މީހުން ލައްވާ އެސައިމަންޓު ހަދާތީ، އެމްކިއުއޭއިން ފާސްވާ އުސޫލު ހަރުކަށިކުރަނީ

އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު: އޭނާ ވިދާޅުވީ މީހުން ލައްވާ އެސައިމަންޓު ހަދާތީ، އިމްތިހާނުތަކަކުން 50 ޕަސެންޓު ފާސްވާންޖެހޭ ގޮތަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށް -- ފޮޓޯ/ އެމްކިއުއޭ

މަތީ ތައުލީމަށް ކިޔަވާ ދަރިވަރުން ހަދާ ކޯސްތަކުގެ ހުރިހާ އިމްތިހާނުތަކަކުން 50 ޕަސެންޓު ފާސްވާންޖެހޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެކްރިޑޭޝަން އުސޫލަށް ބަދަލުގެންނަން ނިންމައިފިއެވެ.

މަތީ ތައުލީމަށް ކިޔަވާ ދަރިވަރުން ކޯސްތަކުން ފާސްވެ، އެކުދިންގެ ފެންވަރު ކަނޑައަޅަނީ ގިނަފަހަރަށް ހަދާ އެސައިމަންޓްތަކުންނެވެ. އެގޮތުން ބައެއް ކޮލެޖް ޔުނިވަސިޓީތަކުން ކުއްޖާ ކޯހުން ފާސްވުމަށް ޓަކައި 70 ޕަސެންޓު މާކުސް ދެވިގެން ދަނީ ވެސް ހަދާ އެސައިމަންޓްތަކުންނެވެ. އަނެއްބައި ކޯސްތަކުން ފާސްވުމަށް ޓަކައި 100 ޕަސެންޓު މާކުސް ވެސް ހަމައެކަނި އެސައިމަންޓްތަކުން ނަގައެވެ.

"ސަން" އަށް މައުލޫމާތުދެއްވާ އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ އެކަމުގެ ނާޖާއިޒް ފައިދާ ވަރަށް ބޮޑަށް ނަގާ ކަމަށެވެ. ގޭގައި ނިންމަން ހަވާލުކުރާ އެސައިމަންޓްތައް ގިނަފަހަރަށް ދަރިވަރު އަމިއްލައަށް ނިންމުމުގެ ބަދަލުގައި ކޮންމެވެސް އެހެން ފަރާތެއްގެ އެހީތެރިކަމާއެކު ނިންމާ މައްސަލަ ވަރަށް ބޮޑު ކަމަށް ފިޒާނާ ވިދާޅުވިއެވެ.

އެގޮތުން އެހެން މީހަކު ލައްވާ އެސައިމަންޓް ހެދުމާއި އެސައިމަންޓު ނިންމުމަށް އެހީތެރިވެދޭ ބައެއް ޕޭޖުތަކާއި ވެބްސައިތްތައް ބޭނުންކޮށްގެން ވެސް އެސައިމަންޓްތައް ހަދާ މައްސަލަތައް ވަރަށް ގިނައެވެ.

ދެން ބައެއް ޕޭޖުތަކުގެ އެހީގައި ވެސް އެސައިމަންޓްތައް އެބަ ހަދާ. އެއް ޕޭޖު ރިޕޯޓުކުރާއިރަށް އަނެއްކާ އަނެއް ދުވަހު އެހެން ޕޭޖެއް އެބަ ހަދާ. މިހުންނަނީ އަޅުގަނޑުމެންނަށް ހުއްޓުވޭނެ ކަންކަމެއް ނޫން، އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު

އެކަމަށް ހައްލެއް ހޯދައި، ކޯސް ފުރިހަމަ ކުރާ ދަރިވަރުންގެ ފެންވަރު ކަށަވަރުކުރުމަށް ޓަކައި އެމްކިއުއޭއިން ނިންމީ، އެ ކޯހަކުން ފާސްވުމަށް ޓަކައި އިމްތިހާނުތަކުގައި ބައިވެރިވެ، 50 ޕަސެންޓު ފާސްވާންޖެހޭ ގޮތަށް ބަދަލުގެނައުމަށެވެ.

ފިޒާނާ ވިދާޅުވީ އެ ނިންމުން އެމްކިއުއޭއިން މިހާރު ނިންމާފައިވާއިރު ވަރަށް އަވަހަށް އެ ބަދަލު ގެނެސް އެގޮތަށް އަމަލުކުރަން ފެށޭނެ ކަމަށެވެ.

އެ ނިންމުން ނިންމާފައި ވަނީ މަތީ ތައުލީމާ ބެހޭ މަރުކަޒުތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރެއްވުމަށްފަހު ކަމަށް ފިޒާނާ ވިދާޅުވިއެވެ.

އެހެންމީހުން ލައްވާ އެސައިމަންޓުތައް ހަދަނީ އާންމުކޮށް އަގު ދީގެންނެވެ. ނަމަވެސް ހިލޭ އެކަން ކުރެވޭނެ ޕޭޖުތައް ވެސް މިހާރު ވަރަށް ގިނައެވެ. އެގޮތަށް އެކަން ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ އެ ދަރިވަރެއް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވެސް ގަވާއިދުގައި އޮވެއެވެ.

comment ކޮމެންޓް