ބިދޭސީ މަސައްކަތްތެރިން އެތެރެކުރި މައްސަލައެއްގައި މެލޭޝިއާގެ އިމިގްރޭޝަން އޮފިސަރުންތަކެއް ހައްޔަރުކޮށްފި

ގަވާއިދާ ޚިލާފަށް ބިދޭސީ މަސައްކަތްތެރިން އެތެރެކުރި ކަމުގެ ތުހުމަތުގައި މެލޭޝިއާގެ އިމިގްރޭޝަން އޮފިސަރުންތަކެއް ވަނީ ހައްޔަރުކޮށްފައި. ފޮޓޯ/ފްރީމެލޭޝިއާޓުޑޭ

ގަވާއިދާ ޚިލާފަށް ބިދޭސީ މަސައްކަތްތެރިން އެތެރެކުރިކަމުގެ ތުހުމަތުގައި މެލޭޝިއާގެ 49 އިމިގެރޭޝަން އޮފިސަރުން ހައްޔަރުކޮށްފިއެވެ.

އޭގެތެރޭގައި އެ އިދާރާގެ އިސް މުވައްޒަފުންތަކެއް ވެސް ހިމެނޭ ކަމަށް ޗެނަލް ނިއުސް އޭޝިއާއިން ރިޕޯޓުކޮށްފައިވެއެވެ.

މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ)ގެ ވެރިޔާ އައްޒާމް ބާކީ ވިދާޅުވީ އެ މައްސަލައިގެ މޭސްތިރި ކަމަށް ތުހުމަތު ކުރެވެނީ 40 އަހަރުގެ ސީނިއާ އޮފިސަރަކަށް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އޭނާ ވަނީ ގާތްގަނޑަކަށް 50 އިމިގްރޭޝަން އޮފިސަރުންނަށް ނުފޫޒު ފޯރުވާފައި. ގާތްގަނޑަކަށް 20 އަހަރު ވަންދެން އެ ޑިޕާޓްމަންޓުގައި އޭނާ ޚިދުމަތް ކުރެއްވި،" އަޒާމްއާ ހަވާލާދީ ދަ ސްޓާ އިން ރިޕޯޓްކޮށްފައިވެއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ ފަސްވަނަ ދުވަހު، އިތުރު ބަޔަކާއެކު ފިލަން މަސައްކަތް ކުރުމުންނެވެ.

އައްޒާމް ވިދާޅުވި ގޮތުގައި އޭނާގެ އޭޖެންސީން ވަނީ އޮޕަރޭޝަންތައް ފެށުމުގެ ކުރިން ހަ މަސް ވަންދެން ޖާސޫސީ މައުލޫމާތު އެއްކޮށްފައެވެ.

"މިއަދާ ހަމައަށް އަޅުގަނޑުމެން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަން ޑިޕާޓްމަންޓުގެ 49 އޮފިސަރުންނާއި ފުލުހަކާއި ދެ އޭޖެންޓުންގެ އިތުރުން މުލް ބޭންކް އެކައުންޓްތައް ސަޕްލައިކުރި އަށް މީހަކު،" އައްޒާމް ވިދާޅުވިއެވެ.

ފްރީ މެލޭޝިއާ ޓުޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތިން އޮޕަރޭޝަނެއްގައި އެމްއޭސީސީން ވަނީ އެއް މިލިއަން ރިންގިޓް ނުވަތަ 234،000 އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާގެ އަތުލައިގަނެފައެވެ. އަދި ޖުމްލަ 215 ބޭންކް އެކައުންޓް ފްރީޒްކޮށްފައިވެއެވެ.

ޗެނަލް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މީހުން އެތެރެކޮށްފައި ވަނީ މިޔަންމާ، ބަންގްލަދޭޝް، އިންޑޮނޭޝިއާ، އިންޑިއާ، ނޭޕާލް އަދި ޕާކިސްތާނުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް