އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވާއިދަށް ބަދަލުތަކެއް، ދިވެހީން ވެސް ސަމާލުވާން ޖެހޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: އިނގިރޭސިވިލާތަށް ދާ މީހުން އިމިގްރޭޝަން ގަވައިދުތަކަށް ސަމާލުވާން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިނގިރޭސިވިލާތުން އިމިގްރޭޝަން ގަވާއިދަށް ބަދަލުތަކެއް ގެންނާތީ، އެ ގައުމަށް ދަތުރުކުރާ ދިވެހީން އެކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސިވިލާތުގެ ސަރުކާރުން އެ ގައުމުގެ އިމިގްރޭޝަން ގަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަން އެ ގައުމުން އަންގާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، އެ ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ އިނގިރޭސިވިލާތުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އެ ގައުމަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުން ކަމަށެވެ.

އެ ބަދަލާއެކު، އަންނަ ނޮވެމްބަރު މަހުގެ 27އިން ފެށިގެން، ރާއްޖެ ހިމެނޭ ގޮތަށް 49 ގައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ)އަށް ރިކުއެސްޓް ކުރެވޭނެއެވެ. އެއަށްފަހު، އަންނަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ދިވެހީންނަށް އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީޓީއޭ ހޯދުމަށްފަހުގައެވެ

އިނގިރޭސިވިލާތުން ހާމަކޮށްފައިވާ ގޮތުގައި އީޓީއޭއެއްގެ އަގަކީ 10 ޕައުންޑެވެ. އަދި އީޓީއޭގެ މުއްދަތަކީ ދެ އަހަރު ދުވަސް ކަމަށާއި، ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން ހަ މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް އެކި ފަހަރުމަތިން ދަތުރުކުރުމުގެ ހުއްދަ ދެވޭނެކަމަށް އެ ގައުމުން ބުނެފައިވެއެވެ.

މީގެ އިތުުރުން އާ ގަވައިދުތަކުގައިވާ ގޮތުން އަންނަ އޭޕްރިލް މަހުގެ ދެވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުން ވެސް އެ ގައުމަށް ދަތުރުކުރުމުގެ ކުރީން އީޓީއޭއަށް ރިކުއެސްޓް ކުރަން ޖެހޭނެއެވެ.

އީޓީއޭއާ ބެހޭ އިތުރު މައުލޫމާތު އިނގިރޭސިވިލާތުގެ ސަރުކާރުގެ ޚިދުމަތްތަކާ ބެހޭ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިނގިރޭސިވިލާތަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅުން ބަދަލުކޮށްފައިވާ އަދި ތައުލީމު ހާސިލުކުުރުމަށާއި ޗުއްޓީއަށާއި ވިޔަފާރިއަށް ވެސް ދަތުރުކުރާ ގައުމެކެވެ.

comment ކޮމެންޓް