ގަތަރު ފައިނޭންޝަލް ސެންޓަރުން "ޑިޖިޓަލް އެސެޓްސް ލެބް" ފަށައިފި

ގަތަރުގައި ކްރިޕްޓޯ މަނާކޮށްފައިވާއިރު، ފެށިގެން މިދިޔައީ މުޅިން އާ ޚިދުމަތެއް ---

ގަތަރު ފައިނޭންޝަލް ސެންޓަރުން "ޑިޖިޓަލް އެސެޓްސް ލެބް" ފަށައިފިއެވެ.

މި ޚިދުމަތް ފެށުމަށްޓަކައި ގަތަރު ފައިނޭންޝަލް ސެންޓަރު (ކިއުއެފްސީ)ން ވަނީ ވެބް ތްރީގެ ޚިދުމަތްތައް ތަރައްޤީކޮށް، ޓެސްޓްކޮށް އަދި ވިޔަފާރީގެ ގޮތުގައި ފެށުމަށް މަގުފަހިކޮށްދޭ "ޑިޖިޓަލް އެސެޓްސް ލެބް" މިހާރު ފަށައިފައެވެ.

މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިޢުލާނުކުރި މަޝްރޫޢެއްގެ ދަށުން ފެށި ލެބެކެވެ.

ކިއުއެފްސީގެ ސީއީއޯ ޔޫސުފް މުޙައްމަދު އަލް ޖައިދާ ވިދާޅުވީ މި ލެބް މެދުވެރިކޮށް ތަރައްޤީކުރާ ޓެކްނޮލޮޖީތަކުން ގަތަރުގެ މާލީ ދާއިރާ ހަރުދަނާކޮށް، މުއްސަނދިކަން އިތުރުކުރުމުގެ މަރުކަޒަކަށް ހެދުމަށް މަގުފަހިވާނެ ކަމަށެވެ.

މި ލެބްގައި ބައިވެރިވުމަށް 24 ފަރާތެއް ހޮވާފައިވާ ކަމަށާއި، މީގެ ތެރޭގައި ޕޮލިގޮން، ޕާޓިއޯ އަދި އޭއެލްޓީ ރިއަލްޓެކް ހިމެނޭ ކަމަށް ބުނެފައިވެއެވެ. އަދި ގޫގުލް ކްލައުޑް، ދަ ހޭޝްގްރާފް އެސޯސިއޭޝަން އަދި އާރް ތްރީ ފަދަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއެކު ވެސް ގުޅިގެން މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ.

ކިއުއެފްސީން ފަށާ ބިޒްނަސް ޑިވެލޮޕްމަންޓް ފެސިލިޓީގެ ދަށުން އާ ވިޔަފާރިތަކަށް ޓެކްސް ސަޕޯޓާއި ވަޒީފާގެ މިންގަނޑުތަކާއި އިމިގްރޭޝަން ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.

ނަމަވެސް، ބްލޮކްޗެއިން ޓެކްނޮލޮޖީއަށް މަރުޙަބާ ކިޔާ ގަތަރުން ކްރިޕްޓޯ ކަރަންސީއާ މެދު ދެކެނީ ފަރުވާތެރިކަމާއެކުގައެވެ. 2020 ވަނަ އަހަރުން ފެށިގެން ގަތަރުގައި ކްރިޕްޓޯ ކަރަންސީގެ ޚިދުމަތްތައް މަނާކޮށްފައިވާ ކަމަށް ދޯހާ ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ.

ޑިޖިޓަލް އެސެޓްސް ލެބްގެ މައިގަނޑު އަމާޒަކީ ވެބް ތްރީ ޓެކްނޮލޮޖީތައް ތަރައްޤީކޮށް، އޭގެ ބޭނުން ވިޔަފާރިތަކުގައި ހިފުމަށް މަގުފަހިކޮށްދިނުމެވެ.

މި ލެބްގައި ބައިވެރިވާ ކުންފުނިތަކުން ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި ދާއިރާތަކަށް ޚާއްޞަ ޙައްލުތައް ތަރައްޤީކުރުމަށް މަސައްކަތްކުރާނެއެވެ. މިސާލަކަށް، ރިއަލް އެސްޓޭޓް ދާއިރާގައި މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ ގޮތްތަކާއި، ބޮންޑް މާކެޓް އިތުރަށް ތަރައްޤީކުރެވިދާނެ ގޮތްތައް ހޯދުމަށް މަސައްކަތްކުރާނެއެވެ.

މީގެ އިތުރުން، ޑޭޓާ ރައްކާތެރިކަމާއި ސައިބާ ސެކިއުރިޓީއަށް އަމާޒުކޮށްގެން ވެސް އައު ޓެކްނޮލޮޖީތައް ތަރައްޤީކުރުމަށް ރޭވިފައިވެއެވެ.

މި ލެބްގެ ސަބަބުން ގަތަރުގެ ޑިޖިޓަލް އިކޮނޮމީ އިތުރަށް ކުރިއަރައި، ބައިނަލްއަޤްވާމީ ފެންވަރުގައި މުހިންމު މަރުކަޒަކަށް ވުމަށް މަގުފަހިވާނެ ކަމަށް ކިއުއެފްސީން އުންމީދުކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު