ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި އިގުތިޞާދު ކޮޅަށްޖެހޭ މަންޒަރެއް ނުފެނޭ؛ އިގުތިޞާދު އޮތީ ނާމާން ހިސާބެއްގައި: ޔާމީން

ތިނަދޫގައި މީހުން އަލުން އާބާދުވިތާ 60 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޔާމީން ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

އިގުތިޞާދީ ގޮތުން ރާއްޖެ މިހާރު އޮތް ހިސާބުން މި ސަރުކާރުގެ ބާކީ މުއްދަތުގައި ރާއްޖޭގެ އިގުތިޞާދު ކޮޅަށްޖެހޭ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށާއި، ސަރުކާރުން ކުރާ މަސައްކަތްތަކުގެ ނަތީޖާ ނުފެންނަ ކަމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ތިނަދޫ ސިޓީގައި މީހުން އަލުން އާބާދުވިތާ 60 އަހަރުފުރުން ފާހަގަކުރުމަށް އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، މި ސަރުކާރަށް ގާތްގަނޑަކަށް ތިން އަހަރު ވެފައި ވާއިރު ރާއްޖޭގެ އިގުތިޞާދު ހީނަރުވެއްޖެ ކަމަށާއި، ބާކީ އޮތް މުއްދަތުގައި އިގުތިޞާދު ކޮޅަށް ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ވިސްނައި ވިސްނައި ނުފެނުނޭ، އިގުތިޞާދީ ގޮތުން ރާއްޖެ މި އޮތް ހިސާބުން މި ސަރުކާރުގެ ބާކީ އޮތް ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ނަގާ ކޮޅަށް ޖެހޭނެކަމުގެ އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ފެނިގެނެއް ނުދޭ، ސަރުކާރުގެ ފަރާތުން ކުރާ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނަންވާނެ، އެކަމަކު އަޅުގަނޑުމެންނަށް އެ ނަތީޖާ ފެނިގެނެއް ނުދޭ،" ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިޞާދަށް އިޝާރާތްކުރައްވައި ޔާމީން ވަނީ، މިއަދު ހުރިހާ ދިވެހީން ތިބީ ދަތި، ނާމާން ހިސާބެއްގައިކަން ސިފަކުރައްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަސް ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭ ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. ކަޅު ބާޒާރުގައި ދައުރުވާ ޑޮލަރުގެ އަގުގެ ވާހަކަ ނޫސްތަކުގައި ޖެހުމުން ޖޫރިމަނާކުރުން ލާޒިމުވާ ގޮތަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ ކަމެއް އިސްލާހު ކުރަންޏާ އެ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.

"ފިނޭންސް މިނިސްޓަރާއި މަރުކަޒީ ބޭންކުގެ ގަވަރުނަރާއި ނުކުމެ މިކަން ހައްލުކުރާނެ ގޮތްތަކެއް އަޅުގަނޑުމެންނަށް ކިޔައިދީ، އަޅުގަނޑުމެން އުފާވާނެ، ރައްޔިތުންނަށް ހަމަޖެހުން އަންނާނެ، އެކަމަކު މިކަން ކިޔައިިދިނުމުގެ ބަދަލުގައި ގާނޫނުން ކޮންމެ ކަމެއް މަނާކުރުމަކުން އަދި އެކަން އަޅުގަނޑުމެންނާ ބީވެގެން ދަނީކީއެއް ނޫން، އޭގެ އިތުރަށް އެ ބޭފުޅުން އެ ހުއްޓުވަން އުޅޭ ކަމެއް އަލިފާން އަޅައި ދަރު އަޅައި އެންދުން ފިޔަވައި އިތުރު އެއްވެސް ކަމެއް ވެގެން ނުދޭ،" ޔާމީން ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް އާންމުކޮށް ރިޕޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން ރުފިޔާ އާ ހަމައަށް، އަދި އަގު ބޮޑުކޮށް ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތް ހެދުމަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރަން މާލިއްޔަތު ކޮމިޓީން ނިންމީ މިދިޔަ ބުދަ ދުވަހެވެ.

އެ ނިންމުމާ ގުޅިގެން ރާއްޖޭގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ބައެއް ތަންތަނުން ވަނީ ރަސްމީ ރޭޓުގައި ޑޮލަރު ވިއްކަން ފަށައިފައެވެ.

comment ކޮމެންޓް