އައިއޯއެސް 18އާއެކު މިހާރު އައިފޯނަށް އާރުސީއެސް މެސެޖިން ލިބޭނެ

އައިއޯއެސް 18 ވަރަށް ތަފާތު ---

އައިއޯއެސް 18 އަޕްޑޭޓާއެކު އައިފޯނަށް މިހާރު އާރުސީއެސް މެސެޖިންގެ ޚިދުމަތް ލިބޭނެއެވެ.

އެޕަލްއިން އައިފޯނުގެ އައިއޯއެސް 18 އަޕްޑޭޓް މި ހަފުތާގެ ހޯމަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަޢާރަފުކޮށްފައިވާއިރު، މި އަޕްޑޭޓާއެކު އާރުސީއެސް މެސެޖިން ޚިދުމަތުގެ އިތުރުން ހޯމް އަދި ލޮކް ސްކްރީން ކަސްޓަމައިޒް ކުރުމާއި، އެޕްތަކަށް ބަދަލުތަކެއް ގެނެސް، ކޮންޓްރޯލް ސެންޓަރުގައި އިތުރު އޮޕްޝަންތަކެއް ވެސް ހިމަނާފައިވެއެވެ.

މި އަޕްޑޭޓުގައި އެންމެ ފާހަގަކޮށްލެވޭ ދެ ފީޗާއަކީ އާރުސީއެސް މެސެޖިން އަދި ޓީނައިން ޑައިލިންއެވެ. މިއީ އެންޑްރޮއިޑް ފޯނުތަކުގައި ކުރިން ވެސް ބޭނުންކުރެވެމުން އައި ފީޗާތަކެކެވެ. އާރުސީއެސް މެސެޖިން މެދުވެރިކޮށް، އެންޑް ޓު އެންޑް އެންކްރިޕްޝަނާއެކު، މަތީ ފެންވަރުގެ މީޑިއާ ފޮނުވުމާއި، ވައިފައި މެދުވެރިކޮށް މެސެޖު ފޮނުވުމުގެ އިތުރުން ޗެޓް އިންޑިކޭޓަރުތައް ބޭނުންކުރެވޭނެއެވެ.

ޓީނައިން ޑައިލިންގެ ޒަރީއާއިން ފޯނު އެޕްގައި ނަންބަރު ޑައިލްކުރުމުގެ ބަދަލުގައި ނަން ޓައިޕްކޮށްގެން ކޮންޓެކްޓުތަކަށް ގުޅޭނެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން އައިއޯއެސް 18 އަޕްޑޭޓުގައި ކޯލް ރެކޯޑިންގެ ފީޗަރު ވެސް ހިމަނާފައިވެއެވެ. އަދި ރެކޯޑުކުރެވޭ ކޯލުތަކުގެ ޓްރާންސްކްރިޕްޓް ނޯޓްސް އެޕްގައި ފެންނާނެއެވެ.

ހޯމް އަދި ލޮކް ސްކްރީނުގައި އައިކަންތަކާއި ކުލަތައް ބަދަލުކުރުމުގެ އިތުރުން، އެޕްތަކާއި ވިޖެޓްތައް ރީސައިޒްކޮށް، ބޭނުން ގޮތަކަށް އަތުރާލުމުގެ ފުރުޞަތު ވެސް މި އަޕްޑޭޓާއެކު ލިބިގެންދާނެއެވެ. އަދި ކޮންޓްރޯލް ސެންޓަރުގައި ސެކަންޑަރީ ޕޭޖުތައް އިތުރުކޮށް، ލޭއައުޓް ބަދަލުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

މި އަޕްޑޭޓުގައި ފޮޓޯސް އެޕް އަލުން ފަރުމާކޮށް، ޕާސްވޯޑްސް އެޕެއް އިތުރުކުރުމުގެ އިތުރުން އެހެނިހެން ގިނަ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ.

ފޯނަށް މިއަޕްޑޭޓް އޮޓޯއިން ނުލިބޭނަމަ މެނުއަލްކޮށް ވެސް އަޕްޑޭޓް ކުރެވޭނެއެވެ. އެގޮތުން، އައިފޯނުގެ ސެޓިންގްސް އެޕް ހުޅުވުމަށްފަހު، "ޖެނެރަލް" އަށް ގޮސް، "ސޮފްޓްވެއާ އަޕްޑޭޓް" އަށް ވަދެވިދާނެއެވެ. މިތަނުން "ޗެކް ފޯ އަޕްޑޭޓް" އޮޕްޝަން ފެންނާނެއެވެ.

އެއަށްފަހު އަޕްޑޭޓް ޑައުންލޯޑް ކުރުމަށް ފަހު، "އިންސްޓޯލް ނައު" ބަޓަން ފެންނާނެއެވެ. އެ ބަޓަން ފިތާލުމުން އަޕްޑޭޓް އިންސްޓޯލް ވާން ފަށާނެއެވެ. އަޕްޑޭޓް އިންސްޓޯލް ވަމުންދާއިރު ފޯނު ރީސްޓާޓް ވެދާނެތީ، ފޯނު ޗާޖަށް ޖަހައިގެން މި ޕްރޮސެސް ފުރިހަމަކުރުން މުހިންމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު