ގއ. ވިލިނގިލީގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފި

އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ގއ. ވިލިނގިލީގައި ފަށައިފި--- ފޮޓޯ/ ސަރުކާރު

ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ގއ. ވިލިނގިލީގައި މިއަދު ފަށައިފިއެވެ.

މިއީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދޭންފެށި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ޚިދުމަތް ދެނީ ހަމައެކަނި ވެލާނާގެ ބިލްޑިންގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ޑީއެންއާރުގެ އޮފީހުގައެވެ.

ވިލިނގިލީގައި މި ޚިދުމަތް ފެށުމުގެ ގޮތުން މިއަދު އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޑީއެންއާރު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބް އަޙްމަދު އާލީ އާއި މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގއ. އަތޮޅު ކައުންސިލާއެކު އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމަށް ޓަކައި ޑީއެންއާރުން ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުގެ ނަމުގައެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 1993 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.

ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފަށާފައި ވަނީ ކޮވިޑާ ގުޅިގެން 2021 ވަނަ އަހަރުގައެވެ.

އެއަށްފަހު ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކުރެވި، އަމިއްލައަށް ކާޑަށް ހުށަހެޅޭ ގޮތަށް ހަމަޖެހުނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އަދި މިހާރު ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވައިދެއެވެ.

comment ކޮމެންޓް