ކ. ތިލަފުށިން އުތުރުތިލަފަޅަށް ގިރާވަރު މެދުވެރިކޮށް ބްރިޖެއް އެޅުމަށް ފީސިބިލިޓީ ދިރާސާ ހަދަން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ އިސްވެރިންނާ އެކު އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މަޝްވަރާ ކުރައްވައިފިއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ، ކ. ތިލަފުށިން އުތުރުތިލަފަޅަށް ގިރާވަރު މެދުވެރިކޮށް ބްރިޖެއް އެޅުމުގެ ފީސިބިލިޓީ ދިރާސާ ހެދުމަށް އޭއައިއައިބީގެ އިސްވެރިންނާއެކު މިނިސްޓަރު މުއްތަލިބު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ، މި މަޝްރޫޢަކީ ކުރިމަގުގައި މި ސަރަޙައްދުގެ ގުޅުން ބަދަހިކޮށް، އިގުތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ގާތްގަނޑަކަށް 187 ރަށް އޮތްއިރު މި ރަށްރަށުގައި އުމްރާނީ ތަރައްގީ ކުރިއެރުވުމަށްޓަކައި ގިނަގުނަ މަޝްރޫއުތަކެއް މިހާރު ވެސް ހިންގަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކުން މިހާރުވެސް ރާއްޖޭގައި ހަތަރު މަޝްރޫއެއް ހިންގުމަށް ފަންޑިން ދޫކޮށްފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން ކޮވިޑް މެނޭޖްމަންޓް ހެލްތް ޕްރިޕެއާޑްނެސް ޕްރޮޖެކްޓްގެ އިތުރުން ގްރޭޓާ މާލެ އޭރިއާގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢު އަދި ސޯލާ ޕަވާ ޑިވެލޮޕްމަންޓް ފަދަ މަޝްރޫއުތައް ހިމެނެއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކަށް ބައިނަލްއަގުވާމީ އެހީ ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ތިލަފުށްޓާއި ގިރާވަރާއި އުތުރުތިލަފަޅު ގުޅުވާލުމަށް ބުރިޖެއް އަޅަން ނިންމައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވައެވެ.
އެ މަނިކުފާނު ވިދާޅުވެފައިވަނީ އޭއައިއައިބީއާ އެކު މަޝްވަރާކޮށް، އެ މަޝްރޫއަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އުއްމީދަކީ 2026ގައި އަމަލީ މަސައްކަތް ފަށައި، ގިނަވެގެން ތިން އަހަރު ތެރޭ މަޝްރޫއު ނިންމާލުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.