ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއާއި އިޓާލިއަން ސެރީއާގެ އިންޓާ މިލާން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ.
ގިނައިރު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތަކެއް ސިޓީން އުފެއްދި ނަމަވެސް އެންމެ ފާހަގަކޮށްލެވޭ ކުޅުން ސިޓީއަށް ނުދެއްކުނެވެ.
އިންޓަ މިލާނުން މެޗުގައި ޑިފެންސަށް އިސްކަންދީގެން ކުޅުމުގެ ނަތީޖާއެއްގެ ގޮތުން ސިޓީއަށް ލަނޑެއް ނުޖެހުނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ މެދުތެރެއިން އެންމެ މުހިންމު ދައުރެއް އަދާކުރާ ކެވިން ޑި ބްރުއިނާއަށް އަނިޔާވެ، ދެވަނަ ހާފަށް ކުޅެން އެރިއިރު ވަނީ ބަދަލުކޮށްފައެވެ.
މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި ދެ ޓީމުގެ މި ކުރިމަތިލުމުގެ ފަހު ހާފުގައި ސިޓީން އެ ޓީމުގެ ހަމަލާތަށް ވަރުގަދަ ކުރި ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ހެދޭގޮތެއް ނުވިއެވެ. މީގެ ތެރެއިން ވެސް ދެވަނަ ހާފުގައި ކުޅެން އެރި ދެ ކުޅުންތެރިން ކަމަށްވާ ފިލް ފޯޑެންއާއި އިލްކާއި ގުންޑޮގާންއަށް ލިބުނު ފުރުސަތުތައް ފާހަގަވިއެވެ.
މިއީ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 40 މެޗުގައި އެ ޓީމަށް ލަނޑެއް ކާމިޔާބުނުކުރެވި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މެޗުގައި ސިޓީއަށް ވާދަކުރަން ޖެހުނީ ވަރަށް އުނދަގޫ ޓީމަކާ ކަމަށެވެ. އެ ޓީމުން ޑިފެންޑް ކުރަމުންދިޔަލެއް ވަރުގަދަ ކަމާ އެކު ވެސް އޭނާގެ ކުޅުންތެރިންވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަނަވަސްކޮށްފައި ކަމަށާއި ނަމަވެސް ނިންމާ ނުލެވުނީ ކަމަށް ގާޑިއޯލާ ބުންޏެވެ.
ސިޓީ ކުޅޭ ދެވަނަ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ސްލޮވަކް ސުޕާ ލީގާގެ ސްލޮވަން ބްރަޓިސްލާވާ ދެކޮޅަށެވެ. އިންޓާއިން ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި ސާބިއަން ސުޕާ ލީގާގެ ކްރިވެނާ ޒުވެޒްޑާއާއެވެ.
ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިޓާލިއަން ސެރީއާގެ ބޮލޯނިއާއާއި ޔޫކްރެއިންގެ ޝަކްޓާ ޑޮނެސްކް ބައްދަލުކުރި މެޗު ނިމުނީ ވެސް ލަނޑެއް ކާމިޔާބު ނުކުރެވި، އެއްވަރުވެގެންނެވެ.
މެޗުގައި ޝަކްޓާއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް، މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. ދެވަނަ މެޗުގައި ބޮލޯނިއާ ރަށުން ބޭރުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލާއެވެ. އަދި، ޝަކްޓާ ބައްދަލުކުރާނީ އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލާއެވެ.