ގެއަށް ދާން އުޅުމުން ލޯބިވެރިޔާއަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

މާލޭ މަގުމަތި: ލޯބިވެރިޔާއަށް އަނިޔާކުރި މީހަކު ވަނީ ބަންދުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯބިވެރިޔާއާ މައްސަލަ ޖެހި، އެކީގައި ދާން ދެކޮޅު ހެދުމުން އެ ކުއްޖާއަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުލުހުން ބުނެފައިވަނީ އެ ޒުވާނާއަކީ މާރާމާރީއާއި އެ ނޫން ވެސް ކުށްތަކުގެ ކުށުގެ ރިކޯޑު ގިނަ މީހެއް ކަމަށެވެ. އެހެންވެ، މައްސަލައިގެ ބާވަތުން އެ ޒުވާނާ ބަންދުގައި ބަހައްޓައިގެން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.

ކޯޓުގައި އަމުރުގައި ވާގޮތުން މި ހާދިސާ ހިނގީ އެ ޒުވާނާގެ ލޯބިވެރިޔާ ގާތުގައި އެކީ ތަނަކަށް ދާން ބުނުމުން އެ ކަމަށް އިންކާރުކޮށް، ގެއަށްދާން އުޅުނު މަގުމަތީގައެވެ. އެގޮތުން، ލޯބިވެރިޔާގެ ފަލަމަސްގަނޑުގައި ޖެހި ކަމަށާއި އެ މާރާމާރީ ހިނގި ސަރަހައްދަށް އެ ކުއްޖާ ގެންދިޔައީ ވެސް ގަދަކަމުން ނުރުހުމުގައި ކަމަށް ކޯޓު އަމުރުގައިވެއެވެ.

އެކަމަކު، މި މައްސަލައިގައި ތުހުމަތުކުރެވޭ ޒުވާނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

އޭނާ ބުނީ، އަނިޔާ ލިބުނު ކުއްޖާއާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމަށާއި އަދި މިހާރު މައްސަލަތަކެއް ޖެހިފައިވާ ކަމަށެވެ. އެކަމަކު، އަނިޔާއެއް ކޮށްފައިނުވާނެ ކަމަށާއި ޖެހީ ފާރެއްގައި ކަމަށް އޭނާ ބުންޏެވެ.

އެ ފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި ދެ މީހުން އެކުގައި މަސްވެރިންގެ ޕާކަށް ދަނިކޮށް، ފުލުހުން އައިސް އެ ޒުވާނާ ހައްޔަރުކުރީ ކަމަށް އޭނާ ކޯޓުގައި ބުންޏެވެ. ވީޑިއޯ ފޫޓޭޖުތަކުން އެކަން އެނގޭނެ ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.

މީގެ އިތުރުން، އެ ޒުވާނާއަކީ މަސްތުވާތަކެތިން އަރައިގަންނަން ފަރުވާ ޕްރޮގްރާމްގައި ބައިވެރިވެގެން އުޅޭ މީހެއް ކަމަށާއި ބަންދުކޮށްފި ނަމަ ފަރުވާ ޕްރޮގްރާމް ފުރިހަމަނުކުރެވޭނެ ކަމަށް ކޯޓުގައި ބުނެފައިވެއެވެ. އަދި، ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ބުނެ، ބަންދަށް ލުޔެއް ދޭން އޭނާ ވަނީ އެދިފައެވެ.

އެކަމަކު، މައްސަލައިގެ ބާވަތުންނާއި ތުހުމަތެއް ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވުމުން އެ ޒުވާނާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. އެހެންވެ، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހު ދެވަނަ ދުވަހަށެވެ.

ތުހުމަތުކުރެވޭ މީހާ ދެއްކި ވާހަކައިގެ ހަގީގަތް ދެނެގަންނަން، ކްރިމިނަލް ކޯޓުގެ ގާޒީ ޙުސައިން ފާއިޒު ރަޝާދު ވަނީ ދެން އަންނަ ޝަރީއަތުގެ މަޖިލީހަކަށް މި މައްސަލައިގެ ވީޑިއޯ ފުޓޭޖު ހުށަހަޅަން އަންގައިފައެވެ. އަދި، ބަންދުގައި ހުންނަ މުއްދަތުގައި ވެސް ފަރުވާ ޕްރޮގްރާމް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަން ފުލުހުންނަށް ވަނީ އަންގައިފައެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންގެ މެދުގައި އަނިޔާގެ މައްސަލަތައް މި ފަހުން ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް