ކުންފުނިތަކުގެ ޖަލްސާތައް ބާއްވަންޖެހޭ މުއްދަތު ކުރުކޮށް، ކުންފުނިތަކަށް އައްޔަނުކުރާ ޑިރެކްޓަރުންގެ އަދަދު އިތުރުކުރެވޭ ގޮތަށް، ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައި ބިލު ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މިއީ ކުންފުނީގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށެހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ. އެ އިސްލާހު އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ދައުރުން ބޭރުން ބޭއްވި ތިންވަނަ ޖަލްސާގައެވެ.
އެ ބިލު ބަލައިގެންފައި ވަނީ 85 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
އިސްލާހުގައި ވާގޮތުން ނަމަ، ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރުކުރުމަކަށް ހުރަހެއް ނާޅައެވެ. އޭރުން އެ ކުންފުންޏަކުން ބޭނުންވާ އަދަދަކަށް ޑިރެކްޓަރުން އައްޔަނުކުރެވޭނެއެވެ.
ހަމައެއާއެކު އިސްލާހުގައި ބުނާގޮތުންނަމަ، ޚާއްސަ އާންމު ޖަލްސާ (އީޖީއެމް)އެއް ބާއްވަން އެދިއްޖެ ހާލަތެއްގައި، ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭން ޖެހެއެވެ. އަދި، 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން އިސްލާހުގައި ވަނީ ހުށަހަޅާފައެވެ.
ހަމައެއާ އެކު ހިއްސާދާރުންގެ ޚާއްސަ އާންމު ޖަލްސާއަކަށް ނޯޓިސް ފޮނުވަން ޖެހޭ މުއްދަތު 21 ދުވަހުން ތިން ދުވަހަށް ކުރުކުރަން ވަނީ ހިމަނާފައެވެ. އަދި، ޚާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ފޮނުވަން ޖެހޭ މުއްދަތު 14 ދުވަހުން ހަތް ދުވަހަށް ކުރުކުރުމަށް ވަނީ ހިމަނާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އިސްލާހު ގެނައުމުގެ މަސައްކަތް މަޖިލީހުން ކޮށްފައި ވަނީ އެންމެ ދެ ދުވަސްތެރޭގައެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާގައި އެ ބިލުގެ އިބްތިދާއީ ބަހުސް ދޮޅު ގަނޑިއިރު ތެރޭ ނިންމާލާފައިވެއެވެ. އަދި ބިލު ބަލައިގަނެ އިގްތިސޯދީ ކޮމިޓީއަށް ފޮނުވުމަށްފަހު ހަމަ އެ ދުވަހު އެ ކޮމިޓީން ވަނީ އިތުރު ބަދަލެއް ނުގެނެސް ބިލަށް ރުހުން ދޭން ނިންމާ އަނބުރާ ތަޅުމަށް ފޮނުވާފައެވެ.
ކޮމިޓީން އެ ބިލު ފާސްކުރީ 10 ވަރަކަށް މިނެޓުއިރު ތެރޭގައެވެ. އެ ބިލު ބިލަށް ރުހުން ދިނުމަށް ކޮމިޓީގައި ދެކޮޅު ހަދާފައި ވަނީ އެންމެ މެންބަރެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ މެންބަރުން ބިލު ބަލައިގަތުމަށް މަޖިލިސް ތަޅުމުގައި ވޯޓު ދެއްވި ނަމަވެސް ބަހުސްގެ ވަގުތުގައި މި ބިލާ ދެކޮޅަށް ވާހަކަދައްކަވާފައިވެއެވެ.
ސަރުކާރު މެންބަރުން ވަނީ އެ އިސްލާހުތައް ގެނައުމުން ރައްޔިތުންނަށް އެކަމުގެ ފައިދާތައް ވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި ބީއެމްއެލްއަށް މިހާރު ދިމާވެފައި އޮތް މައްސަލަ ހައްލުކުރުމަށް އީޖީއެމްއަކަށް ގޮވާލާފައިވަނިކޮށް، އެ ކުންފުނީގެ ސީއީއޯ ކާލް ސްޓުމްކަ އިސްތިއުފާދެއްވާފައިވާތީ ކޮންމެހެން ވެސް އެ އިސްލާހުތައް ގެނައުން މުހިންމެވެ.
އެ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން އެ ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އެހެންކަމުން އެ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރެވޭނެއެވެ.