާ ކަމަށްވެސް ލުބްނާނުގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ.

އެއަށްފަހު އިސްރާއީލުން ވަނީ ހިޒްބުﷲގެ އިސް ހަތަރު ކޮމާންޑަރަކު ވަރަށް ގާތްގާތުގައި ޝަހީދުކޮށްލާފައެވެ. އެއީ އެ ބޭފުޅުން ބައިރޫތުގެ ދެކުނުގެ އެކިތަންތަނުގައި ބައްދަލުވުންތަކުގައި ތިއްބައެވެ. ބައްދަލުވުންތަކުގައި ތިބިކަން އެނގިގެން އެ ވަގުތު ހަމަލާދެވޭނީ އެކަން އިސްރާއީލަށް އަންގައިދޭވަރުގެ ޖާސޫސުންތަކެއް ހިޒްބުﷲގެ އެތެރޭގައި ނޫނީ ހިޒްބުﷲގެ އިސްވެރިންގެ ހަރަކާތްތައް އެނގޭ ހިސާބުގައި ތިބެގެންކަމަށް އައްދުވައިރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ލުބްނާނަކީ ފަގީރުން ގިނަ ގައުމަކަށްވާއިރު އަދި ހިޒްބުﷲ އާ އިދިކޮޅު މީހުން ވެސް ލުބްނާނުގައި ތިބޭއިރު އަދި އިސްރާއީލުގެ އެޖެންޓުން ވެސް ލުބްނާނުގައި ތިބޭއިރު މިއީ ފައިސާ ދިނުމުން އިސްރާއީލަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ.

އަނެއްކޮޅުން އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑަކީ އެމެރިކާއާއި ޔޫރަޕްގެ ޖާސޫސީ އިދާރާތަކުގެވެސް ފުރިހަމަ އެހީ ލިބޭ ޓެރަރިސްޓް ވިއުގައެކެވެ. އައްދުވައިރީ ވިދާޅުވިގޮތުގައި ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތެއްގައި ދިން ހަމަލާތަކާއެކު އިސްރާއީލާއި ހުޅަނގުގެ ޖާސޫސީ އިދާރާތައް ބޭޒާރު ވެފައިވުމާއެކު އެކަން ފޫބައްދާނެ ގޮތްތަކެއް ހޯދުމަށް އެ ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާތާ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.

މިއާއެކުވެސް މިއީ ހިޒްބުﷲގެ ޖާސޫސީ ފެއިލިއާއެއް ކަމަށާއި މި ލޫޕްހޯލް ފޫބައްދަން ދުވަސްތަކެއް ނަގާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަނެއްކާ ރޭ އިރާކޮޅުގެ ވަގުތެއްގައި އިސްރާއީލުން ވަނީ ބައިރޫތުގެ ދެކުނުގެ އިމާރާތެއްގެ ބިންގަރާހަކަށް އެމެރިކާ އުފައްދާފައިވާ ބަންކަރުތައް ފޫއަޅުވާލާ ވަރުގެ ބާރުގަދަ ބޮމަކުން ޓެރަރިސްޓް ހަމަލާތަކެއް ދީފައެވެ. ރޭ ބައިރޫތުގެ ދެކުނުގައިވާ އިމާރާތްތަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި އެމެރިކާގައި އުފައްދާ އެންމެ ބާރުގަދަ ބޮމުގެ 85 ބޮން ވައްޓާލިކަމަށް އިސްރާއީލު ބުނެފައިވެއެވެ. މި ބޮންތަކުގައި އެތައް ޓަނެއްގެ ގޮވާތަކެތި ހުންނާނެކަމަށް އިސްރާއީލު ބުނެފައިވެއެވެ.

މި ހަމަލާދިނީ ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ ހިމެނޭ ގޮތަށް އެ ޖަމާއަތުގެ އިސްވެރިންތަކެއް އެ އިމާރާތްތަކުގެ ބިން ގަރާހެއްގައި ބައްދަލުވުމެއްގައި ތިއްބެވި ވަގުތު އެތަނަކަށް ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. މިއީ ގިނަ އަދަދެއްގެ ޓަވަރު ހިމެނޭ ކޮންޕްލެކްސް އެކެވެ.

މިތަނަށް ބާރުގަދަ ބޮމުން އިސްރާއީލުން ދިން ހަމަލާތަކުގައި 300 މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. އަދި މަރުވި މީހުންގެ ތެރޭގައި ނަސްރުﷲ ހިމެނިވަޑައިގަންނަވާ ކަމަށާއި ނަސްރުﷲ އަވަހާރަވެފައިވާކަން ކަށަވަރުކަމަށް އިސްރާއީލުން ބުނެފައިވެއެވެ. ނަމަވެސް މިކަން ހިޒްބުﷲއިން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ނަސްރުﷲ އަވަހާރަވިކަމަށް ބުނާ މައްސަލާގައި ހިޒްބުﷲ އިން އަދި ވަކި ޖަވާބެއް ނުދެއެވެ. ނަމަވެސް ހިޒްބުﷲ ގެ އިސްފަރާތްތަކާ ހަވާލާދީ އީރާނުގެ "ތަސްނީމް" ނޫސް އެޖެންސީ ބުނާގޮތުން އިސްރާއީލުން ހަމަލާދިން ބައްދަލުވުމަށް އެންމެ ފަހު ވަގުތު ނަސްރުﷲ ވަޑައިގެންފައެއް ނުވެއެވެ. މިއާއެކުވެސް ނަސްރުﷲ ގެ ހާލަތާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

