ޖެމިނައިގައި ގޫގުލް ކީޕް އަދި ޓާސްކް އެކްސްޓެންޝަންތައް މިހާރު ބޭނުންކުރެވޭނެ

ޖެމިނައި --

ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް، ޖެމިނައިގެ ވެބް ވާޝަނަށް އައު އެކްސްޓެންޝަންތަކެއް ތަޢާރަފުކޮށްފިއެވެ.

މި އަޕްޑޭޓާއެކު، ޔޫޒަރުންނަށް ގޫގުލް ކީޕް އަދި ގޫގުލް ޓާސްކްސް އެޕްލިކޭޝަންތައް ޖެމިނައި މެދުވެރިކޮށް ބޭނުންކުރެވޭނެއެވެ.

މި އެކްސްޓެންޝަންތައް ފުރަތަމަ ތަޢާރަފުކޮށްފައިވަނީ ޕިކްސެލް-9 ސީރީޒްގެ ޖެމިނައި އެޕަށެވެ. ނަމަވެސް، މިހާރު ވަނީ މި ފީޗާ އިތުރު ޔޫޒަރުންނަށް ފޯރުކޮށްދީފައެވެ. ޖެމިނައިގެ ވެބް ވަރޝަންގައި މި އެކްސްޓެންޝަންތައް ހުރިހާ ޔޫޒަރުންނަށް މިހާރު ލިބެން ހުންނާނެއެވެ.

މި އެކްސްޓެންޝަންތައް އެކްޓިވޭޓް ކުރުމަށް، ޔޫޒަރުން ޖެމިނައިގެ ވެބްސައިޓަށް ވަދެ، ތިރީ ކަނުގައިވާ ސެޓިންގްސް އައިކަން ފިތާލަންވާނެއެވެ.

އެއަށްފަހު، "އެކްސްޓެންޝަންސް" ނަގައި، ގޫގުލް ވޯކްސްޕޭސް އޮޕްޝަން އޮން ކުރަންވާނެއެވެ. ނަމަވެސް، މި އެކްސްޓެންޝަން މަސައްކަތްކުރާނީ ޔޫޒަރު ގޫގުލް ވޯކްސްޕޭސް އެކައުންޓަށް ބްރައުޒަރުގައި ސައިން އިން ކޮށްފައިވާނަމައެވެ.

އެކްސްޓެންޝަން އެކްޓިވޭޓް ކުރުމަށްފަހު، ޔޫޒަރުންނަށް ޓެކްސްޓް ފީލްޑްގައި '@' ޖަހައި އެކްސްޓެންޝަންގެ ނަން ޖެހުމުން ބޭނުންކުރެވޭނެއެވެ. މިސާލަކަށް ގޫގުލް ކީޕް މެދުވެރިކޮށް ނޯޓުތަކާއި ލިސްޓުތައް ހެދިދާނެއެވެ. އަދި ޖެމިނައި އޭއައިއިން ލިބޭ ލަފާތައް ސީދާ އެ ލިސްޓަށް އިތުރުކުރެވިދާނެއެވެ.

ހަމައެހެންމެ، ގޫގުލް ޓާސްކްސް އެކްސްޓެންޝަން މެދުވެރިކޮށް ރިމައިންޑަތަކާއި ޓާސްކުތައް އިތުރުކުރެވިދާނެއެވެ. ތާރީޚާއި ގަޑިއާއި ޓާސްކު ބުނެދިނުމުން، އޭއައިއިން އޮޓޮމެޓިކުން ރިމައިންޑަރެއް ހަދައިދޭނެއެވެ.

މި އާ އަޕްޑޭޓާއެކު، ޖެމިނައިގެ ބޭނުންތެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު