ބަންގްލަދޭޝުން ދިވެހި މެޑިކަލް ދަރިވަރުންނަށް އިތުރު ފުރުސަތު ހޯދުމަށް މަޝްވަރާ ކުރައްވައިފި

ރައީސް މުޢިއްޒު ބަންގްލަދޭޝްގެ ޗީފް އެޑްވައިޒަރާ ބައްދަލު ކުރެއްވުން: ސިއްޙީ ދާއިރާގެ އިންޓާންޝިޕް ޕްރޮގްރާމްތަކުގައި ތިބި ދިވެހި ދަރިވަރުންނަށް ޚާއްސަ އިސްކަމެއް ދީގެން، ތަޖުރިބާގެ ފުރުސަތުތައް އިތުރު ކުރުމަށް މަޝްވަރާ ކުރެއްވި -- ފޮޓޯ/ ރައީސް އޮފީސް

ބަންގްލަދޭޝްގައި ސިއްޙީ ދާއިރާގެ އިންޓާންޝިޕް ޕްރޮގްރާމްތަކުގައި ތިބި ދިވެހި ދަރިވަރުންނަށް ޚާއްސަ އިސްކަމެއް ދީގެން، ތަޖުރިބާގެ ފުރުސަތުތައް އިތުރު ކުރުމަށް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުޙައްމަދު ޔޫނުސް އާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާ ކުރައްވައިފިއެވެ.

ބަންގްލަދޭޝްގެ އެޑްވައިޒަރާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވީ، އދ. ގެ 79ވަނަ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ޓަކައި އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް މުޢިއްޒުވަނީ ދެ ގައުމުގެ ދެމެދުގައި ވަކީން ޚާއްސަކޮށް، އެކްސްޗޭންޖު ޕްރޮގްރާމްތައް މެދުވެރިކޮށް ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ބޭނުންތެރިކަން ފާހަގަ ކުރައްވައިފައެވެ.

އަދި ސިއްޙީ ދާއިރާގެ އިންޓާންޝިޕް ޕްރޮގްރާމްތަކުގައި ތިބި ދިވެހި ދަރިވަރުންނަށް ޚާއްސަ އިސްކަމެއް ދީގެން، ތަޖުރިބާގެ ފުރުސަތުތައް އިތުރު ކުރުމަށް އެ މަނިކުފާނުވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ވެސް މި ބައްދަލު ކުރެއްވުމުގައި ދެ ލީޑަރުން ވަނީ މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމަށް މަޝްވަރާ ކުރައްވައިފައެވެ. އޭގެ ތެރޭގައި އެކްސްޗޭންޖު ޕްރޮގްރާމްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި އިގްތިސާދީ ދާއިރާގެ އިތުރުން މެރިޓައިމް ދާއިރާއިން އެއްބާރުލުން ދިނުމަށް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ ލީޑަރުން ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާކޮށް، މަޝްވަރާ ކުރެވުނު މައްސަލަތަކުގައި އެއްބާރުލުން އިތުރުކުރާނެ ކަމުގެ ދެއްވައިފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ޓަކައި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެ ލީޑަރުން ވެސް ދެއްވިއެވެ.

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ދަނީ އެކި ގައުމުތަކުގެ އިސްވެރީންނާ ބައްދަލު ކުރައްވައި، މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްމުންނެވެ.

މިއީ އެ މަނިކުފާނު އދ. ގެ މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި، އަދި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް