މާލޭގެ މަގުތަކުގައި ފެންބޮޑުވެ ސިފައިން ނިކުމެ ފެން ހިންދުމުގެ މަސައްކަތް ފަށައިފި

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި--- ފޮޓޯ/ އެމްއެންޑީއެފް

މިރޭ މާލެއަށް ބޯކޮށް ވެެހުނު ވާރެއާ ގުޅިގެން ވެރިރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއެކު، ސިފައިން ނިކުމެ މަގުތަކުގެ ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ނިކުމެ ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

"ސަން" އަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ މާލޭގެ ތިން ސަރަހައްދެއްގައި ފެންދުމުގެ މަސައްކަތުގައި ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެގޮތުން އައިޖީއެމްއެޗާއި ވެސްޓު ޕާކު ސަރަހައްދުގެ އިތުރުން ހެންވޭރުކޮޅުގައި ހުންނަ ޖެލީ ސަރަހައްދުގައި ފެންހިންދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި--- ފޮޓޯ/ އެމްއެންޑީއެފް

މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ދެ ދުވަހުވެސް މާލެ ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށާ ނަމަވެސް މާދަން ބޯކޮށް ވާރޭ ނުވެހޭނެ ކަމަށް ލަފާކޮށްފައެވެ.

އެ އިދާރާއިން ވަނީ ކާފު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދުގެ 15:45 އިން ފެށިގެން 21:45 އަށް ހުދު ސަމާލު ވެސް ނެރެފައެވެ. މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި އަދި ވިލާގަނޑަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން މިދަނީ މޫސުމީ ވިއްސާރައެއް ކަމަށެވެ.

comment ކޮމެންޓް