ބައެއް ރަށްރަށުގައި ސޯލާގެ ބިނާރު ޖަހައި، އޭގެ އަޑި އެހެނިހެން ގޮތްތަކަށް ބޭނުންކުރެވޭ ގޮތަށް ސޯލާ ހަރުކުރަމުން އަންނަ ކަމަށް އެންވަޔަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރަށްރަށުގައި ސޯލާ ޕެނަލްތައް ޖެހުމުން ރަށުގެ ބިމުން ބޮޑު ސަރަހައްދެއް ގެއްލޭ ކަމަށެވެ.
އެހެންވެ، މިކަމަށް އާ ގޮތްތައް ހޯދައިގެން ސޯލާ ޖެހުމުގެ މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވެފައިވެއެވެ.
އޭގެތެރޭގައި ބައެއް ރަށްރަށުގައި މިހާރު ސޯލާ ޕެނަލް އެބަ ސްޓްރަކްޗާއެއްގެ މަތީގައި ޖަހާފައި، އަޑި ބޭނުން ކުރެވޭ ގޮތަށް ވެސް އެބަ މަސައްކަތް ކުރޭ. އެހެންވީމާ މިވެސް އިތުރު ޚަރަދުތަކެއްދާ ކަމެއް ހަމައެކަނި ބިންމަތީގައި ނުޖަހާ ސްޓްރަކްޗާއެއް މަތީގައި، ނޫނީ ގެއެއް ނުހުންނަ ތަނެއްގައި ސްޓްރަކްޗާއެއްގެ މަތީގައި ޖަހާފައި އަޑި އެކި ގޮތްގޮތަށް ބޭނުން ކުރެވޭ ގޮތް ހެދުން
މީނިސްޓަރު ތޯރިގް އިތުރަށް ވިދާޅުވީ، އެފަދައިން ބިނާރެއްގެ މަތީގައި ސޯލާ ހަރުކޮށް، އޭގެ އަޑި ބޭނުން ކުރެވޭ ގޮތަށް ތ. އަތޮޅުގެ ރަށްތަކުގައި ސޯޯލާ ޖަހައި ނިމިފައިވާ ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް: ބައެއް ރަށްރަށުގައި ބިނާރު ޖަހައި، އޭގެ އަޑި ބޭނުންކުރެވޭ ގޮތަށް ސޯލާ ޖަހަނީ --- ފޮޓޯ/ މިނިސްޓްރީ
އެގޮތުން، ބައެއް ރަށްރަށުގައި ކާރު ނުވަތަ އުޅަނދުތައް ޕާކު ކުރުމަށާއި ޖިމެއްގެ ގޮތުގައި އަދި އެއްޗެހި ރައްކާކުރާ ގުދަނެއް ނުވަތަ ކުދި ކެފޭތައް ހެދުމަށް ބިނާރުގެ އަޑި ބޭނުން ކުރުމަށް ތައްޔާރު ވަމުން އަންނަކަން ތޯރިގް ފާހަގަކުރައްވާފައި ވެއެވެ.
މީގެއިތުރުން، ސިޑްސް ފަދަ ބޮޑެތި މީޓިންތަކުން އެފަދަ ސިސްޓަމްތައް ފުޅާކުރުމަށް މަގުފަހިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އަޅުގަނޑުމެން ރާއްޖޭން އެހާ ބޮޑެތި ބިން ނުލިބޭތީ، ދެވަނަ ކަމަކަށް އަޅުގަނޑުމެން މިދަނީ ފްލޯޓިން ސޯލާ ޖެހުމުގެ މަސައްކަތް ކުރަމުން. އެގޮތުން އައްޑޫގައި 10 މެގަވޯޓްގެ ސޯލާ ޖަހަން އިއުލާންކޮށްފި. ޓެންޑަރިން ޕްރޮސެސްގަ މިއުޅެނީ
އިނިޝިއަލް އެޕްރޫވަލް ދެވިފައި އޮތް އެސްއީޒެޑްގެ ޕްރޮޖެކްޓެއްގެ ތެރެއިން މާލެ ސަރަހައްދުގައި 100 މެގަވޯޓް ސޯލާ ޖެހުމަށް ނިންމާފައިވާ ކަމަށް ތޯރިގް ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖުގައި ޖަހާފައިވާ ސޯލާ ޕެނަލްތައް: ބައެއް ރަށްރަށުގައި ބިނާރު ޖަހައި، އޭގެ އަޑި ބޭނުންކުރެވޭ ގޮތަށް ސޯލާ ޖަހަނީ --- ފޮޓޯ/ މޯލްޑިވްސް ރިޕަބްލިކް
މިފަދަ ކަންކަން ރާއްޖެއަށް ފަހިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ހައި ލެވެލްގެ މިޓީންތަކުން ކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެންވަޔަމެންޓް މިނިސްޓްރީން ވަނީ "މަގޭ ސޯލާ" ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ، 750 ގޭބިސީއަކަށް ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.
ރައީސް މުއިއްޒު ވަނީ، އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ގައުމަށް ބޭނުންވާ ކަރަންޓުގެ 33 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ވަޢުދުވެވަޑައިގެންފައެވެ.