އައްދުވައިރީ ވިދާޅުވިގޮތުގައި މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންނަށް މިފަދަ ދަތި އުނދަގޫ ވަގުތުތައް އައުމަކީ ގައުމުތަކުގެ މިނިވަންކަމުގެ ޖިހާދުގެ ދިގު ހަނގުރާމަ ތަކުގައި އާންމުކަމެކެވެ. ޖަމާއަތްތަކުގެ އިތުރުން ޖާސޫސީ ނާކާމިޔާބީތައް ގައުމުތަކަށް ވެސް ކުރިމަތިވެއެވެ. އޮކްޓޯބަރު ހަތެއްގައި ހަމާސް ދިން ކުއްލި ހަމަލާތަކަކީ އިސްރާއީލުގެ ޖާސޫސީ ފެއިލިއާ އެކެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާތަކަކީ އެމެރިކާގެ ސީއައިއޭގެ ފެެއިލިއާ އެކެވެ.

އޭނޭ ވިދާޅުވިގޮތުގައި ހަމާސް އާއި ހިޒްބުﷲ ފަދަ މިނިވަންކަމުގެ ޖިހާދުކުރާ ގެރިއްލާ ޖަމާއަތްތަކުގެ އޮނިގަނޑު ބިނާކޮށްފައިވަނީ ލީޑަރަކު ޝަހީދުކޮށްލުމުން އެ ޖަމާއަތްތައް އިނދަޖެހޭ ގޮތަކަށް ނޫނެވެ.

ހަމާސްގެ ހާލަތުންވެސް މިކަން އެނގެއެވެ. އެއީ ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ މީގެ ދޮޅު މަހެއްހާ ދުވަސްކުރިން އިސްރާއީލުން ޝަހީދުކޮށްލުމުން ވެސް ހަމާސްއަށް އައި އެއްވެސް ބަދަލެއް ފެންނާކަށް ނެތެވެ. ހަމާސްއިން އިސްރާއީލާ ދެކޮޅަށް ދޭ ހަމަލާތަކަށް ބަދަލެއް ނާދެއެވެ. އަދި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އެއްވެސް އަސީރަކު މިނިވަން ކުރުމުގައިވެސް އިސްރާއީލަށް ލިބުނު ކާމިޔާބީ އެއްނެތެވެ.

އަނެއްކޮޅުން ހިޒްބުﷲއަށް ބަލާއިރުވެސް އެ ޖަމާއަތުގެ ކޮމިއުނިކޭޝަން ޑިވައިސްތައް ގޮއްވާލައިގެން އަދި އެ ޖަމާއަތުގެ ބައެއް ކޮމާންޑަރުން ޝަހީދުކޮށްލައިގެން އެޖަމާއަތުން އިސްރާއީލަށް ދޭ ހަމަލާތަކަށް ކުޑަވެސް ލޮޅުމެއް އަރާފައެއް ނުވެއެވެ.

ނަސްރުﷲ އަވަހާރަކޮށްލި ކަމަށް ބުނެ އިސްރާއީލުން ފެތުރި އަޑުތަކަށްފަހު މިވީ 10 ވަރަކަށް ގަޑިއިރު ތެރޭގައިވެސް ހިޒްބުﷲ އިން އިސްރާއީލަށް 200 އަށް ވުރެ ގިނަ ރޮކެޓާއި މިސައިލް ހަމަލާތައް ވަނީ ދީފައެވެ.

އައްދުވައިރީ ވިދާޅުވިގޮތުގައި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އާއި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމަށް އެހާ ބޮޑަށް އިސްރާއީލު އިސްކަން ދިނީ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ ރަހީނުން މިނިވަން ކުރުމުގައި އިސްރާއީލުގެ އަސްކަރިއްޔާ ނުކުޅެދުމާއި ހިޒްބުﷲ އިން އިސްރާއީލަށް ދޭ މިސައިލާއި ރޮކެޓް ހަމަލާތައް ހުއްޓުވުމުގައި އިސްރާއީލު ނުޅުދިފައިވުމުން އެކަމުން އިސްރާއީލަށް ލިބޭ ލަދުވެތިކަމުން ސަލާމަތް ވުމަށެވެ. ނަމަވެސް ރަހީނުން މިނިވަން ނުކުރެވުމާއި ހިޒްބުﷲގެ ހަމަލާތައް ހުއްޓުމަކަށް ނައުމަކީ އިސްރާއީލަށް ކާމިޔާބީއެއް ނުލިބޭ ކަމުގެ ހެއްކެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު