މާލޭގެ މަގުތަކާއި އާންމު ތަންތަނުން ޕާކިން ސްލޮޓްތައް ކުށްޔަށް ދޫކުރުން ހުއްޓާލުމަށް ޓްރާންސްޕޯޓު މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް މިއަދު އަންގައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ކުރި އިއުލާނެއްގައިވަނީ، މިއަދުން ފެށިގެން މާލޭ ސިޓީ ކައުންސިލުން، މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް، ނުވަތަ އެ ނޫން ވެސް ގޮތަކަށް ދިނުން ހުއްޓައިލުމަށް އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އަދި މާލޭ ސިޓީ ކައުންސިލުން މި ތާރީޚާ ހަމަޔަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައް ވެސް، އެ ފަދައިން ނުވަތަ އެ ނޫން ގޮތަކަށް ދޫކުނުކުރުމަށް ވެސް އެ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި ނިންމުން ނިންމާފައިވަނީ އެންމެހައި ރައްޔިތުންނަށް ހަމަހަމަ ގޮތުގައި މަގުތަކުގައިވާ އާންމު ޖާގަތަކުގެ ބޭނުން ހިފޭގޮތަށް ކަންކަން ފަހިކުރުމަށް މިހާރު ފަށާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މިއީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުން ކުރުމުގައި ދަތިވެފައިވާތީއާއި، އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ޙައްލުކުރުމަށް މަގުފަހިކުރުމަށް ނިންމި ނިންމުމެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.
މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރަން 1،000 ޕާކިން ސްލޮޓް ވިއްކަން މާލެ ސިޓީ ކައުންސިލުން ނިންމީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެންނެވެ.
އޭރު އެ މަނިކުފާނު ވިދާޅުވީ މާލޭގެ ޕާކިން މައްސަލައަށް އޮތް ހައްލަކީ މާލޭގެ އެކި ސަރަހައްދުތަކުގައި މިކްސްޑް ޕާކިން ބިލްޑިންތަކެއް އެޅުން ކަމަށެވެ. އެހެން ނަމަވެސް އެއީ ކައުންސިލްގެ ބަޖެޓުން އެކަނި ކުރެވޭވަރުގެ ކަމެއް ނޫން ކަމަށާއި، ސްލޮޓް ކުއްޔަށް ދޫކުރީ ވަގުތީ ހައްލެއް ގެނައުމަށް ކަމަށް އޭރު އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.