ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ރެސިޑެންޝަލް އިމާރާތްތަކުން އެޕާޓްމެންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ފައިސާގެ މުއާމަލާތް ކުރާއިރު ސަމާލުވުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެދިއްޖެއެވެ.
އެޗްޑީސީން އެ ފަދައިން އެދުނީ، ހުޅުމާލޭގައި މިހާރު ތަރައްގީކުރަމުންދާ ރެސިޑެންޝަލް އިމާރާތްތަކުން އެޕާޓްމެންޓު ވިއްކުމާ ގުޅޭ ގޮތުން އެ ކޯޕަރޭޝަނުން މިއަދު ނެރެފައިވާ އިއުލާނެއްގައެވެ.
އެޗްޑީސީން ބުނީ ދިރިއުޅުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ ގޮތުގައި ތަރައްގީކުރަމުން އަންނަ މި ހައުސިން މަޝްރޫތަކުން އެޕާޓްމެންޓް ވިއްކުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ، ޕްރޮޖެކްޓް ހިންގާ ފަރާތާއި އެޕާޓްމެންޓް ގަންނަ ފަރާތާއި އެއްބަސްވާ ގޮތެއްގެ މަތީން ކަމަށެވެ.
ނަމަވެސް އެޕާޓްމެންޓް ގަތުމުގެ ފައިސާގެ މުއާމަލާތުތައް ކުރިއަށް ގެންދަންވާނީ އިމާރާތްކުރާ ފަރާތާއި އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެ ކޯޕަރޭޝަނުން ބުނީ ރެސިޑެންޝަލް އިމާރާތްތަކުން އެޕާޓްމެންޓް ވިއްކަން ފެށުމުގެ ކުރީން ބުކިން ފީއެއްގެ ގޮތުގައި ގިނަވެގެން އެޕާޓްމެންޓްގެ ޖުމްލަ އަގުން އުނި ކުރެވޭ ގޮތަށް 50،000 ރުފިޔާގެ ރިފަންޑަބަލް ފީއެއް ކަސްޓަމަރުންގެ އަތުން ނެގުމުގެ ހުއްދަ ޑިވޮލޮޕަރުންނަށް ލިބިގެން ވާކަމަށެވެ.
އަދި އެޕާޓްމެންޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ ސިވިލް މަސައްކަތުގެ 20 އިންސައްތަ މަސައްކަތް ނިންމާ އެ ކޯޕަރޭޝަނުގެ ހުއްދަ ހޯދުމަށް ފަހުގައިކަމަށްވުމުން ހުއްދަ ލިބުމުގެ ކުރީން ބުކިން ފީގެ އިތުރުން އެއްވެސް ފައިސާއެއް ކަސްޓަމަރުންގެ އަތުން ނުނެގޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެޗްޑީސީއިން ބުނީ އަސޭރިއާ ޕްރޮޖެކްޓް ފިޔަވައި ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ހުރިހާ ރެސިޑެންޝަލް އިމާރާތެއް ވިއްކުމުގައި ވެސް އަމަލްކުރަން ޖެހޭނީ މި ގޮތަށް ކަމަށެވެ.
އަސޭރިއާ ޕްރޮޖެކްޓުގެ އެޕާޓްމެންޓްތަކުން ބުކިން ފީއެއްގެ ގޮތުގައި ކަސްޓަމަރުންގެ އަތުން 950،000 ރުފިޔާގެ ފީއެއް ނެގުމުގެ ހުއްދަ ޑިވޮލަޕަރުންނަށް ލިބިގެން ވާކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އަދި އިމާރާތުގެ ސިވިލް މަސައްކަތުގެ 20 އިންސައްތަ ނުނިމުނު ނަމަވެސް އެ ކޯޕަރޭޝަނާއި ޑިވޮލޮޕަރާއިއެކު އުފައްދާފައިވާ އެކްސްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްގެން އާންމުންނަށް އެޕާޓްމެންޓް ގަނެވޭނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެޗްޑީސީއިން ވަނީ އެޕާޓްމެންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ފައިސާގެ މުއާމަލާތްތައް ކުރުމުގައި މި ކަންތައްތަަށް ސަމާލުވުމަށް އެދިފައެވެ.